24 މެއި 2018 - 08:30

ޑްރޯން ގެންގުޅޭ ހިތް ވިޔަސް އޭގެ އަގުބޮޑެވެ. އަހަރުތަކެއް ކުރިން އާންމުވި ޑްރޯންއަކީ ކުރިން ކިތަންމެ ބޮޑު އަގެއްގައި ގަންނަން ލިބުނު އެއްޗަކަށް ވިޔަސް މީގެ އަގު ހެޔޮ ވައްތަރުތައް މިހާރު ނުކުންނަމުން އެބަދެއެވެ. ފެއަރީ އަކީ މީގެ މިސާލެކެވެ.
ގަމީހު ޖީބަށް ލެވޭހާ ކުޑަކުޑަ ފެއަރީ ޑްރޯންއަކީ 1080ޕީ ފުލް ހައިޑެފިނިޝަން ވީޑިއޯ ނެގޭ ފެންވަރުގެ ޑްރޯންއެކެވެ. އެންމެ ފިތަކަށް އެއް ފަހަރު އޮބާލައިގެން ގިނަ ކަންކަން ކުރެވޭ މި ޑްރޯން އުފެއްދީ އަލަށް ޑްރޯންއެއް ދުއްވާ މީހަކަށް ވެސް ދަތިކަމަކާ ނުލައި ގެންގުޅެން ފަސޭހަވާނެ ގޮތަށް ވިސްނާފައެވެ. ފެއަރީ ޑްރޯން އުފެއްދި ކުންފުނީގެ މަގްސަދަކީ ކޮންމެ މީހަކަށް ވެސް ޑްރޯންއެއް ދުއްވާލުމުގެ ފުރުސަތު ދިނުމެވެ. ބުނެވޭ ގޮތުގައި މީގެ ޑްރޯންއެއް ވިއްކާނީ ވެސް ޖީބަށް ލުއި އަގެއްގައެވެ.
ފެއަރީ ޑްރޯން ފަރުމާކޮށްފައި ވަނީ އެއްފަހަރު ޗާޖުކޮށްގެން 16މިނިޓްގެ ވީޑިއޯ ނެގޭ ފެންވަރަށެވެ. މީގެ ބަރުދަނުގައި ހުންނަނީ 140ގްރާމެވެ. ފަތްޖަހާލީމާ ފޯނެއްހައި ކުޑައެވެ. މީގެ ރިމޯޓް ކޮންޓްރޯލަރުންނާއި އެޕްގެ އެހީގައި ފަސޭހަކަމާއެކު ދުއްވާލައި، މަންޒަރު ރައްކާކުރެވޭނެއެވެ.