21 މެއި 2018 - 14:12

ކެރެލާ (މެއި 21) - އިންޑިއާގެ ދެކުނުގެ ކެރަލާ ސްޓޭޓުގައި ނުރައްކާތެރި ވައިރަލް ރޯގާއެއް ފެތުރި މިހާތަނަށް ނުވަ މީހުން މަރުވެފައިވާ ކަމަށް ސިއްހީ އޮފިޝަލުން ބުނެފި އެވެ.
ވޭތުވެދިޔަ ދެ ހަފުތާއެއްހާ ދުވަހު ވަނީ ނިޕާ ވައިރަސް އަށް ތިން މީހުން ޕޮޒިޓިވްވެފަ އެވެ. އަނެއް ހަ މީހުންގެ ޓެސްޓުގެ ނަތީޖާ މިއަދު ލިބޭނެ އެވެ. ބަލީގެ އަލާމާތްތައް ފެނިގެން އިތުރު 25 މީހުން ވަނީ ކޮޒިކޯޑު ސިޓީގައި އެޑްމިޓްކޮށްފަ އެވެ. ނިޕާ ވައިރަސް އިންސާނުންގެ ގަޔަށް ވާސިލު ވަނީ ޖަނަވާރުންގެ ގައިންނެވެ. ޚާއްސަކޮށް ވާލުގެ ޒަރިއްޔާ އިންނެވެ. މި ވައިރަސް އަށް އަދި ވެކްސިނެއް ހޯދިފައެއް ނުވެ އެވެ. ބަލި ޖެހޭ މީހުންގެ 70 ޕަސެންޓް މީހުން މަރުވުމުގެ ފުރުސަތު ބޮޑެވެ.
ކެރަލާގެ ހެލްތު ސެކްރެޓަރީ ރަޖީވް ސަދަނަންދަން ވިދާޅުވީ ނިޕާ ވައިރަސް ޖެހުނު މީހުންނަށް ފަރުވާ ދިނުމުގައި އުޅުނު ނަރުހަކު ވެސް މަރުވެފައިވާ ކަމަށެވެ.
"ނިޕާ ވައިރަސް އަށް ޝައްކު ކުރެވޭ އެންމެންގެ ލޭގެ ސާމްޕަލް ޓެސްޓް ކުރުމަށް ވަނީ ޕޫނާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ އަށް ފޮނުވާފައި،" އޭނާ ވިދާޅުވި އެވެ. "މިހާރު އެންމެ ބޮޑަށް ސަމާލުކަން ދެނީ ބަލިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް."