22 މެއި 2018 - 12:59

ވޮޝިންޓަން (މެއި 22) - ތާރީޚުގައި ވެސް އަޅާފައި ނުވާވަރުގެ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އީރާނާ ދެކޮޅަށް އަޅާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އިންޒާރު ދެއްވައިފި އެވެ.
ސީއައިއޭގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވުމަށް ފަހު ސްޓޭޓް ޑިޕާޓްމަންޓާ ހަވާލުވެޑައިގެންނެވި ފަހުން ދެއްވި ފުރަތަމަ ޚާރިޖީ ސިޔާސަތާ ބެހޭ ތަގްރީރުގައި ޕޮމްޕެއޯ ވަނީ ޔޫރަޕުގެ ކުންފުނިތަކުން އީރާނާ އެކު ވިޔަފާރި ނުކުރުމަށް ވެސް އިންޒާރު ދެއްވައިފަ އެވެ. ޕޮމްޕެއޯ އަކީ 2015 ވަނަ އަހަރު ގާއިމްކުރި އީރާން ނިއުކްލިއާ އެއްބަސްވުމާ ދެކޮޅު ބޭފުޅެކެވެ.
"އީރާނަށް މާލީ ގޮތުން ދެވޭނެ އެންމެ ބޮޑު ޕްރެޝަރު ދޭނަން. އެއީ އީރާނަށް ވަރަށް ވޭންދެނިވި ފިޔަވަޅުތަކަށް ވެގެން ދާނެ،" ހެރިޓޭޖް ފައުންޑޭޝަނުގައި ވާހަކަ ދައްކަވަމުން ޕޮމްޕެއޯ ވިދާޅުވި އެވެ.
ޕޮމްޕެއޯ އަށް ރައްދު ދެއްވަމުން އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ އީރާނާ މެދު ގޮތް ނިންމަން އެމެރިކާ އެއީ ކޮން ބައެއްތޯ ސުވާލު ކުރައްވައިފަ އެވެ.
"ދުނިޔެއާ މެދު އެމެރިކާ އިން ގޮތް ނުނިންމޭނެކަން ދުނިޔެ ގަބޫލް ކުރޭ. ކޮންމެ ގައުމަކަށް ވެސް އެ ގައުމެއްގެ މިނިވަންކަން ލިބިގެންވޭ،" ރޫހާނީގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ޕޮމްޕެއޯ ވިދާޅުވީ އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓާލައި އަދި ސަރަހައްދީ މައްސަލަތަކުގެ ތެރެއަށް ނުވަންނަ ނަމަ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެމެރިކާ އިން ލުއި ދޭނެ ކަމަށެވެ.
އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ މިހާރު ވަނީ ވަކިވެފަ އެވެ.
ޕޮމްޕެއޯގެ އިންޒާރު ރޫހާނީ ސިފަ ކުރައްވާފައި ވަނީ 2003 ވަނަ އަހަރު އިރާގަށް އަރައިގަތުމުގެ ކުރިން ޖޯޖް ޑަބްލިއު. ބުޝްގެ ސަރުކާރުން ދެއްކި ފަދަ ވާހަކަތަކެއްގެ ގޮތުގަ އެވެ.
"މިކަހަލަ އިންޒާރުތައް އީރާނުގެ ރައްޔިތުން ވަނީ އެތައް ސަތޭކަ ފަހަރަކު އަޑު އަހާފައި. އެހެންވެ އެއީ މާ ސަމާލުކަން ދެވޭ ވާހަކަތަކެއް ނޫން،" ރޫހާނީ ވިދާޅުވި އެވެ.
ޕޮމްޕެއޯގެ ވާހަކަތަކަށް އީރާނުގެ ދެކޮޅުވެރި އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ތާއީދު ކުރައްވައިފަ އެވެ.