ޕާކިސްތާނަށް ޖާސޫސްކުރި ކަމުގެ ކުށުގައި އިންޑިއާގެ ޑިޕްލޮމެޓަކު ޖަލަށް
ޕާކިސްތާނަށް ޖާސޫސްކުރި ކަމުގެ ކުށުގައި އިންޑިއާގެ ޑިޕްލޮމެޓަކު ޖަލަށް

ނިއު ދިއްލީ (މެއި 21) - ޕާކިސްތާނަށް ޖާސޫސްކުރި ކަމުގެ ކުށުގައި އިންޑިއާގެ ޑިޕްލޮމެޓަކު ތިން އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

މަދޫރީ ގުޕްތާގެ މައްޗަށް ކުށް ސާބިތުވެފައި ވަނީ އިސްލާމްއާބާދުގައި ހުންނަ އިންޑިއާ އެމްބަސީގައި އޭނާ މަސައްކަތް ކުރި ދުވަސްވަރު ޕާކިސްތާނަށް ޖާސޫސްކޮށްދީ އަދި "ރަނގަޅު ނޫން ގޮތެއްގައި ޕާކިސްތާނާ އެކު މުއާމަލާތްތަކެއް ކޮށްފައިވާތީ" އެވެ.

ޕާކިސްތާނުގެ ޖާސޫސީ އިދާރާ އަށް މައުލޫމާތު ފޯރުކޮށްދިން ކަމަށް ގުޕްތާ، 61، ގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ 2010 ވަނަ އަހަރު އެވެ. ދެ ވަނަ ސެކްރެޓަރީގެ މަގާމުގައި ހުރި ޑިޕްލޮމެޓުގެ މައްޗަށް އެންމެ ފުރަތަމަ ހުކުމްކުރީ އިންޑިއާގެ ރަސްމީ ސިއްރުތަކާ ބެހޭ ގާނޫނުގެ ދަށުންނެވެ. އަދި ކަފާލާތުގެ ދަށުން އޭނާ މިނިވަން ކުރުމުގެ ކުރިން ދެ އަހަރުވަންދެން ބަންދުގައި ބެހެއްޓި އެވެ.

ގުޕްތާގެ ވަކީލް ޖޮގިންދަރު ދަހިޔާ ވިދާޅުވީ ދަށު ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށެވެ.

"ގުޕްތާ މިހާރު ވެސް ވަނީ 21 މަސް ދުވަހަށް ވުރެ ގިނަ ދުވަހު ބަންދުގައި ހޭދަކޮށްފައި. ޖަލުގައި ހޭދަކުރި މުއްދަތަށް ބަލާއިރު ގުޕްތާ މިހާރު މިނިވަންވާން ޖެހޭނެ،" ވަކީލް ވިދާޅުވި އެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އިން ބުނީ ގުޕްތާގެ މައްޗަށް ބޮޑު ހުކުމެއް ނައީ އޭނާ މައުލޫމާތު ފޯރުކޮށްދީފައި ވަނީ އަސްކަރިއްޔާ އަށް ކަމަށް ނުވާތީ ކަމަށެވެ.

ގުޕްތާ ބުނެފައި ވަނީ އޭނާގެ މައްޗަށް ސާބިތުކޮށްފައި ވަނީ ދޮގު ދައުވާއެއް ކަމަށެވެ.