21 މެއި 2018 - 11:40

ރޯމް (މޭ 21) - ފަހު މެޗުގެ ފަހު ވަގުތު ލާޒިއޯ އަތުން ފަހަތުން އަރައި 3-2 އިން މޮޅުވެ އިންޓަ މިލާނުން ހަ އަހަރަށް ފަހު ޔުއެފާ ޗެމްޕިއަންސް ލީގުން ޖާގަ ހޯދައިފި އެވެ.
އިޓާލިއަން ލީގުން ޗެމްޕިއަންސް ލީގުގެ ފަހު ޖާގަ ލިބޭ ހަތަރު ވަނަ މަގާމް އިންޓަ ކަށަވަރުކުރީ ލާޒިއޯއާ އެއްވަރަށް 72 ޕޮއިންޓް ހޯދައިގެން، ހެޑް-ޓު-ހެޑް އިން ކުރި ހޯދައިގެންނެވެ. އަނެއް ތިން ޖާގަ ކަށަވަރުކުރީ ޗެމްޕިއަން ޔުވެންޓަސް އާއި ދެ ވަނަ ނަޕޯލީ އަދި ތިން ވަނަ ހޯދި ރޯމާ އެވެ.
ފަސް ވަނަ އަށް ދިޔަ ލާޒިއޯ އާއި ހަ ވަނަ އަށް ދިޔަ އޭސީ މިލާން ޔުރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދިއިރު ހަތް ވަނަ އަށް ދިޔަ އެޓަލާންޓާ ވާދަކުރަން ޖެހޭނީ ޔުރޮޕާ ލީގުގެ ކޮލިފައިންގަ އެވެ.
ލާޒިއޯގެ އޮލިމްޕިކް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގެ ނުވަ ވަނަ މިނެޓުގައި އެ ޓީމަށް ކުރި ލިބުނީ އިންޓަގެ އިވާން ޕެރިސިޗް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އެކަމަކު 29 ވަނަ މިނެޓުގައި ޑެނީލޯ ޑިއެމްބްރޮސިއޯ އިންޓަ އަށް އެއްވަރުކޮށްދިނެވެ. އޭގެ ފަހުން 41 ވަނަ މިނެޓުގައި ފެލިއްޕެ އެންޑަސަން ވަނީ ލާޒިއޯ އަށް އަލުން ކުރި ހޯދައިފަ އެވެ.
އިންޓަ އިން ދެ ވަނަ ފަހަރަށް އެއްވަރުކުރީ 78 ވަނަ މިނެޓުގައި މައުރޯ އިކާޑީ ޕެނަލްޓީއަކުން ޖެހި ގޯލުންނެވެ. އެ ވަގުތު ލާޒިއޯގެ ސެނާޑް ލުލިޗަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދެއްކި އެވެ. ލާޒިއޯގެ އެކަކު މަދުވުމުގެ ފައިދާ ނަގައި އިންޓަ އިން މޮޅުވި ލަނޑު ޖަހައިދިނީ 81 ވަނަ މިނެޓުގައި މަޓިއަސް ވެޗީނޯ އެވެ.
ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބުކޮށްފައިވާ އިންޓަ އެންމެ ފަހުން އެ މުބާރާތުގައި ވާދަކުރީ 2012 ވަނަ އަހަރެވެ. އަންނަ ސީޒަނުގެ މުބާރާތަށް އެ ޓީމު ވަރުގަދަކުރާނެ ކަމަށް ބެލެވެ އެވެ. މިހާރު ވެސް ވަނީ ލާޒިއޯގެ ނެދަލެންޑްސްގެ ޑިފެންޑަރު ޑި ވްރައި ގެނެސްފަ އެވެ.
ޔުރޮޕާ ލީގުގެ ޖާގަ ރޭ އޭސީ މިލާން ކަށަވަރުކުރީ ފިއޮރެންޓީނާ އަތުން 5-1 އިން މޮޅުވެގެންނެވެ. ފިއޮރެންޓީނާގެ ޖިއޮވާނީ ސިމިއޯނީ ލަނޑެއް ޖަހާފައިވަނިކޮށް މިލާން ފަހަތުން އަރައި މޮޅުވީ ހަކާން ޗަނައޮގްލޫ އާއި ޕެޓްރިކް ކުޓްރޯނޭ އާއި ނިކޮލާ ކަލިނިޗް އަދި ޖެކް ބޮނަވެންޗޫރާ ޖެހި ލަނޑުތަކުންނެވެ. މީގެ ތެރެއިން ކުޓްރޯނޭ ދެ ލަނޑު ޖެހި އެވެ.