ހުޅުމާލޭގައި ފުޓްބޯޅަ ޓްރެއިނިން ސްކޫލު އަޅައިދޭނެ ބަޔަކު ހޯދަނީ
ހުޅުމާލޭގައި ފުޓްބޯޅަ ޓްރެއިނިން ސްކޫލު އަޅައިދޭނެ ބަޔަކު ހޯދަނީ

ހުޅުމާލޭގައި ފީފާ ފެންވަރުގެ ފުޓްބޯޅަ ޓްރެއިނިން ސްކޫލެއް އަޅައިދޭނެ ބަޔަކު ހޯދަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު އިއުލާނުކޮށްފި އެވެ.

އެ އެސޯސިއޭޝަންގެ އިއުލާނުގައި ބުނީ، ރައީސް އަބްދުﷲ ޔާމީންގެ އިސްނެގުމުގެ މަތީން ހުޅުމާލޭގައި ގާއިމްކުރާ ފުޓްބޯޅަ ޓްރޭނިން ސްކޫލުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ. އެހެންވެ އެ މަސައްކަތާ ބެހޭ މައުލޫމާތު އަންނަ ހަފުތާގެ އަންގާރަ ދުވަހު ސާފުކުރުމަށް ފަހު އަންނަ މަހުގެ ފަސް ވަނަ ދުވަހު ބިޑް ހުށަހަޅަން ވަނީ އެދިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ހުޅުމަށް އިއްވެވި ރިޔާސީ ބަޔާނުގައި، ކުޅިވަރުގެ ދާއިރާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވަނީ ފީފާ ފެންވަރުގެ ފުޓްބޯޅަ ޓްރެއިނިން ސްކޫލެއް ހުޅުމާލޭގައި ހަދާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ މަސައްކަތަކީ ކުޅިވަރާ ބެހޭ މިނިސްޓްރީގެ ބަޖެޓުގެ ތެރެއިން އެފްއޭއެމާ ގުޅިގެން ކުރާ މަސައްކަތެކެވެ. މި އަހަރުގެ ތެރޭގައި ޓްރެއިނިން ސްކޫލުގެ މަސައްކަތް ނިންމޭތޯ ބަލާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެ މިނިސްޓްރީން ކުރިން ބުނިގޮތުގައި، ޓްރެއިނިން ސްކޫލު ހިންގާނީ އެ ތަނުގައި ކުދިން ބައިތިއްބައިގެން ކިޔެވުމުގެ ފުރުސަތު ވެސް ލިބޭ ގޮތަށެވެ. އެއީ ތަމްރީނުތަކާއި ތައުލީމުގެ ކަންތައްތައް އެއް ފަހަރާ ކުރިއަށް ގެންދެވޭ ގޮތަށެވެ.

ކުޅިވަރުގެ ދާއިރާއިން ހުނަރުވެރިން އުފެއްދުމުގެ މަގުސަދުގައި ރާއްޖޭގައި ސްޕޯޓްސް ސްކޫލެއް އަޅަން ސްޕޯޓްސް ކޯޕަރޭޝަނުން ވެސް ވަނީ ނިންމައިފަ އެވެ.