22 މެއި 2018 - 12:26

ބީނޯސް އޭރީޒް، އާޖެންޓީނާ (މެއި 22) - މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި އިންޓަ މިލާންގެ ފޯވާޑް މައުރޯ އިކާޑީ އަންނަ މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އާޖެންޓީނާ ޓީމަށް ނުނެގީ ހާއްސަ ސަބަބެއް އޮވެގެން ނޫން ކަމަށް އާޖެންޓީނާގެ ކޯޗު ޖޯޖް ސަމްޕައޮލީ ބުނެފި އެވެ.
އިޓާލިއަން ލީގުގައި މި ސީޒަނު 29 ގޯލު ޖެހި އިކާޑީ އަކީ އެ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ދެ ކުޅުންތެރިންގެ ތެރެއިން އެކަކެވެ. އޭނާގެ ގޯލުތަކާ އެކު އިންޓަ ލީގުގެ ހަތަރު ވަނަ މަގާމު ހޯދިއިރު، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ވެސް އެ ޓީމަށް ވަނީ ފުރުސަތު ލިބިފަ އެވެ. މިއީ ހަ އަަހަރުތެރޭ އިންޓަ ޗެމްޕިއަންސް ލީގުގައި ކުޅޭ ފުރަތަމަ ފަހަރެވެ.
އާޖެންޓީނާ ޓީމުން އިކާޑީ އަށް ފުރުސަތު ނެތުމުން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. ކޯޗު ސަމްޕައޮލީ ވަނީ އިކާޑީ ވަކި ކުރުމުގައި ބެލި ކަންތައްތައް އާޖެންޓީނާގެ މީޑިއާތަކަށް ހިއްސާ ކޮށްފަ އެވެ.
"އާޖެންޓީނާ އަށް ނިސްބަތްވާ އެޓޭކިން ކޮންމެ ކުޅުންތެރިއަކު ހިމަނާނަމަ ވޯލްޑް ކަޕަށް ދާނެ ޑިފެންޑަރެއް ލިސްޓުގައި ނުހުންނާނެ. ކޯޗެއްގެ ގޮތުގައި އަހަރެންގެ ޒިންމާއެއް އެންމެ ރަނގަޅު ބެލެންސެއް އޮތް ކުޅުންތެރިންގެ ގްރޫޕަކާ އެކު ޓީމު އެކުލަވާލުން. އެ ގޮތަށް ބަލާއިރު އިކާޑީ ވަކިކުރީ ހާއްސަ ކަމެއް އޮވެގެނެއް ނޫން. އޭނަ ނުލައި ޓީމުގެ އެ ޑިޕާޓްމަންޓް ފުރިހަމަ،" ސަމްޕައޮލީ ބުންޏެވެ.
އާޖެންޓީނާ ޓީމުގެ އެޓޭކުގައި ހިމެނޭ ކުޅުންތެރިންނަކީ ލިއޮނަލް މެސީ، ޕައޮލޯ ޑީބަލާ، ގޮންޒާލޯ ހިގައިން އަދި ސާޖިއޯ އަގުއޭރޯ އެވެ.
އުމުރުން 25 އަހަރުގެ އިކާޑީ އަށް މިހާތަނަށް ބޮޑު މުބާރާތެއްގައި އާޖެންޓީނާ ޓީމަށް ކުޅުމުގެ ފުރުސަތު ނުލިބެ އެވެ. އާޖެންޓީނާގެ މީޑިއާތަކުން އަންނަނީ އިކާޑީ އަށް ޓީމުން ފުރުސަތު ނުދޭން މެސީ ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކޮށްފަ އެވެ. އާޖެންޓީނާއާ އެންމެ ފަހުން ހަވާލުވި ދެ ކޯޗުން ވެސް ވަނީ އެކަން ދޮގުކޮށްފަ އެވެ.
ގޯލްކީޕަރުން: ސާޖިއޯ ރޮމޭރޯ (މެންޗެސްޓާ ޔުނައިޓެޑް)، ވިލީ ކަބަލޭރޯ (ޗެލްސީ)، ފްރާންކޯ އަރްމާނީ (ރިވާ ޕްލޭޓް)
ޑިފެންޑަރުން: ކްރިސްޓިއަން އަންސަލްޑީ (ޓޮރީނޯ)، ގަބްރިއެލް މެކާޑޯ (ސެވިއްޔާ)، ފެޑެރީކޯ ފަޒީއޯ (ރޯމާ)، މާކޯސް ރޯހޯ (މެންޗެސްޓާ ޔުނައިޓެޑް)، ނިކޮލަސް އޮޓެމެންޑީ (މެންޗެސްޓާ ސިޓީ)، މާކޯސް އަކޫނާ (ސްޕޯޓިން ލިޒްބަން)
މިޑްފީލްޑަރުން: ހަވިއޭ މަޝެރާނޯ (ހެބެއި ފޯޗިއުން)، މެކްސިމިލިއާނޯ މޭޒާ (އިންޑިޕެންޑިއެންޓޭ)، އެންހެލް ޑި މާރިއާ (ޕީއެސްޖީ)، މެނުއަލް ލަންޒީނީ (ވެސްޓް ހޭމް)، ޖިއޯވާނީ ލޮ ސެލްސޯ (ޕީއެސްޖީ)، އެވާ ބަނޭގާ (ސެވިއްޔާ)، ލޫކަސް ބިޖިލިއާ (އޭސީ މިލާން)، އެޑުއާޑޯ ސަލްވިއޯ (ބެންފީކާ)، ކްރިސްޓިއަން ޕެވޯން (ބޮކާ ޖޫނިއާސް)
ފޯވާޑުން: ލިއޮނަލް މެސީ (ބާސެލޯނާ)، ސާޖިއޯ އަގުއޭރޯ (މެންޗެސްޓާ ސިޓީ)، ޕައޮލޯ ޑީބަލާ (ޔުވެންޓަސް)، ގޮންޒާލޯ ހިގައިން (ޔުވެންޓަސް)