22 މެއި 2018 - 13:44

ބެޑްމިންޓަނަށް އުމުރުން ތިން އަހަރުގައި ހިތްދޫވި، ޒަޔާން ޒަކީ ކުޅެން ގެންދިޔަ ފުރަތަމަ ދުވަހު ކޯޗު އޭނާ ގާތު ބުނީ ބޫޓަށް އަރާށާ ނާޑުވާ އައްސަން އަމިއްލައަށް ދަސްކޮށްގެން އައުމަށެވެ. ކުޑަކުޑަ ޒަޔާން އެކަން ދަސްކުރި އެވެ. އެހެން ކޯޗަކު ޒަޔާނާ ދިމާލަށް ބުނީ އޭނާގެ ކިބައިގައި އެއްވެސް ހުނަރެއް ނެތް ކަމަށާއި އެހެން ކުޅިވަރެއް އިހުތިޔާރުކުރުމަށެވެ. އެންމެ ލޯބިވާ ކުޅިވަރުން ކުރިއަށް ދިއުމަށް އޭނާ ދެކެމުން އައި ހުވަފެނަށް އެ ބަސްތައް ވެސް ހުރަހަކަށް ނުވި އެވެ. ދެން ދިމާވީ އިންތިހާއަށް ބަރުދަން މަތިވުމުގެ މައްސަލައެވެ. އެކަމާ އޭނާ ކުރިމަތިލީ ހަލުވި ކުޅުންތެރިންނާ ދެކޮޅަށް ސިކުނޑި ބޭނުންކޮށްގެން ކުޅެގެންނެވެ.

މިއަދު އެ ހުރިހާ ގޮންޖެހުންތަކާ ކުރިމަތިލައި ޒަޔާން އެތައް ކާމިޔާބީތަކެއް ހޯދައިފި އެވެ. ބުރަ މަސައްކަތުން ބަރުދަން ލުއިކޮށް އެއްވަރެއްގައި ހިފަހައްޓައިފި އެވެ. އުމުރުން 15 އަހަރުގައި ސީނިއާ ގައުމީ ޓީމުން ޖާގަ ހޯދައި، 2014 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސް އާއި 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ގައުމީ ޓީމުގެ ކެޕްޓަންކަންކުރި އެވެ. އެ ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ފިރިހެން ޓީމު ރިހި މެޑަލް ހޯދިއިރު އޭނާ ބޮޑު ހިއްސާއެއްވި އެވެ.

އަދި ކުޅުމަށް ދިން ސަމާލުކަން، އޭނާގެ ތައުލީމީ ހަޔާތަކަށް ހުރަހަކަށް ވިޔަކަނުދިނެވެ. އުމުރުން 24 އަހަރުގައި އޭނާ ވަނީ އިނގިރޭސި ވިލާތުން ސްޕޯޓްސް، ހެލްތު އެންޑް އެކްސަސައިޒް ސައިންސަސް އިން ޑިގްރީ ހާސިލްކޮށްފަ އެވެ. ހަގީގަތުގައި އޭނާ ކިޔެވުމާއި ކުޅުން ވެސް އެއްވަރެއްގައި ހިފެހެއްޓި އެވެ. އޭނާ ކިޔެވި ލަންޑަނުގެ ބްރުނެލް ޔުނިވާސިޓީގެ ބެޑްމިންޓަން ޓީމުގެ ޓީމުގެ ކެޕްޓަންކަންކުރި އެވެ. އަދި ކިޔަވަމުން އޭނާ ވަނީ އެ ޓީމާ އެކު ތަމްރީން ހަދައި މުބާރާތްތަކުގައި ވެސް ވާދަކޮށްފަ އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން އޭނާ އެހުރީ ރާއްޖޭގެ އެއް ވަނަ ފިރިހެން ކުޅުންތެރިޔާގެ ގޮތުގަ އެވެ. ގައުމީ މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އެއް ފަހަރު، ޑަބަލްސް ޗެމްޕިއަންކަން ދެ ފަހަރު އަދި މިކްސް ޑަބަލްސް ޗެމްޕިއަންކަން ތިން ފަހަރު ހޯދައިފި އެވެ. ރާއްޖެ އަށް ވެސް ރީތިނަމެއް ހޯދައިދީފި އެވެ. އެގޮތުން މިދިޔަ އަހަރު ޖޫން މަހު އޮތް މޮރިޝަސް އިންޓަނޭޝަނަލް ސީރީސްގައި މިކްސް ޑަބަލްސް އިން ލޯ މެޑަލް ހޯދައި އޭނާ ވެފައިވަނީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން ސާކިޓް މުބާރާތަކުން މެޑަލް ހޯދި ދިވެހި ފުރަތަމަ އަދި ހަމައެކަނި ފިރިހެން ކުޅުންތެރިޔާ އަށެވެ. އެ ކާމިޔާބީތަކުގެ ސިލްސިލާ އަށް އެންމެ ފަހުން އިތުރުކުރި ބޮޅަކީ "މިހާރު އެވޯޑްސް" ގެ ޓްރޮފީ އެކެވެ. އޭނާ އޭނާ އަކީ އެތުލެޓިކްސް، ބެޑްމިންޓަން، ސްވިމިން އަދި ޓޭބަލް ޓެނިސް އެއްކޮށްލައިގެން އެ އެވޯޑްސްގައި ގައި ހޮވި މިދިޔަ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ދެ ވަނަ ފިރިހެން އިންޑިވިޖުއަލް ކުޅިވަރު ކުޅުންތެރިޔާ އެވެ.

