22 މެއި 2018 - 13:35

ކަތުމަންޑޫ (މެއި 22) - ޖަޕާނުގެ ޒުވާނެއް ކަމަށްވާ ނޮބުކަޒީ ކުރިކީ އަކީ އަޒުމް ވަރުގަދަ މީހެކެވެ. އެވަރެސްޓް ފަރުދައިގެ އެންމެ އުހަށް އަރަން އުޅެނިކޮށް އޭނާގެ އަތުގެ އެއް އިނގިލި ފިޔަވައި ހުރިހާ އިނގިއްޔެއް ބުރިވިއިރު ވެސް އަޒުމަކަށް ބަދަލެއް ނާދެ އެވެ. އޭނާ މަރުވެ ދިޔައީ ވެސް އެ އުއްމީދު ފުރިހަމަ ކުރަން އުޅެނިކޮށެވެ.
ނޭޕާލް ސަރުކާރުގެ އޮފިޝަލަކު ބުނީ އެވަރެސްޓް ފަރުބަދަ އަށް އަރަން އުޅެނިކޮށް ކުރިކީ މަރުވެފައި އޮއްވާ ފެނިފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އޭނާގެ ހަށިގަނޑު ފެނިފައި ވަނީ ކޭމްޕް 2 އިންނެވެ. އެއީ 29،029 ފޫޓުގެ އުސް ފަރުބަދައިގެ 24،400 ފޫޓު އުހެވެ. ކުރިކީ މަރުވީ ފަރުބަދައިގެ އެންމެ އުހަށް އަރަން އޭނާ މަސައްކަތް ކުރި އަށް ވަނަ ފަހަރު އެވެ.
އެވަރެސްޓް ފަރުބަދަ އަށް އަރަން އުޅެނިކޮށް މެސެޑޯނިއާ މީހަކު ވެސް މިދިޔަ އާދިއްތަ ދުވަހު ވަނީ މަރުވެފަ އެވެ.
ކުރިކީގެ ދަތުރު އިންތިޒާމްކުރި ނޭޕާލްގެ ކުންފުނިން ބުނީ ކުރިކީގެ ހަށިގަނޑު ވެރިރަށް ކަތުމަންޑޫ އަށް ގެންދާނެ ކަމަށެވެ. ކުރިކީގެ މަރާ ގުޅޭ އިތުރު ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ.
ދެހާސް ބާރަ ވަނަ އަހަރު އެވަރެސްޓް ފަރުބަދަ އަށް އަރަން އުޅެނިކޮށް، ފިނިގަދަވެގެން ގޮސް ކުރިކީގެ އަތުގެ ނުވަ އިނގިލީގެ ޓިޝޫތައް ވަނީ މަރުވެފަ އެވެ. އެކަމަކު އޭނާގެ އަޒުމަކަށް ބަދަލެއް ނާދެ އެވެ. ދެހާސް ފަނަރަ ވަނަ އަހަރު ވެސް ކުރިކީ ވަނީ ފަރުބަދަ އަށް އަރަން މަސައްކަތް ކޮށްފަ އެވެ.
ކުރިކީގެ އެންމެ ފަހުގެ ދަތުރުގެ މަންޒަރުތައް އޭނާ ދިޔައީ ފޭސްބުކުގައި އަޕްޑޭޓް ވެސް ކުރަމުންނެވެ. މިދިޔަ އާދިއްތަ ދުވަހު ވަނީ "އެ ދަތުރުގެ ތަދު އިހްސާސްވާ ކަމަށް" ބުނެފަ އެވެ.
އެވަރެސްޓް ފަރުބަދަ އަށް އަރަން އުޅެނިކޮށް ފިނިގަދަވެގެން 1975 ވަނަ އަހަރު ދެފައި ބުރިވި ޗައިނާ މީހަކު މި މަހު ކުރީކޮޅު ވަނީ ފަރުބަދައިގެ އެންމެ އުހަށް އަރައިފަ އެވެ. އެއީ ފަރުބަދައިގެ އެންމެ އުހަށް އެރި ދެފައި ނެތް ދެ ވަނަ މީހާ އެވެ.
އެވަރެސްޓް ފަރުބަދަ އަށް އަރަން 350 މީހުންނަށް މި އަހަރު ވަނީ ހުއްދަ ދީފަ އެވެ.