26 ޖުލައި 2016 - 12:13

އަންނަ ހުކުރު ދުވަހު ރިލީޒްކުރަން ތައްޔާރުވެފައިވާ ޖޯން އެބްރަހަމް އާއި ވަރުން ދަވަން އަދި ޖެކްލީން ފެނާންޑިސްގެ "ޑިޝޫމް" ލީކުވެދާނެކަމުގެ ބިރު ބޮޑުވުމުގެ ސަބަބުން "ދަ ފިލްމް އެންޑް ޓެލެވިޒަން ޕްރޮޑިއުސާސް އޮފް އިންޑިއާ" އިން އިމަޖެންސީ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ޕްރޮޑިއުސަރު މުކޭޝް ބަޓް ބުނެފި އެވެ.
މުކޭޝް ބަޓް ބުނި ގޮތުގައި ފިލްމުތަކުގެ ވަގު ކޮޕީ ރިލީޒްކުރާ ސައިޓަކުން "ޑިޝޫމް" ވަރަށް އަވަހަށް ފެންނާނެކަމަށް ބުނެ އިޝްތިހާރުކުރަމުންދާ ކަމުގެ މައުލޫމާތު އެމީހުންނަށް ވަނީ ލިބިފަ އެވެ. ޕްރޮޑިއުސަރަކަށް މިއަށްވުރެ ބޮޑު ބިރުވެރިކަމެއް ނޯންނާނެ ކަމަށް މުކޭޝް ބުންޏެވެ.
މުކޭޝް އަކީ "ފިލްމު ޕްރޮޑިއުސާސް ގިލްޑް" ގެ ރައީސަށް ވާތީ ހުރިހާ ސީނިއާ ޕްރޮޑިއުސަރުންގެ ބައްދަލުވުމެއް ބާއްވައި މިކަމަށް ހައްލެއް ހޯދަން މަސައްކަތްކުރަމުންދާ ކަމަށް އޭނާ ބުނެފައިވެ އެވެ.
މީގެ ކުރިން "އުޅްތާ ޕަންޖާބު" އާއި "ގްރޭޓް ގްރޭންޑް މަސްތީ" ވަނީ ރިލީޒްކުރުމުގެ ކުރިން ލީކު ވެފަ އެވެ. އަދި މީގެ ގެއްލުން މި ފިލްމުތަކަށް އިންތިހާއަށް ކުރި އެވެ. "އުލްތާ ޕަންޖާބު" އަށް އެވްރެޖް ވިޔަފާރިއެއް ކުރެވުނުއިރު "ގްރޭޓް ގްރޭންޑް މަސްތީ" ފްލޮޕްވެ ޕްރޮޑިއުސަރުންނަށް ބޮޑު ގެއްލުމެއް ވަނީ ވެފަ އެވެ.
ފިލްމެއް ރިލިޒްކުރުމުގެ ކުރިން ލީކުވާނެ ކަމަށް ބުނެ މީގެ ކުރިން އިޝްތިހާރު ކުރީ "ގްރޭޓް ގްރޭންޑް މަސްތީ" އެވެ. ފުރަތަމަ އެންމެން ވެސް ހީކުރީ އެއީ ޖޯކެއް ކަމަށެވެ. ނަމަވެސް ކަމުގެ ސީރިއަސްކަން އެނގުނީ ފިލްމުތައް ލީކުވުމުންނެވެ.
"ގްރޭޓް ގްރޭންޑް މަސްތީ"ގެ ޕްރޮޑިއުސަރުން ބުނަނީ އެމީހުންގެ ޑީވީޑީ ކޮޕީކުރީ ފިލްމު ސެޓިފިކެޓް އެޕެލެޓް ޓްރައިބިއުނަލް (އެފްސީއޭޓީ) އާ ހަވާލުކުރި ހިސާބުން ކަމަށެވެ.
ނަމަވެސް "ޑިޝޫމް" ފާސްކޮށްދީފައި ވަނީ ކުރިން ޑީވީޑީ ހުށަހަޅަންޖެހޭ ގޮތަށް އޮތް ގަވާއިދަށް ބަދަލު ގެނެސް ޑީވީޑީ ހުށަހެޅުމަކާ ނުލަ އެވެ. މިހާރު ގަވާއިދު އޮތް ގޮތުން ޑީވީޑީ ހުށަހަޅަންޖެހޭނީ ފިލްމު ރިލީޒްކުރުމަށް ފަހުގަ އެވެ. އެއީ ވެސް ފިލްމުތައް ލީކުވުމުގައި ސެންސަރު ބޯޑުގެ އެއްވެސް ދައުރެއް ނެތްކަން ޕްރޮޑިއުސަރުންނަށް ޔަގީންކޮށްދިނުމަށް ކުރާ ކަމެކެވެ.
މިހާރު ޕްރޮޑިއުސަރުންނާއި ސެންސަރު ބޯޑުން މަޝްވަރާ ކުރަނީ މި މައްސަލަ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ ހަމައަށް ގެންދިއުމަށެވެ.