21 މެއި 2018 - 11:59

ކަރާކަސް (މެއި 21) - ވެނެޒުއެލާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓު އޮޅުވާލުމުގެ ތުހުމަތުކޮށްފައި ވަނިކޮށް ރައީސްކަމުގެ ދެ ވަނަ ދައުރު ނިކޮލަސް މަދޫރޯ ކާމިޔާބު ކުރައްވައިފި އެވެ.
އިދިކޮޅު ފަރާތްތަކުން ބޮއިކޮޓް ކުރި އިންތިޚާބުގައި ވޯޓުލާން ނުކުމެފައި ވަނީ 46 ޕަސެންޓް މީހުންނެވެ. އިދިކޮޅު ލީޑަރު ހެންރީ ފެލްކޮން ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލް ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
"މިއީ ބާތިލް އިންތިޚާބެއް. ވެނެޒުއެލާގައި އާ އިންތިޚާބެއް ބާއްވަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
ވޯޓުގެ 90 ޕަސެންޓް ގުނާ ނިމުނުއިރު މަދޫރޯ، 55، ވަނީ 67.7 ޕަސެންޓް ކާމިޔާބު ކޮށްފައި ކަމަށް ނޭޝަނަލް އިލެކްޓޯރަލް ކައުންސިލުން ވަނީ ބުނެފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވެނެޒުއެލާގެ އިންތިޚާބުގެ ނަތީޖާ ގަބޫލް ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ވެނެޒުއެލާގައި އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހު އެވެ. ނަމަވެސް މަދޫރޯގެ ތާއީދު އޮންނަ ނޭޝަނަލް އެސެމްބްލީން ވަނީ އިންތިޚާބު އަވަސް ކޮށްފަ އެވެ.
އިދިކޮޅު ޑިމޮކްރެޓިކް ޔުނިޓީން ބުނީ އިންތިޚާބު އަވަސްކުރީ އިިދިކޮޅު ކޯލިޝަނުގައި ބައިބައިވުން އުފެދިފައިވާ ދަނޑިވަޅުގެ ފައިދާ ނަގަން ކަމަށެވެ. އެ ޕާޓީގެ ދެ ކެންޑިޑޭޓަކަށް ވަނީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލުވާލައިފަ އެވެ.