22 މެއި 2018 - 09:16

އިއްޔެ އާ ގުޅޭ
އަޒްރާއަށް އެ ވާހަކަތައް ގަބޫލުކުރެވެން ފެށިއެވެ. ޝަކުވާކޮށްލަ ކޮށްލާ އަޒްރާ ހުންނަންވީ ކިހާ ދުވަހަކު ހެއްޔެވެ؟ ކޮންމެ ކަމަކަށް ވެސް ނިމުމެއް އަންނަން ޖެހޭނެއެވެ. ބަދަލެއް އަންނަން ޖެހޭނެއެވެ. އެހެންނަމަވެސް އެ ބަދަލު ގެންނަން ޖިނާ އުޅޭތަނެއް އަޒްރާއަކަށް ނުފެނެއެވެ. އަޒްރާގެ އުފާތަކާ މެދު ޖިނާ ވިސްނާތަނެއް ވެސް ނުފެނެއެވެ. ޖިނާ ހެދިހާ ގޮތެއް ހެދިގެން އަޒްރާ އިންނާނެހެން ޖިނާއަށް ހީވަނީބާއެވެ؟
"އަދި މި ވަގުތު ޖަވާބެއް ނުދިނަސް މައްސަލައެއް ނެތޭ،" އޯގާތެރިކަމާ އެކުގައި އޭނަ ބުންޏެވެ. "އަހަރެން މީ ކާކުކަން އެނގި، އަހަންނަށް އިތުބާރު ވެސް ކުރެވެން ޖެހޭނެތާ! ވިސްނާލާ! އަހަރެންގެ ނަންބަރު އެނގެއެއްނު! ފޫހިވީމަ އަހަންނަށް ގުޅާލާ!"
"އަޒޫ!" ޖިނާގެ އަޑު އިވުނެވެ.
"މި ވަގުތު އިހަށް ބާއްވަނީ!" އަޒްރާ މަޑުމަޑުން ބުނެލިއެވެ.
ފޯނު ކަނޑައިލައިފައި އަޒްރާ ނިކުތްއިރު ޖިނާ އިނީ ބޮޑުކޮޓަރީގެ ސޯފާގައި އިށީނދެލައިގެންނެވެ.
"އިށީނދެބަލަ މިތާ!" ސޯފާގައި ޖަހައިލަމުން ޖިނާ ބުންޏެވެ. "ވާހަކައެއް ދައްކާލަން ވެއްޖެ!"
އަޒްރާ އައިސް ސޯފާ ކައިރީގައި ހުއްޓުނެވެ. އޭރު ވެސް އަޒްރާއަށް އެނގެއެވެ. އަޒްރާ އުފާވާ ކަހަލަ ވާހަކައެއް ޖިނާ ނުބުނާނެއެވެ.
"ނީށީނަކަސް ބުނާ އެއްޗެއް ބުނެބަލަ!" އަޒްރާ ބުންޏެވެ. "މިރޭ އަނެއްކާ ވެސް އެ ގެއަށް ދާންޖެހުނީތަ؟"
ޖިނާ ތެދުވިއެވެ. އަޒްރާއަށް ވިސްނައިދިނުމަކީ، ފަހަކަށް އައިސް ޖިނާއަށް ކުޅަދާނަ ކަމެއް ނޫނެވެ.
"އަޒޫ!" އޯގާތެރިކަމާ އެކުގައި ޖިނާ ބުންޏެވެ. "ކިތައް ފަހަރު އަހަރެން ބުނެފިން އެއީ އަހަރެންގެ ދަރިވަރެއްގެ ޕޭރަންޓެކޭ!"
"ޕޭރަންޓަކާ ވާހަކަދެއްކިދާނެ ފޯނުން ވެސް،" އަޒްރާގެ ހިތްހަމަނުޖެހުން ހައްތާ ބޮޑުވިއެވެ. "ސްކޫލަށް ގެނެސްގެން ވެސް. ބައްޕަ ވެސް ހުންނާނެތާ ތި ދަރިވަރެއްގެ."
"އަޒޫ ތީ ބޮޑުވަރު،" ޖިނާ ހިތްހަމަނުޖެހިފައި ބުންޏެވެ. "މިހާރު ދެން ނެތެއްނު އަޒޫ ޝައްކު ނުކުރާ އެއްކަމެއް ވެސް. ތީ ކުރިން އަޒޫ އުޅުނު ގޮތެއް ނޫން."
