23 މެއި 2018 - 08:15

ސްޓާބަކްސްގެ އެމެރިކާގެ އައުޓްލެޓްތަކުގައިި، ހިދުމަތް ހޯދުމުގެ ގޮތުން ނޫނަސް މިހާރު މަޑުކޮށްލައިގެން ތިބެވި ދާނެ އެވެ. އަދި އަގަކާ ނުލައި އެތަންތަނުގެ ފާހާނާ ވެސް ބޭނުން ކުރެވޭނެ އެވެ. އެކަމަކު އަގެއް ދައްކަން ކަސްޓަމަރަކު ބޭނުން ނަމަ އެ ފުރުސަތު އޮންނާނެ އެވެ.

މަޝްހޫރު ސްޓާބަކްސް އަށް މި ބަދަލު ގެންނަން މަޖުބޫރުވީ މިދިޔަ މަހުގެ ތެރޭގައި ފިލަޑެލްފިއާގެ ސްޓާބަކްސް އައުޓްލެޓެއްގައި ކަޅު ނަސްލުގެ ދެ ފިރިހެނަކު އެއްޗަކަށް އޯޑަރު ނުކޮށް ކެފޭ ތެރޭ ތިބުމާއި ފާހާނާ ބޭނުން ކުރަން އެދުމުން އެކަމަށް ފީއެއް ދައްކަންޖެހޭނެ ކަމަށް ބުނި މައްސަލަ އަށް ފަހުގަ އެވެ. މި ހާދިސާގައި އެންމެ ފަހުން ފުލުހުންނަށް ގުޅައިގެން އެ ދެ މީހުން ފުލުހުންނާ ހަވާލު ކުރި އެވެ. އެއާ އެކު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ.
މި މައްސަލަގަނޑުގެ ތެރެއިން އަޅާ ފިޔަވަޅެއްގެ ގޮތުން، މުވައްޒަފުންނަށް ހާއްސަކޮށްގެން މި މަހުގެ 29 ވަނަ ދުވަހު ޓްރޭނިން ޕްރޮގްރާމް ސްޓާބަކްސްގެ ހުރިހާ މުވައްޒަފުންނަށް ބާއްވަން ވަނީ ހަމަޖެހިފަ އެވެ. އެހެންވެ އެ ދުވަހު އެމެރިކާގެ ކަންކޮޅުތަކުގައި ހުރި ސްޓާބަކްސްގެ 8،000 އެއްހާ އައުލެޓް ބަންދު ވާނެ އެވެ.
މި ޓްރޭނިންގައި، ނަސްލީ ތަފާތު ކުރުންތައް ނުގެންގުޅުމާއި ކޮންމެ ކަހަލަ ކަސްޓަމަރަކަށް ވިޔަސް އެ މީހަކަށް ހިނިތުވުންމާ އެކު މަރުހަބާ ކިޔުމާއި އިހުތިރާމު ކުރުން ފަދަ ކަންކަން ދަސްކޮށް ދޭނެ އެވެ.
ސްޓާބަކްސް އިން މިހާރު ބުނަނީ އެ މީހުންގެ އައުޓްލެޓްތަކުގައި ކަސްޓަމަރުން ހަމަ "ކަމަކާ ނުލައި ވެސް އުޅެންވީ" ކަމަށެވެ.
މި ބަދަލާ ބެހޭ ގޮތުން ސްޓާބަކްސްގެ ޗެއާމަން ހަވަޑް ޝުލްޒް ވިދާޅުވީ ސްޓާބަކްސްގެ ތަސައްވުރަކީ "ކަސްޓަމަރުންނާ ރައްޓެހި" ހިދުމަތެއް ދިނުން ކަމަށެވެ.
"އެކަމަކު މީގެ މާނައަކީ އަހަރެމެންގެ އައުޓްލެޓްތައް ޕަބްލިކް ފާހާނަތަކަކަށް ބަދަލުވުމެއް ނޫން. އަހަރެން ދައްކުވައި ދޭން ބޭނުން ވަނީ އަހަރެމެން ތިބެނީ ކޮންމެ ދަނޑިވަޅެއްގައި ކަސްޓަމަރުންނާ އެކުގައިކަން،" އޭނާ ވިދާޅުވި އެވެ.