މައުމޫނަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަން ހަމަޖައްސައިފި
މައުމޫނަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަން ހަމަޖައްސައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފޯނު ފުލުހުންނަށް ދެއްވަން އިންކާރު ކުރެއްވި ކަމަށް ބުނެ އެމަނިކުފާނުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހު މައުމޫން ހައްޔަރުކޮށް، އެމަނިކުފާނުގެ ފޯނު ދޭން ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރެއްވި ކަމަށް ބުނެ މައުމޫންގެ މައްޗަށް ކުރާ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާގެ އަޑުއެހުމެއް މާދަމާ ހެނދުނު ބާއްވަން ހަމަޖެއްސިއިރު، އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ގޯސްވުމުގެ ސަބަބުން އެ މައްސަލާގެ އަޑުއެހުމެއް މީގެކުރިން ވަނީ ކެންސަލް ކޮށްފަ އެވެ.

މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވުމުން އެމަނިކުފާނު މާލެ ގެނެސް މީގެކުރިން ޑޮކްޓަރަށް ވެސް ދެއްކި އެވެ.

ފޯނު ދޭން އިންކާރު ކުރެއްވި މައްސަލާގައި މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ވެސް ދައުވާ ކުރެ އެވެ. އެކަމަކު މާދަމާ ބާއްވަނީ މައުމޫންގެ ބައި އެކަންޏެވެ.

ފޯނު ދޭން އިންކާރު ކުރެއްވި މައްސަލާގެ އިތުރުން ޓެރަރިޒަމްގެ ދައުވާއެއް ވެސް މައުމޫންގެ މައްޗަށް ދައުލަތުން ކުރެ އެވެ. މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވުމުން އެ މައްސަލާގެ ބައެއް އަޑުއެހުންތައް ވެސް މީގެކުރިން ކެންސަލްކުރި އެވެ.