އަޒްރާ އެއްޗެއް ބުނަން އަނގަ ހުޅުވައިލައިފައި، ފުން ނޭވައެއް ބޭރުކޮށްލައިފައި ހިނގައިގަތެވެ. އެއް ވާހަކަތަކެއް ތަކުރާރުކޮށްކޮށް އަޒްރާ ފޫހިވެއްޖެއެވެ.
"އަޒޫ!" ޖިނާ ގޮވައިލިއެވެ.
"ޖިނާ ތި އުޅެނީ ކުރިން އުޅުނު ގޮތަށްތަ؟" އަޒްރާ ހުއްޓިފައި އެނބުރިލައިފައި ބުންޏެވެ. "ކުރިން އަހަންނަށް އަބަދުވެސް އެނގޭނެ ޖިނާ ހުރީ ކޮންތާކުކަން. މިހާރު އެހެން މީހުން ބުނީމަ މަށަށް އެނގެނީ."
"ސުވާލުތައް ގިނަކަމުން އެއްޗެއް ބުނެވޭ ވަރެއްތަ މިހާރު؟" ޖިނާ އެހިއެވެ. "އަހަރެން މި ބުނާ ދަރިވަރަކީ ބައްޕަ ކަށަވަރު ނުވާ ކުއްޖެއް. މިހާރު ވިސްނިއްޖެ؟ އެ ކުއްޖާގެ ބައްޕަ ހޯދާކަށް އަހަންނަކަށް ނޫޅެވޭނެއްނު! މަންމަ ސްކޫލަށް ގެނެއްސިއްޔާ މަ ބޭނުންވާ ގޮތަކަށް އެ ކަން ހައްލެއް ނުކުރެވޭނެ. ފޯނުން ދެއްކޭ ވަރަށް ވުރެ އެ މައްސަލަ ސީރިޔަސް. ދެން ނާހާތި އެއީ ކޮން މައްސަލައެއްހޭ. އެ ކަހަލަ ވާހަކަ ކިޔައެއް ނުދެވޭނެ."
"އެއީ ކޮން މައްސަލައެއް؟" ނުކުރަން ބުނި ސުވާލު އަޒްރާ ކުރިއެވެ.
މަންމައާއި ބައްޕަ ޒުވާބުކުރާ އަޑު ޝާޒްލީއަށް އިވެއެވެ. ޝާޒްލީ އިނީ ބުޅަލަށް ކާންދޭށެވެ.
"ކޯޓަށް ހާޒިރުކޮށްފަތަ އަހަރެން މިހިރީ؟" ޖިނާ ހިތްހަމަނުޖެހިފައި ބުންޏެވެ. "މީ އަޒޫގެ ފިރިމީހާއޭ. ކޮންމެވެސް އިތުބާރެއް ވެސް އޮންނަން ޖެހޭނެ."
އަޒްރާއަށް ހީވީ ޖޯކެއް އަޑުއިވުނު ހެންނެވެ.
"ފިރިމީހާ؟" މަޑުމަޑުން އަޒްރާ ބުންޏެވެ. "ގެއަށް ވަންނާކަށް ވަގުތެއް ނުވޭ! ދަރިންގެ ޒިންމާއެއް ނުނެގޭ! މަ ގޮވައިގެން ތާކަށް ނުދެވޭ! ރަނގަޅު ފިރިޔަކަށް ނުވެވުނުތާ ރަނގަޅު ބައްޕަޔަކަށް ނުވެވުނު މީހެއް ތީ!"
"މާދަމާ އޮންނަ ޕޭރަންޓު މީޓިންއަށް ނުދެވޭނެ ވާހަކަ ބުނީމަ އެ ވާހަކަ ދޯ ތި ގޮވާލީ؟" ޖިނާ ދައްކަންޖެހުނީ ކުރީ ދުވަހު ވެސް ދެއްކި ވާހަކައެވެ. "އެ ތަނަށް ނުގޮއްސަ ފުޓުބޯޅަ ކުޅޭކަށް ނޫނެއްނު ދޯ އަހަރެން ދަނީ. ސްކޫލުގެ ހުރިހާ ޓީޗަރުން ބައިވެރިވާ މީޓިންއެއް..."
