ކޮކާ ކޯލާ އިން އަލަށް ދިވެހި އިސްތިހާރެއް، އެކްޓް ކުރީ ޝީލާ އާއި ނިމާލު
ކޮކާ ކޯލާ އިން އަލަށް ދިވެހި އިސްތިހާރެއް، އެކްޓް ކުރީ ޝީލާ އާއި ނިމާލު

ކޮކާ ކޯލާ އިން މުޅިން އަލަށް ދިވެހި އިސްތިހާރެއް ހަދައި، އެ އިސްތިހާރު ލޯންޗް ކޮށްފި އެވެ.

ދިވެހިންގެ މެދުގައި ވެސް މަޝްހޫރު ކޮކާ ކޯލާ އިން އަލަށް 100 ޕަސެންޓް ދިވެހި އިސްތިހާރެއް ނެރުނު އިރު، އެ އިސްތިހާރުގައި އެކްޓް ކޮށްފައިވަނީ ޝީލާ ނަޖީބާއި، އަހުމަދު ނިމާލެވެ. އެ އިސްތިހާރު ތައްޔާރުކުރީ ކޮކާ ކޯލާ އިން ޗޮޕާޓް މޯލްޑިވްސްއާ ހަވާލުކޮށްގެންނެވެ.

ކޮކާ ކޯލާ އިން ބުނީ ދިވެހި އިސްތިހާރާ އެކު، ކޮކާ ކޯލާ އަށް ދިވެހިންގެ މެދުގައި އޮތް ލޯތްބާއި ގާތް ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް ދެކޭ ކަމަށެވެ.

ރޭ މާގިރި ހޮޓަލްގައި ލޯންޗްކުރި އިސްތިހާރުން ފެންނަނީ އާއިލާއެއް ރޯދަ ވީއްލަން ތިބޭ މަންޒަރެވެ. ރޯދަ ވީއްލުން ތައްޔާރުކުރަނީ އެ އާއިލާގައި ހުންނަ ފިރިހެން ކުއްޖާ އެވެ. އަދި ރޯދަ ވީއްލަން ފެށުމުން އެ ކުއްޖާ ދައްތަ ގާތު، ރޯދަ ވީއްލުން ކަމުދޭތޯ އަހަ އެވެ.

އެ ކުއްޖާ އެހެން އެހުމުން ދައްތަ އާއި ބައްޕަ ބުނަނީ ކޮންމެ ވެސް އެއްޗެއް މަދުވާ ކަމަށެވެ. މަދުވާ އެތި ގެނެސްދެނީ މަންމަ އެވެ. އެއީ ކޯކާ ކޯލާ ބޮޑު ފުޅިއެކެވެ. އަދި އެއާ އެކު ރޯދަ ވީއްލުން ފުރިހަމަވުމުން އެންމެން އުފާކުރާ މަންޒަރު ފެނެ އެވެ.

މިރޭ ދައްކަން ފަށާ އިސްތިހާރަށް އަޑު އަޅާފައިވަނީ ވެސް ދިވެހިންނެވެ. އެ އިސްތިހާރު ދައްކާނީ ރާއްޖޭގައި އެކަނި ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ކުރު ޑްރާމާކޮޅެއް ގޮތަށް ހަދާފައިވާ އިސްތިހާރުގެ ކުރިން ކޮކާ ކޯލާއިން ދިވެހި އިސްތިހާރެއް ހަދާފައެއް ނުވެ އެވެ. ނަމަވެސް މީގެ ކުރިން ކޮކާކޯލާ އިސްތިހާރެއްގައި މޯލްޑިވިއަން އައިޑޮލް ފުރަތަމަ ސީޒަނުން ވިދާލި ޝަލަބީ އިބުރާހީމްގެ އަޑުން ކިޔާފައިވާ ލަވައެއް ބޭނުން ކުރި އެވެ.