އެކަމަކު އަދިވެސް އޭނާގެ އަޒުމަށް ކުޑަ ވެސް ބަދަލެއް ނާދެ އެވެ. އޭނާގެ އުއްމީދުތައް ވެސް ހުރީ މަތީގަ އެވެ. މިހާރު އަމާޒަކީ އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރަން މެޑަލް ހޯދުމާއި 2020 ވަނަ އަހަރުގެ އޮލިމްޕިކްސް އަށް ކޮލިފައިވުމެވެ. އެކަމަށްޓަކައި އޭނާ އަންނަނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން މެލޭޝިއާގެ "އޭޝިއާ ބެޑްމިންޓަން އެކަޑަމީ" ގައި އެންމެ މަތީ ފަންތީގެ ބުރަ ތަމްރީން ފުރިހަމަކުރަމުންނެވެ.
މި އެކަޑަމީ އާއި މިތަނުގައި އޭނާ އަށް ކޯޗުކޮށްދޭ ޖިވާ ކޯޗު، ޒަޔާނަށް ވެސް ދިވެހި ބެޑްމިންޓަނަށް ވެސް އަލެއް ނޫނެވެ. ގައުމީ ކޯޗުކަން ޖިވާ ވަނީ 2013 އިން 2015 އަށް ގައުމީ ޓީމަށް ކޯޗުކޮށްދީފަ އެވެ. އަދި 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރާއްޖޭން މެޑަލް ހޯދިއިރު އެންމެ ފަހުގެ ތަމްރީންތައް ހެދީ ވެސް މިތަނުގަ އެވެ.
ޖިވާ ކޯޗު ހޯދައިދިން ފުރުސަތެއްގައި އޭނާ މިތަނަށް ތަމްރީން ހަދަން އައުމަކީ ބެޑްމިންޓަން އެސޯސިއޭޝަނަށް ވެސް ލިބުނު ހިތްހަމަޖެހުކެވެ. އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އިޝްފާން މުހައްމަދު (އިއްޕަ) އޭރު ވިދާޅުވި ޒަޔާން އަމިއްލަ އަށް އިސްނަގައިގެން މެލޭޝިއާގައި ތަމްރީންތައް މި ފެށީ 2020 ވަނަ އަހަރުގެ ޓޯކިޔޯ އޮލިމްޕިކްސް އަށް ކޮލިފައިވާން ބޭނުންވާތީ ކަމަށެވެ.
"އަޅުގަނޑުމެން މި އަންނަނީ އެސޯސިއޭޝަންގެ ފަރާތުން ވެވުނު ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުން. އޭގެ ތެރޭގައި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި އެހެން ގޮތްގޮތުން އެހީވުން ވެސް ހިމެނޭ،" އިއްޕަ ވިދާޅުވެފައިވެ އެވެ.
ތަމްރީންތައް ފަށައިގެން ކުރިއަށް ދަނިކޮށް، މާލޭގައި ކުޅެނިކޮށް މިދިޔަ އަހަރުގެ ޒަޔާންގެ ކޮނޑަށް ސީރިއަސް ހާނިއްކައެއްވެ ހަޔެއްކަ މަސް ދުވަސް ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ. އެއީ ނަފްސާނީ ގޮތުން އޭނާ އަށް ކުރިމަތިވި ގޮންޖެހުމެކެވެ. އެކަމަކު ފަރުވާ ކުރިއަށް ގެންދަމުން އޭނާ ވަރުގަދަ ފިޓްނަސް ޕްރޮގްރާމެއްގެ ތެރެއިން ކުރީގައި ހުރި ހިސާބަށް އަނެއްކާ ވެސް އަ އެވެ.
"އަނިޔާވެ ކުޅުމާ ދުރުގައި ހުންނަން ޖެހުމަކީ ނަފުސާނީ ގޮތުން ކުރިމަތިވާ އުނދަގުލެއް. އެނބުރި އަންނައިރު ބިރު ވެސް އިނދޭ. އެކަމަކު މި އަހަރު އިރާދަކުރެއްވީތީ ޕްރޮގެސްވަމުން އަންނަނީ،" ޒަޔާން ބުންޏެވެ.