"މަ ބޭނުމެއް ނޫން އަޑުއަހާކަށް." އަޒްރާ ވާހަކަ ކުރުކޮށްލިއެވެ.
އެ ދަނޑިވަޅަށް ޝާޒްލީ ނުކުތީ ވަކި ބޭނުމެއް އޮވެގެންނެވެ. މަންމައާއި ބައްޕަގެ ޒުވާބު މެދުކަނޑައިލެވޭތޯއެވެ. އެކަމަކު، ސީދާ އެހެން ބުނާކަށް ނުކެރުނެވެ.
"ބައްޕާ ބަނބުކެޔޮ ހުސްވެއްޖެ!" ޝާޒްލީ ބުންޏެވެ.
"ދެން މަ ކީއްތަ ކުރާނީ؟ ބަނބުކެޔޮ ގަހެއް އިންދަންވީތަ؟" ޖިނާ ހަޅޭއްލަވައިގަތެވެ.
ޝާޒްލީ ވަގުތުން ފެންކަޅިވިއެވެ. ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. ކުރެވުނު ކަންތައް ޖިނާއަށް ވިސްނުނީ ފަހުންނެވެ. އެހެންކަމުން ވަރަށް ދެރަ ވެސް ވިއެވެ. ޖިނާ ގާތަށް އައިސްފައިވާ ރުޅިއަކީ ދަރިފުޅަށް ފޮޅާލަންޖެހޭ އެއްޗެއް ނޫނެވެ. އަޒްރާ ވީ ފޫހި އިތުރުވިއެވެ.
"ތިއޭ މައްސަލައަކީ." އަޒްރާ ބުންޏެވެ.
"އެޔެއް ނޫނޭ މައްސަލައަކީ،" ޖިނާ ގަބޫލެއް ނުކުރިއެވެ. "މަ ބުނެދެންތަ މައްސަލަ؟ ގެއަށް ވަންނައިރަށް އަނބިމީހާ ޒުވާބުކުރަން ފެށުން. އެއީ މައްސަލައަކީ. މަށަކީ ވަޒީފާ ގުރައިދުއަށް ބަދަލުވި ވާހަކަ ބުނަން އައި މީހެކޭ. ވެއްޖެތަ އެ ކަން؟"
"އޭނ!" އަޒްރާ ހައިރާންވިއެވެ. "އޭރުންނޯ؟"
"ނުދާން ވަރަށް މަސައްކަތް ކުރީމޭ އަޒޫ! އެކަމަކު.." ޖިނާއަށް ބުނެވުނީ އެ ހިސާބަށެވެ.
އަޒްރާ ގޮސް ކޮޓަރިއަށް ވަނެވެ. ޖިނާ ވިސްނާލަން އިރުކޮޅަކު ހުއްޓެވެ. އަޒްރާއަށް ވިސްނައި ނުދެވޭނެކަން ޖިނާއަށް އެނގެއެވެ. ދަރިފުޅަށް ވިސްނައިދެވިދާނެއެވެ. ޖިނާ ވަނީ ޝާޒްލީގެ ކޮޓަރިއަށެވެ. ޖިނާ ފެނުމުން ޝާޒްލީގެ ތުންކޮޅު ހައްތާ ދިގުވިއެވެ.
"ސޮރީ ދަރިފުޅާ!" ޝާޒްލީ ގާތުގައި އެނދުގައި އިށީންނަމުން ޖިނާ ބުންޏެވެ. "ތި ތެއްލި ބަނބުކޭލުގެ މައްސަލަ ވަރަށް އަވަހަށް ހަމައަކަށް އަޅުވާނަމޭ އިނގޭ! ތި ތުންކޮޅު ކުރުކުރޭ!"
ޝާޒްލީ ހިނިތުންވެލިއެވެ. ޖިނާ ނިކަން ލޯތްބާ އެކުގައި ދަރިފުޅު ގައިގައި ބައްދައިލިއެވެ.
