ސްކޮޑުން ޖާގަ ނުލިބުމުން ނައިންގޯލާން ރިޓަޔާކޮށްފި
ސްކޮޑުން ޖާގަ ނުލިބުމުން ނައިންގޯލާން ރިޓަޔާކޮށްފި

ބްރުސެލްސް، ބެލްޖިއަމް (މެއި 21) - އަންނަ މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ބެލްޖިއަމް ޓީމުގެ ޕްލިމިނަރީ ސްކޮޑުން ރޯމާގެ މިޑްފީލްޑަރު ރަޖާ ނައިންގޯލާން އަށް ޖާގަ ނުލިބުމުން އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

އުމުރުން 30 އަހަރުގެ ނައިންގޯލާން އަކީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ރޯމާ ސެމީ ފައިނަލަށް ގެންގޮސްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔާ އެވެ.

ބެލްޖިއަމް ގައުމީ ޓީމަށް މިހާތަނަށް 29 މެޗު ކުޅެދީފައިވާ ނައިންގޯލާން އަށް ފަހަކަށް އައިސް އެ ޓީމުން ފުރުސަތު ނުލިބެން ފެށީ އެ ޓީމުގެ ކޯޗުކަމާ ސްޕެއިނުގެ ރޮބާޓޯ މާޓީނޭޒް ހަވާލުވި ފަހުންނެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ވެސް ނައިންގޯލާން އަށް ކުޅުމުގެ ފުރުސަތު ނުލިބެ އެވެ.

"ނައިންގޯލާން އަކީ މޮޅު ކުޅުންތެރިއެއް. އެކަމަކު މި ވަގުތު ބެލްޖިއަމް ކުޅޭ ސްޓައިލުގެ ކުޅުންތެރިއެއް ނޫން. އޭނާ ބާކީ ކުރީ ޓެކްޓިކަލް ސަބަބުތަކަށްޓަަކައި،" ނައިންގޯލާންއާ ބެހޭގޮތުން މާޓީނޭޒް ބުންޏެވެ.

އެ ވާހަަކަތަކާ ގުޅިގެން ނައިންގޯލާން އޭނާގެ ގައުމީ ޓީމަަށް ކުޅުން ހުއްޓާލިކަން އިއުލާންކުރީ އިންސްޓަގްރާމް ޕޯސްޓެއް މެދުވެރިކޮށެވެ. އޭނާ ބުނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށާއި ދެން ދެމިހުންނާނީ ޓީމުގެ ސަޕޯޓަރެއްގެ ގޮތުގައި ކަމަށެވެ.

ނައިންގޯލާން އަކީ މި ފަހަރު ވޯލްޑް ކަޕް ސްކޮޑުގައި ނުހިމެނުމުން ގައުމީ ޓީމަށް ކުޅުން ހުއްޓާލި ދެ ވަނަ ކުޅުންތެރިޔާ އެވެ. ބަޔާން މިއުނިކަށް ކުޅޭ ފޯވާޑް ސަންޑްރޯ ވެގްނާ އަށް ޖާމަނީ ސްކޮޑުން ފުރުސަތު ނުލިބުމުން އޭނާ ވެސް ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ.

ބެލްޖިއަމުން ވޯލްޑް ކަޕްގެ ތަައްޔާރީތަށް ފަށާނީ 28 ކުޅުންތެރިންނާ އެކު އެވެ. ފަހުން ސްކޮޑު 23 ކުޅުންތެރިންނަށް މަދުކުރާނެ އެވެ.

ގޯލްކީޕަރުން: ކޯއެން ކަސްޓީލްސް (ވުލްފްސްބާގް)، ތިބައު ކޯޓުއާ (ޗެލްސީ)، ސިމޮން މިންޔޮލޭ (ލިވަޕޫލް)، މެޓްޒް ސެލްސް (ނިއުކާސަލް)

ޑިފެންޑަރުން: ޓޯބީ އަލްޑަވެއިލްޑް (ޓޮޓެންހަމް)، ޑާޑިކް ބޮޔާޓާ (ސެލްޓިކް)، ލޯރެންޓް ސީމަން (ލޮސް އެންޖެލެސް އެފްސީ)، ކްރިސްޓިއަން ކަބަސޭލޭ (ވަޓްފޯޑް)، ވިންސެންޓް ކޮމްޕެނީ (މެންޗެސްޓާ ސިޓީ)، ޖޯޑަން ލުކާކޫ (ލާޒިއޯ)، ތޯމަސް މުނިއޭ (ޕީއެސްޖީ)، ތޯމަސް ވަމައެލަން (ބާސެލޯނާ)، ޖެން ވާޓޮންގެން (ޓޮޓެންހަމް)

މިޑްފީލްޑަރުން: ޔަނިކް ކަރަސްކޯ (ޑާލިއަން)، ކެވިން ޑިބްރޭނާ (މެންޗެސްޓާ ސިޓީ)، މޫސާ ޑެމްބެލޭ (ޓޮޓެންހަމް)، ލިއަންޑާ ޑެންޑޮންކާ (އެންޑަލެކްޓް)، މަރުއާން ފެލައިނީ (މެންޗެސްޓާ ޔުނައިޓެޑް)، އެޑެން ހަޒާޑް (ޗެލްސީ)، ތޯގަން ހަޒާޑް (ބޮރޫސިއާ މޮންޗެންގްލަޑްބެކް)، އަދްނާން ޔަނުޒާއި (ރެއާލް ސޮސިއެޑާޑް)، ޑްރީސް މާޓެންސް (ނަޕޯލީ)، ޔޫރީ ޓޯލިމެންސް (މޮނާކޯ)، އެކްސެލް ވިޓްސެލް (ޓިއާންޖިން)

ފޯވާޑުން: މިޝީ ބަޓްޝުއާޔީ (ޗެލްސީ)، ކްރިސްޓިއަން ބެންޓެކޭ (ކްރިސްޓަލް ޕެލަސް)، ރޮމެލޫ ލުކާކޫ (މެންޗެސްޓާ ޔުނައިޓެޑް)، ނަސެރް ޗަޑްލީ (ވެސްޓް ބްރޮމް)