މާލޭގައި ހަދާ ތަމްރީންތަކާ، އެކަޑަމީގެ ތަމްރީންތައް ހާސް ބައި ތަފާތެވެ. ހަފުތާގެ ހަތް ދުވަހު ދެ އިރު ސެޝަންތައް އޮވެ އެވެ. ހެނދުނު ކޯޓުގައި ތަމްރީންތައް ހަދާއިރު މެންދުރުފަހު އޮންނަނީ ޖިމުގައި ނުވަތަ ދުވާ ޓްރެކުގައި ފިޓްނަސް ތަމްރީންތަކެވެ. އޮފް ދުވަހެއް ނޯވެ އެވެ. ލިބެނީ އޮފް ސެޝަނަކެވެ. ރޯދަ މަހު ވެސް އެއްވެސް ބަދަލެއް ނާދެ އެވެ.
"ފުލް ޓައިމްކޮށް މިފަދަ އެކަޑަމީއެއްގައި ތަމްރީން ހަދާއިރު ހުރިހާ ގޮތަކުން ވެސް ތަފާތު. މިތަނުގައި އުޅޭއިރު އެއްވެސް ޑިސްޓްރެކްޝަނެއް (ހުރަހެއް) ނީދޭ. ކުޅޭއިރު ވެސް އަރާމުކުރާ ގަޑީގައި ވެސް އެކަމަށް ސީދާ ސަމާލުކަންދެވޭ. ގަޑިން ގަޑިއަށް ނިދުމާ ރަނގަޅަށް އަރާމުކުރުން، މިއީ ވެސް ވަރަށް މުހިއްމު ބަޔެއް ޓްރެއިނިންގައި. އެ ހުރިހާ ކަމަކަށް ފޯކަސްކޮށްގެން ކުރިއަށް ދެވޭ މިފަދަ ތަނެއްގައި ތަމްރީން ހަދާއިރު،" ޒަޔާން ބުންޏެވެ.
މިފަދަ އެކަޑަމީތަކުގައި ހުރިހާ ކަމެއް ފުރިހަމަ އެވެ. އަނިޔާއެއް ވިޔަސް އެކަމަށް ފަރުވާދޭން ހާއްސަ ކްލިނިކެއް ހުރެ އެވެ. ފަރުވާ ދިނުމާއި ރީހެބްލިޓޭޓްކުރުން އަދި އަނބުރާ ފިޓްވުމަށްޓަކައި ހުރިހާ ކަމެއް ގަވާއިދުން ކުރުވަ އެވެ. ޓެކްޓިކްސް އާއި ޓެކްނީކްސްތަކަށް ކޯޗަކު ހުންނައިރު ފިޓްނަސް އަށް ހާއްސަ ކޯޗެއް ހުރެ އެވެ.
މިތަނުގައި ތަމްރީން ހެދި ނަމަވެސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި އޭނާ އަންނަނީ ރާއްޖެ ތަމްސީލްކުރަމުންނެވެ. ރާއްޖޭގައި ބާއްވާ މުބާރާތްތަކުގައި ވާޑަކުރެ އެވެ، އަދި އެކަޑަމީން ބައިވެރިވާ މުބާރާތްތަކުން ފުރުސަތު ލިބެ އެވެ. މުބާރާތްތަކުގައި ކުޅެން ވެސް އޭނާ ދެ އެވެ.
އޭނާގެ ފުރަތަމަ އަމާޒު ކަމަށްވާ އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރަން މެޑަލް ހޯދުމަށް އޭނާ ވާދަކުރަން ޖެހޭ ކުޅުންތެރިޔާ އަކީ ދުނިޔޭގެ ރޭންކިންގެ ގަދަ 100 ގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ. އަދި ދެން އޮތް އަމާޒު ކަމަށްވާ 2020 ވަނަ އަހަރުގެ އޮލިމްޕިކްސް އަށް ކޮލިފައިވުމަށް ރޭންކިންގެ ފަދަ 100 ގެ ތެރެއަށް ޒަޔާން ވަންނަން ޖެހެ އެވެ. މިހާރު އޭނާ އަކީ ދުނިޔޭގެ 338 ވަނަ އެވެ. އެކަމަކު އޭނާ ރޭންކިންގައި މިހާތަނަށް ހޯދާފައިވާ ކުރިއެރުންތަކާ ބަލާއިރު އެއީ ނުވާނެ ކަމެއް ނޫނެވެ. އަދި އެންމެ ކުޑައިރުން ފެށިގެން ޒަޔާން މިހިސާބަށް ދަތުކުރުކުރުމަށް ކުރި ބުރަ މަސައްކަތާ މެދު ވިސްނާލައިފި ނަމަ އެކަން ވެސް އޭނާ ހާސިލްކުރާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތެވެ.
"އަސްލު އަދިވެސް ވަރަށް ބައިވަރު މަސައްކަތްކުރަން ކުރަން އެބައޮތް. އިރާދަކުރެވިއްޔާ ފުލް ޓައިމްކޮށް މަސައްކަތްކޮށްގެން އެ ހިސާބަށް ދެވޭނެ،" ޒަޔާން ހުރީ އިތުބާރާ އެކު އެވެ.