ސަލްމާންގެ އަމާޒަކީ ބޮބީ ޑިއޯލްގެ ކެރިއާ ސަލާމަތްކުރުން
ސަލްމާންގެ އަމާޒަކީ ބޮބީ ޑިއޯލްގެ ކެރިއާ ސަލާމަތްކުރުން

ޑިއޯލް އާއިލާގެ ނުފޫޒު ކުރިން ބޮލީވުޑްގައި ވަަރަށް ގަދަ އަށް އޮތަސް، އެ މީހުންގެ ޒަމާން މިހާރު ހިނގައްޖެ ކަމަށް ބުނާ މީހުން މަދެއް ނޫނެވެ. ސަނީ އާއި ބޮބީ ޑިއޯލް ފަދަ އެކްޓަރުންނަކީ މިހާރު ދަމަކުން ބަޑިއެއް ޖަހާހެން ފިލްމްތަކުން ފެންނަ އެކްޓަރުންނެވެ.

ކުޅޭނެ ރަނގަޅު ފިލްމްތަކެއް ވެސް އެ މީހުންނަކަށް މިހާރަކު ނުލިބެ އެވެ. އެކަމަކު ޑިއޯލް އާއިލާއާ އަބަދު ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ސަލްމާން ހާން މިހާރު ވަނީ ބޮބީ ޑިއޯލްގެ ފިލްމީ ކެރިއަރު އަލުން ކޮޅަށް ޖަހައިދިނުމުގެ މަސައްކަތް ފަށައިފަ އެވެ. އޭގެ ފުރަތަމަ ބަޔަކީ އަންނަ މަހުގެ 15 ގައި ރިލީޒްކުރާ "ރޭސް 3" އެވެ.

ސަލްމާން ކޯ-ޕްރޮޑިއުސަރެއްގެ ޒިންމާ ވެސް ނަގާ ޓިޕްސްގެ އެ ފިލްމުން ބޮބީ އަށް ވަރުގަދަ ރޯލެއް ދިނުމަށް ފަހު، ސަލްމާން ވަނީ ބޮބީގެ ހަށިގަނޑު ވެސް ވަރަށް ބޮޑަށް ވަރުގަދަ ކުރުވައިފަ އެވެ.

"ރޭސް 3" ގެ ޓްރެއިލާ އިން ފެންނަ ސަލްމާނާއި ބޮބީ ހުސް ގަޔާ ތިބޭ މަންޒަރަކީ އެ މަސައްކަތުގެ ނަތީޖާ އެވެ. ބޮބީގެ ރަން ޒަމާނުގައި ވެސް ހަށިގަނޑު ދައްކައި ނުލާ ގޮތަށް މި ފިލްމުން ހަށިގަނޑު ދައްކައިލާތި އޭނާ ކުރި މަސައްކަތް ފާހަގަކޮށް، ސަލްމާން މިހާރު ބޮބީ އަށް މަޖަލަކަށް ހަދާފައި ކިޔަނީ ވެސް "ބޮޑީ ޑިއޯލް" އެވެ.

"ރޭސް 3" އިން ބޮބީ ގެނެސް ދިނުމަށް ފަހު، ސަލްމާންގެ އަމިއްލަ ފިލްމް ކުންފުނި އެސްކޭއެފުން، ބޮބީ ލީޑް ރޯލް ކުޅޭ ފިލްމެއް ވެސް ޕްރޮޑިއުސް ކުރަން މިހާރު ވަނީ ނިންމައިފަ އެވެ، ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމް ޑައިރެކްޓް ކުރަން ހަމަޖެހިފައި ވަނީ ސަލްމާންގެ "ދަބަންގް 3" ޑައިރެކްޓް ކުރާ ޕްރަބޫދޭވާ އެވެ.

ބޮބީގެ ފިލްމްގެ މަސައްކަތް ފަށާނީ އަންނަ އަހަރު ރިލީޒްކުރާ "ދަބަންގް 3" ނިންމައިލުމަށް ފަހު ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ދަބަންގް 3" ގެ ރޯލަކުން ވެސް ބޮބީ ފެނުމުގެ ފުރުސަތު ބޮޑެވެ.

ހަގު ފިރިހެން ދަރިފުޅު ބޮބީގެ ކެރިއަރު އަލުން ބިނާކޮށް ދޭން ސަލްމާން ކުރާ މަސައްކަތް ބައްޕަ ދަރްމެންދުރާ ވަނީ ފާހަގަކޮށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

"ސަލްމާނަކީ އަބަދު ވެސް އަހަރެންގެ އާއިލާއާ ވަރަށް ގާތް ގުޅުމެއް ބާއްވާ މީހެއް. މިހާރު އޭނާ ބޮބީއާ އެކު މަސައްކަތް ކުރާތީ ވަރަށް އުފަލުން މި ހުރީ،" ސަލްމާނަކީ އޭނާގެ ޒުވާން ވާޝަން ކަމަށް ސިފަ ކުރަމުން ދަރޭ، 82، ބުންޏެވެ.

"ރޭސް 3" އިން ބޮބީ، 49، އަލުން ސްކްރީނަށް އަންނަ އިރު، އޭނާ އެންމެ ފަހުން ކުޅުނީ ބޭބެ ސަނީއާ އެކު މިދިޔަ އަހަރު "ޕޯސްޓަރު ބޯއި" އިންނެވެ. އެކަމަކު އެ ފިލްމަކީ ބަލާނެ ބަޔަކު ނުވި ފިލްމެކެވެ. ބޮބީގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި ބައްޕަ އާއި ބޭބެ ވެސް މުހިއްމު ރޯލެއް ކުޅޭ ފްރެންޗައިޒް "ޔަމްލާ ޕަގްލާ ދީވާނާ" ގެ ތިން ވަނަ ބައި "ޔަމްލާ ޕަގްލާ ދީވާނާ: ޕިރް ސޭ" އަދި ސާޖިދު ހާންގެ "ހައުސްފުލް 4" ހިމެނެ އެވެ.

ޑިއޯލް އާއިލާ އިން ފިލްމީ ދާއިރާ އަށް ނުކުތް ބަތަލާ އީޝާ ޑިއޯލްގެ ކެރިއާ ސަލާމަތްކޮށް ދެވޭތޯ މަންމަ ހެމާ މާލިނީ 2011 ގައި ޑައިރެކްޓް ކުރި ފިލްމް "ޓެލް މީ އޯ ހުދާ" ގެ ހާއްސަ ފެނިލުމެއް ވެސް ސަލްމާން ކުޅުނެވެ. އެކަމަކު ސަލްމާންގެ އެ ފެނިލުމާ އެކު ވެސް އެ ފިލްމް ބަލާނެ މީހަކު ނުވެގެން، އީޝާގެ ކެރިއަރު އެ ހިސާބުން ހުއްޓުމަކަށް އައެ އެވެ.

"ރޭސް 3" އިން ބޮބީގެ ޖާދޫގައި މި ފަހަރު ބެލުންތެރިން ޖައްސައި ލެވޭނެ ހެއްޔެވެ؟ ފިތުރު އީދު ދުވަހާ ހަމައަށް މަޑުކޮށްލާށެވެ.