22 މެއި 2018 - 12:09

ކުއާލަ ލަމްޕޫރު (މެއި 22) - މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލާގައި ސުވާލު ކުރުމަށް އެ ގައުމުގެ އެންޓި-ކޮރަޕްޝަން ކޮމިޝަން މިއަދު ހާޒިރުކޮށްފި އެވެ.

ޕުތުރާޖާގައި ހުންނަ މެލޭޝިއަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ) ގެ ހެޑްކުއާޓަރަށް ނަޖީބު ހާޒިރު ކުރީ އިންވެސްޓްމަންޓް ފަންޑް 1އެމްޑީބީގެ ސަބްސިޑަރީއެއް ކަމަށްވާ އެސްއާރުސީ އިންޓަނޭޝަނަލްގެ ކޮރަޕްޝަނާ ގުޅިގެން ބަޔާން ނެގުމަށެވެ. ވޯލް ސްޓްރީޓް ޖާނަލްގެ ތަހުގީގަކުން އެނގިފައިވާ ގޮތުގައި އެސްއާރުސީ އިން ނަޖީބުގެ އަމިއްލަ އެކައުންޓަކަށް ވަނީ 42 މިލިއަން ރިންގިޓް (10.6 މިލިއަން ޑޮލަރު) ޖަމާކޮށްފަ އެވެ.
މިއީ 1އެމްޑީބީގެ ބޮޑު ކޮރަޕްޝަނުގައި ކުޑަ މިންވަރެކެވެ. އެ ބޭންކުން ނަޖީބުގެ އެކައުންޓަށް ވަނީ 700 މިލިއަން ޑޮލަރު ޖަމާކޮށްފަ އެވެ. ނަމަވެސް ނަޖީބުގެ ވެރިކަމުގައި އެ މައްސަލަ ބެލުމަށް ފަހު ވަނީ އެއީ ސައުދީ އަރަބިއާ އިން ދިން އެހީއެއް ކަމަށް ނިންމައިފަ އެވެ.
އާ ބޮޑު ވަޒީރު މަހާތިރު މުހައްމަދު ވިދާޅުވެފައި ވަނީ 1އެމްޑީބީގެ ކޮރަޕްޝަނުގެ ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށެވެ. އެ ބޭންކުގެ ކޮރަޕްޝަން ބަލަން މިހާރު ވަނީ ޓާސްކް ފޯހެއް ވެސް އުފައްދައިފަ އެވެ.