އެމެރިކާގައި އަންހެން ޑައިރެކްޓަރުންނަށް ފުރުސަތު މަދު: ޖޮޑީ ފޮސްޓާ
އެމެރިކާގައި އަންހެން ޑައިރެކްޓަރުންނަށް ފުރުސަތު މަދު: ޖޮޑީ ފޮސްޓާ

އެމެރިކާގައި އަންހެން ޑައިރެކްޓަރުންނަށް ފުރުސަތު ލިބުން މަދު ކަމަށާއި ބައެއް މީހުން އަންހެން ޑައިރެކްޓަރުންނާ ދޭތެރޭ ދެކޭ ގޮތް ވެސް ވަރަށް ތަފާތު ކަމަށް، މަޝްހޫރު ބަތަލާ އަދި ޑައިރެކްޓަރު ޖޮޑީ ފޮސްޓާ ބުނެފި އެވެ.

"ޓެކްސީ ޑްރައިވާ" އާއި "ދި އެކިއުޒްޑް" އަދި "ސައިލެންސް އޮފް ދަ ލޭމްބް" ފަދަ ފިލްމްތައް ކުޅެފައިވާ އުމުރުން 55 އަހަރުގެ ބަތަލާ ބުނީ އޭނާ އަބަދު ވެސް ފިލްމްތައް ޑައިރެކްޓް ކުރަން ބޭނުންވި ކަމަށާއި އެކަން ކުރުމުގައި ވެސް ދެމި ހުންނާނެ ކަމަށެވެ. އެކަމަކު އެމެރިކާގައި އަންހެން ޑައިރެކްޓަރުންނަށް ގިނަ ޕްރޮޑިއުސަރުން ފުރުސަތު ދޭން ޖެހިލުންވާ ކަމަށް ބުންޏެވެ.

"ޔޫރަޕްގެ ގައުމުތަކަށް ބަލާ އިރު އަންހެން ޑައިރެކްޓަރުންގެ ނުފޫޒު މިހާރު ވަރަށް ގަދަ. އަންހެން ޑައިރެކްޓަރުންނާ ދޭތެރޭ މައްސަލަ އޮންނަނީ އެމެރިކާގައި. މިއީ ބަދަލު ކުރަން ޖެހޭ ކަމެއް،" ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ފޮސްޓާ ބުންޏެވެ.

އޮސްކާ އާއި ގޯލްޑެން ގްލޯބް އަދި ބަފްޓާ އެވޯޑް ވެސް ހޯދާފައިވާ ފޮސްޓާ ބުނި ގޮތުގައި މި ފަހަކަށް އައިސް އެމެރިކާ އަންހެން ޑައިރެކްޓަރުން އަންނަނީ އެ މީހުންގެ ކުޅަދާނަކަން ވެސް ވަރަށް ބޮޑަށް ދައްކަމުންނެވެ.

އެގޮތުން މިދިޔަ އަހަރު ޕޭޓީ ޖެންކިންސް ގެނެސް ދިން "ވޮންޑަ ވުމަން" އަކީ ފިރިހެން ޑައިރެކްޓަރުންނަށް އަންހެން ޑައިރެކްޓަރުން ދޫނުކުރާނެކަން ސާބިތުކޮށް ދިން ފިލްމެއް ކަމަށް ބުންޏެވެ.

ފޮސްޓާ ޑައިރެކްޓް ކުރި ފީޗާ ފިލްމްތަކުގެ ތެރޭގައި ލިޓްލް މޭން ޓޭޓް (1991)، ދަ ބީވާ (2011) އަދި 2016 ގައި ރިލީޒް ކުރި "މަނީ މޯންސްޓާ" ހިމެނެ އެވެ.

އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ މަހުގެ 8 ގައި ރިލީޒް ކުރާ "ހޮޓެލް އާޓެމިސް" އިންނެވެ.