22 މެއި 2018 - 09:21

އާލިއާ ބަޓްގެ އެންމެ ފަހުގެ ފިލްމް "ރާޒީ" މިހާރު ވެސް ބޮޑު ހިޓަކަށްވެފައިވާ އިރު، މީގެ ވިޔަފާރި ކުރިއަށްދާ ގޮތުން 100 ކްރޯޑް ކުލަބުން ވެސް ޖާގަ ހޯދާނެ ކަމަށް މިހާރު ވަނީ ބެލެވެން ފަށައިފަ އެވެ.
މި މަހުގެ 11 ވަނަ ދުވަހު ރިލީޒް ކުރި ސްޕައި ތުރިލާ އަށް އިންޑިއާ އިން މިހާތަނަށް ވަނީ 78 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ. މަޝްހޫރު ފިލްމް ކްރިޓިކް އަދި އިންޑިއާގެ ފިލްމީ ވިޔަފާރި ދިރާސާކުރާ ތަރަން އަދާޝް ބުނި ގޮތުގައި ރިލީޒް ކުރިތާ 10 ދުވަހުގެ ތެރޭގައި "ރާޒީ" ގެ އާމްދަނީ 75 ކްރޯޑް ރުފީސް ހޯދުމަކީ ފާހަގަކޮށްލަން ޖެހޭ ވަރުގެ ކަމެކެވެ.
އޭނާ ބުނި ގޮތުގައި މެގްނާ ގުލްޒާރު ޑައިރެކްޓްކޮށްފައިވާ ފިލްމްގެ ވިޔަފާރި އަދިވެސް ދުވަހުން ދުވަހަށް ވަރުގަދަވަމުން އަންނާތީ "ރާޒީ"ގެ މިސްރާބު މިހާރު ހުރީ 100 ކްރޯޑާ ދިމާއަށެވެ.
ފާހަގަކޮށްލެވޭ އަނެއް ކަމަކީ މި ފިލްމް ރިލީޒް ކުރުމުގެ ހަފުތާއެއްހާ ދުވަސް ކުރިން ދައްކަން ފެށި އަމީތާބް ބައްޗަން އާއި ރިޝީ ކަޕޫރްގެ "100 ނޮޓް އައުޓް" އަށް ވެސް "ރާޒީ" ކުރީގައި އުޅޭ ކަމެވެ. އެ ފިލްމަށް އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުން މިހާތަނަށް ލިބުނު ޖުމްލަ އާމްދަނީ އަދި އުޅެނީ 63 ކްރޯޑް ރުޕީސްގަ އެވެ.
އިންޑިއާ އާއި އިންޑިއާ އިން ބޭރު މާކެޓްތަކުގައި ދައްކައިގެން "ރާޒީ" އަށް ލިބުނު އާމްދަނީ މިހާރު ވަނީ 100 ކްރޯޑް ފަހަނައަޅައިފަ އެވެ.
ޕާކިސްތާންގެ ސިފައިންގެ އޮފިސަރަކާ ކައިވެނި ކުރާ އިންޑިއާގެ އަންހެން ޖާސޫސެއްގެ ރޯލް އާލިއާ ކުޅެފައިވާ "ރާޒީ" ގައި އޭނާ ދައްކުވައި ދީފައިވާ އެކްޓިން އަށް ވެސް ވަރަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވެ އެވެ. މި ފިލްމްގެ ބަތަލަކީ ވިކީ ކޯޝަލް އެވެ.
ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނާއި ޖަންގްލީ ޕިކްޗާސް އިން ގެނެސް ދިން "ރާޒީ" 100 ކްރޯޑަށް ވަދެއްޖެ ނަމަ، މި ފިލްމްވެގެން ދާނީ އާލިއާގެ ތިން ވަނަ 100 ކްރޯޑް ފިލްމަށެވެ. އެ ކުލަބުން ޖާގަ ހޯދާފައިވާ އޭނާގެ ފިލްމްތަކުގެ ތެރޭގައި 2 ސްޓޭޓްސް (2014) އާއި މިދިޔަ އަހަރު ރިލީޒް ކުރި "ބަދްރީނާތު ކީ ދުލްހަނިޔާ" ހިމެނެ އެވެ.
ދެހާސް ބާރަ ވަނަ އަހަރު "ސްޓޫޑަން އޮފް ދި އިޔާ" އިން ބޮލީވުޑަށް ނުކުތް 25 އަހަރުގެ ބަތަލާ މިހާތަނަށް ކުޅުނު ފިލްމްތަކުގެ ތެރެއިން ފްލޮޕްވީ އެންމެ ފިލްމެކެވެ. އެއީ 2015 ގެ "ޝާންދާރް" އެވެ.
އާލިއާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ގަލީ ބޯއި"، "ކަލަންކް" އަދި "ބްރައްމަސްތުރާ" ހިމެނެ އެވެ. މި ފިލްމްތައް ރިލީޒް ކުރާނީ އަންނަ އަހަރު އެވެ.