23 މެއި 2018 - 08:14

ދަތްއުނގުޅުމަކީ ކުޑަކުދިން މާ ގަޔާވާ ކަމަކަށްނުވެއެވެ. މައްސަލައަކީ އެކަމަށް ހޭދަވާ ވަގުތާއި ފުރިހަމައަށް ދަތް އުނގުޅުމުގައި އަމަލު ކުރަންޖެހޭ ގޮތް އުނދަގޫވުމެވެ. ނަމަވެސް ކުދިން ގަޔާވާ ގޮތަކަށް ދަތް އުނގުޅޭނެ މާ މޮޅު ބުރުހެއް ޖަޕާންގައި އުފައްދައި ވިއްކަން ތައްޔާރުވެއްޖެ އެވެ.
ބްރަޝް މޮންސްޓާއަކީ ކުޑަކުދިންނަށް އަމާޒުކޮށް، އޮގްމެންޓެޑް ރިއަލިޓީ ފެންވަރުގައި އުފައްދާފައިވާ ބުރުހެކެވެ. ދަތް އުނގުޅުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ބަރާބަރަށް ދަތް އުނގުޅުމަށް ހިތްވަރުދޭ ގޮތަށް ފަރުމާކޮށްފައިވާ މި ބުރުސް ބޭނުންކުރެވެނީ މިއާ ގުޅޭ އެޕްގެ އެހީގައެވެ. މި އެޕް ހުޅުވާލުމުން ސްމާޓްފޯނު ނުވަތަ ޓެބްލެޓް ލޯގަނޑަކަށް ބަދަލުކޮށްދެއެވެ. އަދި ލޯގަނޑުން ބަލައިގެން ދަތް އުނގުޅަމުންދާއިރު ކުދިންނަށް މަޖާވާނެ އެކި ކުރެހުންތައް ފެންނަމުންދާނެއެވެ. އަދި ދަތްޕިލައިގެ އުނގުޅަންވީ ތަންތަން ފާހަގަކޮށް، ދަތްޕިލައިގެ ކުރެހުމަކުން، ދަތް އުނގުޅުމުގެ އިރުޝާދު ދެމުންދާނެއެވެ.
ބްރަޝް މޮންސްޓާ ބުރުހުން ދަތް އުނގުޅައި ނިމޭއިރު އަނގައިގެ ސާފުތާހިރުކަމުގެ މުހިއްމު ފިލާވަޅުތަކެއް، ނުސީދާކޮށް ކުދިންނަށް ލިބެއެވެ. އަދި ދަތް އުނގުޅުމަކީ ކުދިން ގަޔާވާ، ރުހޭ ކަމަކަށްވެސް ބަދަލުކޮށްލައެވެ.