މަނާ ޖަނަވާރު ޝިކާރަ ކުރުމުގެ ކުށް ސަލްމާންގެ މައްޗަށް ސާބިތެއް ނުވި
މަނާ ޖަނަވާރު ޝިކާރަ ކުރުމުގެ ކުށް ސަލްމާންގެ މައްޗަށް ސާބިތެއް ނުވި

ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާންގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރެއިން، ހިމާޔަތްކޮށްފައިވާ ޖަނަވާރު ޝިކާރަކުރިކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ރާޖަސްތާން ހައިކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ސަލްމާނާ ދެކޮޅަށް ދައުވާ ކޮށްފައި ވަނީ 1998 ވަނަ އަހަރު "ހަމް ސާތު ސާތު ހޭ" ކުޅެން ޖޯދްޕޫރަށް ގޮސް އުޅުނުއިރު އެހިސާބުގަނޑުގެ ޖަންގައްޔެއްގެ ތެރެއިން ދެ ފަހަރެއްގެ މަތިން ބްލެކްބަކް އަކާއި ޗިންކާރާ އެއް ޝިކާރަކުރިކަމަށް ބުނެ އެވެ.

ހައިކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އެ ހިސާބުން ފެނުނު މަރުވެފައި އޮއްވާ ފެނުނު ދެ ޖަނަވާރަކީ ސަލްމާންގެ ލައިސަންސް އޮތް ބަޑިން ހަމަލާދީ މަރާލި ދެ ޖަނަވާރުކަން ސާބިތު ކުރެވޭ ވަރަށް ހެކި ނެތް ކަމަށެވެ.

ސަލްމާނާއި ފިލްމު ކުރޫ މި ދަތުރުގައި ބޭނުންކުރި ޖީޕްގެ ޑްރައިވަރު މި ހާދިސާއަށް ފަހު މިހާތަނަށް ވެސް ފެނިފައި ނުވުމަކީ ސަލްމާނާ ދެކޮޅަށް ވަކާލާތު ކުރި ވަކީލުންނަށް މި މައްސަލައިގައި ކުރިއެރުން ނުލިބެން ދިމާވި އެއް ސަބަބަކަށް ވަނީ ވެފަ އެވެ.

މީގެ ކުރިން ދަށު ކޯޓުން މި މައްސަލަ ބަލައި ސަލްމާން ކުށްވެރިވާ ކަމަށް ނިންމައި ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި އެވެ.

މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. ހައި ކޯޓުން މައްސަލައިގެ އަޑުއެހުންތައް ވެސް އޮތީ ނިންމާލައިފަ އެވެ.

މިއަދު ކޯޓުގައި އޮތް މައްސަލައިގެ ހުކުމް އިއްވާ މަޖިލީހަށް ސަލްމާން ހާޒިރުވާން މަޖްބޫރެއް ނޫނެވެ. ކޯޓަށް ހާޒިރުވީ ވަކީލުން އެކަންޏެވެ.

ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމާނީ ސަރަހައްދީ ސަރުކާރުންނެވެ.

މި މައްސަލައިގައި ސަލްމާންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް 2007 ވަނަ އަހަރު ދަށު ކޯޓުން ނިންމުމާ ގުޅިގެން އޭނާ ވަނީ ހަތް ދުވަހު ޖަލުގައި ހޭދަކޮށްފަ އެވެ. އަދި އޭގެ ފަހުން މިހާތަނާ ޖެހެންދެން ވެސް އޭނާ ހުރީ ކަފާލާތުގެ ދަށުން މިިނިވަން ވެފަ އެވެ.

ސަލްމާން އިން ވެހިކަލެއް އެކްސިޑެންޓްވެ މީހަކު މަރުވެ އިތުރު ބަޔަކު ޒަޚަމްވި ހާދިސާގައި އޭނާގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް ވެސް ހައި ކޯޓުން މިދިޔަ އަހަރުގެ މޭ މަހު ވަނީ ބާތިލްކޮށްފަ އެވެ. ނަމަވެސް މަހަރަޝްތުރާ ސަރުކާރުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.