ފަބްރެގަސް އާއި މޮރާޓާ އަށް ޖާގައެއް ނެތް
ފަބްރެގަސް އާއި މޮރާޓާ އަށް ޖާގައެއް ނެތް

މެޑްރިޑް (މެއި 21) - އަންނަ މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ސްޕެއިނުން ނެގި 23 ކުޅުންތެރިންގެ ސްކޮޑުން ޗެލްސީގެ ދެ ކުޅުންތެރިން ކަމަށްވާ ސެސް ފަބްރެގާސް އާއި އަލްވާރޯ މޮރާޓާ ބާކީވެއްޖެ އެވެ.

އުމުރުން 25 އަހަރުގެ މޮރާޓާ އަށް މި ސީޒަނުގައި ޗެލްސީ އަށް ބަދަލުވުމަށް ފަހު އެންމެ އެދެވޭ ކުޅުމެއް ނުދެއްކެ އެވެ. އޭނާ އަށް މި ސީޒަނުގައި ޖެހުނީ އެންމެ 11 ގޯލެވެ. އަނިޔާގެ ސަބަބުން އޭނާ އަށް ގިނަ މެޗުތަކެއް މި ސީޒަނުގައި ގެއްލުނެވެ.

ފަބްރެގަސް އަކީ ސްޕެއިން އެންމެ ފަހުން ކުޅުނު ބޮޑު ހުރިހާ މުބާރާތެއްގައި ކުޅުނު ކުޅުންތެރިއެކެވެ. އެހެން ނަމަވެސް މި ސީޒަނުގައި ޗެލްސީގައި ވެސް ބައެއް މެޗުތަކުގައި އޭނާ އަށް ފުރަތަމަ އެގާރައިން ފުރުސަތު ހޯދަން ވަނީ އުނދަގޫވެފަ އެވެ.

މި ދެ ކުޅުންތެރިންގެ އިތުރުން ދެން ފުރުސަތު ނުލިބޭ ކުޅުންތެރިންނަކީ ޗެލްސީގެ މާކޯސް އަލޮންސޯ އާއި ޕެޑްރޯ ރޮޑްރިގޭޒް، އާސެނަލްގެ ހެކްޓަ ބެލެރިން އަދި މެންޗެސްޓާ ޔުނައިޓެޑްގެ އެންޑަ ހެރޭރާ އަދި ހުއާން މަޓާ އެވެ.

ސްޕެއިނުގެ ކޯޗު ޖޫލެން ލޮޕެޓީގު ބުނީ ކުޅުންތެރިން ނެގުމުގައި ބެލީ މި ވަގުތު ޓީމަށް އެންމެ ފައިދާ ކުރާނެ ކުޅުންތެރިން ނެގުމަށް ކަމަށެވެ. އަދި ވަކި ކުޅުންތެރިންތަކަކަށް ހާއްސަ ނަޒަރަކުން ނުބަލާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޓީމުން ޖާގަ ހޯދައި މުޅިން އަލަށް ސްޕެއިން ޓީމާ އެކު މުބާރާތަށްދާ ކުޅުންތެރިން ތެރޭގައި ވެލެންސިއާގެ ރޮޑްރީގޯ މޮރޭނޯ އާއި ސެލްޓަ ވިގޯގެ ފޯވާޑް އިއާގޯ އަސްޕާސް ހިމެނެ އެވެ. އަދި އޭގެ އިތުރުން ރެއާލުގެ މާކޯ އަސެންސިއޯ ވެސް ވަނީ ޓީމުން ފުރުސަތު ހޯދައިފަ އެވެ.

ގޯލްކީޕަރުން: ޑޭވިޑް ޑެހެެއާ (މެންޗެސްޓާ ޔުނައިޓެޑް)، ޕެޕޭ ރެއިނާ (ނަޕޯލީ)، ކެޕާ އަރިޒަބަލާގާ (އެތުލެޓިކް ބިލްބާއޯ)

ޑިފެންޑަރުން: ޖޯޑީ އަލްބާ (ބާސެލޯނާ(، ނަޗޯ މޮންރެއާލް (އާސެނަލް)، އަލްވާރޯ އޮޑްރިއޮޒޯލާ (ރެއާލް ސޮސިއެޑާޑް)، ނަޗޯ ފެނާންޑޭޒް (ރެއާލް މެޑްރިޑް)، ޑެނީ ކާވަހާލް (ރެއާލް މެޑްރިޑް)، ޖެރާޑް ޕީކޭ (ބާސެލޯނާ)، ސާޖިއޯ ރާމޯސް (ރެއާލް މެޑްރިޑް)، ސެސާ އަޒްޕިލިކުއޭޓާ (ޗެލްސީ)

މިޑްފީލްޑަރުން: ސާޖިއޯ ބަސްކެޓްސް (ބާސެލޯނާ)، އިސްކޯ (ރެއާލް މެޑްރިޑް)، ތިއާގޯ އަލްކަންޓާރާ (ބަޔާން މިއުނިކް)، ޑޭވިޑް ސިލްވާ (މެންޗެސްޓާ ސިޓީ)، އަންދްރެސް އިނިއެސްޓާ (ބާސެލޯނާ)، ސައުލް ނިގޭޒް (އެތުލެޓިކޯ މެޑްރިޑް)، ކޯކޭ (އެތުލެޓިކޯ މެޑްރިޑް)

ފޯވާޑުން: ޑިއޭގޯ ކޮސްޓާ (އެތުލެޓިކޯ މެޑްރިޑް)، އިއާގޯ އަސްޕާސް (ސެލްޓާ ވިގޯ)، ރޮޑްރީގޯ މޮރޭނޯ (ވެލެންސިއާ)، މާކޯ އަސެންސިއޯ (ރެއާލް މެޑްރިޑް)، ލޫކަސް ވަޒްކޭޒް (ރެއާލް މެޑްރިޑް)