25 ޖުލައި 2016 - 10:43

މިލާން (ޖުލައި 25) - ކްލަބުގެ ވެރިންނާ އުފެދުނު ހިޔާލުތަފާތުވުމަކާ ގުޅިގެން އިންޓަގެ ކޯޗުގެ މަގާމުން ރޮބާޓޯ މަންޗިނީ ވަރަށް އަވަހަށް އިސްތިއުފާ ދޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އިޓަލީގެ ނޫސްތަކުން ބުނާ ގޮތުގައި ކްލަބުގެ ރައީސް އެރިކް ތޯހިރާ އެކު މަންޗިނީ ބައްދަލުކޮށްފައިވާ ކަމަށާއި ނަމަވެސް މައްސަލައަށް ހައްލެއް އައިސްފައިނުވާ ކަމަށެވެ.
މަންޗިނީ ހިތްހަމަނުޖެހުނީ ޓީމު ވަރުގަދަކުރުމަށް ތަޖުރިބާކާރު ކުޅުންތެރިން ނުގެންނާތީ އެވެ. ކްލަބާ އަލަށް ހަވާލުވި ޗައިނާގެ ސުނިން ގްރޫޕުން ވެސް ބޭނުންވަނީ ޒުވާން ހުނަރުވެރި ކުޅުންތެރިން ގެނެސް މުސްތަގުބަލަށް ޓީމެއް ބިނާކުރާށެވެ.
ތޯހިރު ވިދާޅުވެފައިވަނީ އިންޓަ އިން އަންނަ ސީޒަނުގެ ގަދަ ތިނެއްގެ ތެރޭ ނިންމައި ޗެމްޕިއަންސް ލީގަށް ކޮލިފައިވާން ޖެހޭ ކަމަށެވެ. އެކަމަކު މަންޗިނީ ބުނީ ތަޖުރިބާކާރު ކުޅުންތެރިން ނެތި އެކަން ހާސިލްނުވާނެކަމަށެވެ.
މީގެ އިތުރުން އިންޓަގެ ކެޕްޓަން އަދި ފޯވާޑް މައުރީ އިކާޑޯ ނަޕޯލީ އަށް ވިއްކާލަން އުޅޭތީ ވެސް ހިތްހަމަނުޖެހުން ވަނީ އުފެދިފަ އެވެ.
އިންޓަގެ އެންމެ ވަރުގަދަ ދުވަސްވަރު އެ ޓީމަށް އިޓާލިއަން ލީގާއި އިޓާލިއަން ކަޕް ކާމިޔާބުކޮށްދީފައިވާ މަންޗިނީ އަލުން އެ ޓީމާ ހަވާލުވީ މިދިޔަ ސީޒަނުގަ އެވެ. އޭނާ ވަކިވެއްޖެ ނަމަ އިންޓަ ހަވާލުކުރާނެ ކަމަށް ބެލެވެނީ ކުރީގެ ކޯޗު ލިއޮނާޑޯއާ އެވެ. އޭނާ ވަނީ ކުރިން ވާދަވެރި އޭސީ މިލާނަށް ކުޅެ އެ ޓީމަށް ކޯޗުކޮށްދީފަ އެވެ.