އާސެނަލްގެ ކޯޗަކަން އެމެރީ ހަމަޖައްސަނީ
އާސެނަލްގެ ކޯޗަކަން އެމެރީ ހަމަޖައްސަނީ

ލަންޑަން (މެއި 22) - އާސެނަލްގެ ކޯޗަކަށް ދާދި ފަހުން ޕީއެސްޖީގެ ކޯޗުކަމުން ވަކިވި ސްޕެއިނުގެ އުނާއި އެމެރީ ހަމަޖައްސަން ހުރިހާ ކަމެއް ނިމިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބާވީސް އަހަރަށް ފަހު އާސެނަލްގެ ކޯޗުގެ މަގާމުން އާސެން ވެންގާ ވަކިވާން ނިންމުމުން އެ ޓީމުން އެ ހިސާބުން ވަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. އާސެނަލުން ވާހަކަ ދެއްކި ކޯޗުންގެ ތެރޭގައި ކުރިން އެ ޓީމަށް ކުޅުނު މިހާރު މެންޗެސްޓާ ސިޓީގެ އެސިސްޓަންޓް ކޯޗު މިކޭލް އާޓެޓާ، އާސެނަލްގެ ލެޖެންޑް ބެލްޖިއަމްގެ އެސިސްޓަންޓް ކޯޗު ތިއަރީ އޮންރީ، ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ އަދި އާސެނަލްގެ ކުރީގެ ކެޕްޓަން ޕެޓްރިކް ވިއެރާ ހިމެނެ އެވެ.

އޭގެ ތެރެއިން އާސެނަލާ ހަވާލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނީ އާޓެޓާ އެވެ. ވެންގާ ވެސް އެންމެ ބޭނުންވީ އާޓެޓާއާ އެ ޓީމު ހަވާލުކުރާށެވެ. ރިޕޯޓްތައް ބުނާގޮތުން އާޓެޓާ އާސެނަލާ ހަވާލުވާން ދެކޮޅު ހެދީ އެ ޓީމުން މި ފަހަރު ޓީމަށް ހަރަދުކުރަން ދޭން ނިންމި ބަޖެޓް ކުޑަވުމުންނެވެ. އާސެނަލުން އާޓެޓާ އަށް ހުށަހެޅީ 50 މިލިއަން ޕައުންޑްގެ ޓްރާންސްފާ ބަޖެޓެކެވެ.

ރިޕޯޓްތައް ބުނާގޮތުން އުމުރުން 46 އަހަރުގެ އެމެރީއާ އެކު އާސެނަލުން ބޭއްވި ބައްދަލުވުންތަކުގައިވަނީ އަނގަބަހުން އެއްބަސްވުމަކަށް އާދެވިފަ އެވެ. އަދި އާސެނަލުން ހުށަހެޅި ޕްރޮޖެކްޓް އެމެރީ ގަބޫލުކުރުމުން އެ ކްލަބުން ވަނީ މި ހަފްތާ ތެރޭގައި އެމެރީ އަށް މަގާމުދޭން ނިންމައިފަ އެވެ.

ޕީއެސްޖީން އެމެރީ ދޫކޮށްލީ އެ ޓީމާ އެކު އޭނާ ހަދާފައިވާ އެއްބަސްވުން ހަމަވުމުންނެވެ. އެމެރީ އަކީ މީގެ ކުރިން ސެވިއްޔާއާ އެކު ޔުރޮޕާ ލީގު ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބުކުރި ކޯޗެކެވެ. އޭނާ އަކީ އެ މުބާރާތުގެ އެންމެ ކާމިޔާބު އެއް ކޯޗެވެ.

މި ސީޒަނުގައި އާސެނަލަށް ލީގުގެ ގަދަ ހަތަރަކުން ޖާގަ ނުލިބުނުއިރު، އެ ޓީމު ސީޒަން ނިންމާލީ ލީގުގެ ހަ ވަނައިގައި އޮވެ އެވެ. އަންނަ ސީޒަނުގައި އާސެނަލް ކުޅޭނީ ޔުރޮޕާ ލީގުގަ އެވެ.