ދުވަހަކީ ބޮޑު ދުވަހެކެވެ. ދެ މީހަކު ގޮވައިގެން އައިސް ގާދިރު ގެ ސާފުކުރަނީއެވެ. އަޅައިނުލެވުމުގެ ސަބަބުން ގޭތެރޭގެ ތަރުތީބު އޮތީ ވަރަށް ބޮޑަށް ބޮއްސުންލައިފައެވެ. ހިރަފުސްބުރައިފައި ހުރި ފޮތްތައް ތަރުތީބު ކުރަނިކޮށް، އޭގެ ތެރެއިން ޒޫނާގެ ފޮޓޯއަލްބަމު ފެނުނެވެ. ގާދިރު އެ އަލްބަމު ހުޅުވައިލިއެވެ. އޭގެ މެދުތެރެއިން އެއް ފޮޓޯ މަދެވެ. ގިނަ ފޮޓޯތައް ހުރީ ގާދިރު ހައިރާންކުރަނިވި ކަހަލަ ގޮތަކަށެވެ. ފޮޓޯގައި ޒޫނާ ހުންނަ ގޮތުން ހީވަނީ ގާތުގައި މީހަކު ހުރިހެންނެވެ. އެކަމަކު ޒޫނާ ނޫން މީހަކު ނެތެވެ. ގޯންޏަށް ކުނިތައް އަޅަން އުޅުމުގެ ތެރޭގައި ޒާތެއްގެ ފަށެއް ފެނުނެވެ. ގާދިރު އެ ފަށް ލީ ޖީބަށެވެ.
"ކޮބާ ދެން ދާންއުޅޭ ސަޔަށް!" ފައިސާ ދެމުން ގާދިރު ބުންޏެވެ.
މަސައްކަތްކުރަން ތިބީ ދިވެހިންނެވެ. އެންމެން ވެސް ތިބީ ދާހިތްލައި ފޯވެފައެވެ. އެ ތަނުގައި އުމުރުން އެންމެ ދޮށްޓަށް ހުރީ ސާޅީސް ފަސް އަހަރުގެ ޒާހިރެވެ.
"މީ ހާދަހާ ވީރާނާވެފަ އޮތް ތަނެކޯ ދޯ؟" ނިތްކުރިން ދާ ފުހެލަމުން ޒާހިރު ބުންޏެވެ. "މީ ނާމާން ގެޔެކޭ މީހުން އެ ކިޔަނީ ހަމަ ކިޔަންވެގެން."
"ޒާހިރު ވެސް މީހުން ދައްކާ ފުލޯކު ވާހަކަތައް ގަބޫލުކުރަން ފެށީ؟" ގާދިރު ބުންޏެވެ. "ދާންއުޅޭ ދާންއުޅޭ! މިއަދު ހަތަރުދަމު ކަލޭމެން ތި އުޅުނީ މި ގޭގަ. ފެނުނުތަ ފުރޭތައެއް؟ ނޫނީ ހަންޑިއެއް؟"
"ހެޔޮކޮށް!" ޒާހިރު އެއްބަސްވިއެވެ. "ގާދިރު ނުދާނަންތަ ސަޔަކަށް؟"
"މަ ގޮސްގެން ކީއްކުރާނީ؟" ސަމާސާ ރާގަކަށް ގާދިރު ބުންޏެވެ. "ހަކުރު ނާޅާ ކަޅެއް. ނުތެއްލާ ހެދިކާއެއް. ހިތްދަތިވުން ނޫންކަމެއް ނުވާނެ. ކަލޭމެން އަވަހަށް ގޮއްސަ އާދޭ!"
ހެމުންހެމުން އެ މީހުން ނުކުތެވެ. ގާދިރު އަނެއްކާ ވެސް އަލްބަމު ނެގިއެވެ. ބޯ އަރިކޮށްކޮށްފައި އެކި ފޮޓޯއަށް ބެލިއެވެ. ފަހަތުން މީހަކު އަންނަ ކަމެއް ގާދިރު ނުދެނަހުއްޓެވެ.
"ގާދިރު!" ސަކީނާ ގޮވައިލިއެވެ.
ގާދިރު ދިޔައީ ސިއްސައިގެންނެވެ.
"އޭ! މިހާރު މި ގެ ހީވަނީ އެހެން ގެއެއްހެން." ސަކީނާ ހައިރާންވެފައި ބުންޏެވެ.
އެ ތަނުގައި ހުރި ބޮތްކެއް އެ ވަގުތު ފިޔަޖަހައިލިއެވެ. ސަކީނާ ބަލައިލީ ގާދިރަށެވެ.
