އެމްޑީޕީ ޕްރައިމަރީގެ ވޯޓުފޮށި ރިސޯޓުތަކުގައި ވެސް ބަހައްޓަނީ
އެމްޑީޕީ ޕްރައިމަރީގެ ވޯޓުފޮށި ރިސޯޓުތަކުގައި ވެސް ބަހައްޓަނީ

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގެ ވޯޓު ފޮށިތައް ރިސޯޓުތަކުގައި ބަހައްޓަން މިއަދު ނިންމައިފި އެވެ.

އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީގެ ރިޔާސީ ޕްރައިމަރީ މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، އެމްޑީޕީގެ ޕްރައިމަރީ އަށް ކުރިމަތިލެއްވީ، ޓެރަރިޒަމް ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ.

އެމްޑީޕީން ބުނީ ޕްރައިމަރީގައި ވޯޓުލުމަށް އެ ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން ޝައުގުވެރިކަން ފާޅު ކުރަމުންދާ ކަމަށެވެ. ވޯޓުލުމުގެ ފުރުސަތު ވީހާ ވެސް ފުޅާކޮށް ހުޅުވާލެވިފައި އޮތުމަކީ ވޯޓު ލުމުގެ ހައްގު ބޭނުން ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން މުހިއްމު ކަމެއް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

އެގޮތުން ރާއްޖޭގެ އެކިއެކި ސިނާއީ މަސައްކަތްކުރާ ރަށްރަށުގެ ރިސޯޓުތަކުގައި އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން މަސައްކަތް ކުރަމުން ދާއިރު، އެ މެމްބަރުންނަށް ފަސޭހަކަމާ އެކު ވޯޓުލުމުގެ ހައްގު ބޭނުންކުރުމުގެ ފުރުސަތު ދޭން ބޭނުންވާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ. އެހެންވެ، އެ އިންތިޒާމުތައް ހަމަޖެއްސުމަށް އެމްޑީޕީ އަށް އެހީތެރިވާން ބޭނުންވާ މީހުން މާދަމާ 4:00 ގެ ކުރިން އެންގުމަށް އެ ޕާޓީން އެދެ އެވެ.

އެމްޑީޕީން ވަނީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން އޮންނާނެ ގަޑި ވެސް އިއުލާންކޮށްފަ އެވެ. ވޯޓުލުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު މެންދުރު ފަހު 2:00 އިން މެންދަމު 12:00 އަށެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ ކުށެއް ސާބިތުވެފައިވާ އެއްވެސް މީހަކަށް ސިޔާސީ ޕާޓީއެއްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ނުކުރެވޭނެ ކަމަށާއި ގާނޫނާއި ގަވާއިދާ ޚިލާފަށް ބާއްވާ ޕްރައިމަރީތައް ބާތިލުކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ. އިލެކްޝަނުން މި ގޮތަށް އިންޒާރު ކުރީ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ތައްޔާރުވަމުން އަންނަ ދަނޑިވަޅުގަ އެވެ.