"ވައިރުގެ މައްސަލަ އަދިވެސް ހައްލެއް ނުވޭ!" ގާދިރު ބުންޏެވެ. "ދެން މަ ބުނަން ވާހަކައެއް. ކުރިން ވެސް ސަކީނާއަކީ ގޭގަ ހަރުލާ މީހެއް ނޫން. އަބަދު އުޅޭނީ ހިސާބުގަނޑު ކޮންމެވެސް ގެއެއްގަ. ދެން ބުނާނީ އޭރު ގެއަށް ނުވަދެވެނީ ޒޫނާ އުޅޭތީއޭ. އޭނަ ހުރިހާ ކަމެއް ކުރެޔޭ. މިހާރު ގޭގެއަށް ގޮސް ސަކީނާ ތި ކިޔަނީ މި ގެ ނާމާނިއްޔޭ! އެ ކަން ވެސް ހުއްޓާލާ!"
އެ ޚިޔާލު ސަކީނާއަށް ވެސް ކަމުދިޔައެވެ. މައްސަލައަކީ ގޭތެރެއިން ސަކީނާގެ ލޮލަށް ފެންނަ ކަންތައްތަކެވެ.
"ދެން މީ ކޯޗެއް؟" ފަށް ނަގައިފައި ދިއްކޮށްލަމުން ގާދިރު އެހިއެވެ.
"ޖެނީގެ ކަރުގަ އޮތް މި ކަހަލަ ފަށެއް،" ވަރަށް ރަނގަޅަށް ބަލައިލައިފައި ސަކީނާ ބުންޏެވެ. "އެއްލާލާ! ކީއްކުރާ އެއްޗެއް؟"
ފަށް އެއްލައިލުމުގެ ބަދަލުގައި ގާދިރު ފަށް ލީ ޖީބަށެވެ.
"ބަދިގޭ ސާމާނުކޮޅެއް ވެސް ގަނެލަންވީ ދޯ؟" ސަކީނާ ބުންޏެވެ.
"އެބަ ރަނގަޅުވޭ!" ގާދިރު އުފާވެފައި ބުންޏެވެ. "މިރޭ ޖެހޭނެ ޒޫނާޔާ ބައްދަލުކުރަން ދާނެ ދުވަހެއް ހަމަޖައްސަން. އެ މަންޖެ މިހާރު ހީވޭ ހިކިހެން ވެސް."
ގުރައިދޫގައި މޮޔައިން ބައިތިއްބާ މަރުކަޒުގެ ގޯތިތެރެ ވަރަށް ހަމަހިމޭން ވަގުތެކެވެ. ސިކުނޑީގެ ހާލަތު އެކި ފެންވަރަށް ދަށްވެފައިވާ ބަލިމީހުން އެކި ކަންކަމަށް ގެއްލިފައި ތިއްބެވެ. އެކަކު ހުރީ ގަހަކާ ވާހަކަދައްކާށެވެ. އަނެކަކު ހުރީ ކުޑައެއް ނަގައިގެން އަވިގަނޑު މެދުގައެވެ. މެންދުރުގެ އަވިން ސަލާމަތްވުމަށް ޓަކައި ހިޔާ ބޮޑު ގަހެއްގެ ދަށަށް ވަނުމުގެ އެއްވެސް ވިސްނުމެއް އޭނަގެ ނެތެވެ. މަރުކަޒުގެ މަސައްކަތު މީހަކު ކުނިކަހަން ހުއްޓެވެ. ގަހެއްގައި ލެނގިލައިގެން ޚިޔާލަކަށް ގެއްލިފައިވާ އަންހެނަކު ވެސް އިނެވެ. އޭނަގެ ބޯ ހުރީ ދެ ފަށަށް ގަތައިފައެވެ. ލައިގެން ހުރީ އަޅިކުލަޔަކަށް ދާ ޓީޝާޓަކާއި، ހުދު މާތަކެއް ޖަހައިފައި ހުރި ފެހިކުލައިގެ ހަރުވާޅެކެވެ. އެ މޫނަކުން އެއްވެސް ވާހަކައެއް ކިޔައެއް ނުދެއެވެ. ހީވަނީ ފޮތެއްގެ ހުސް ސަފުހާއެއްހެންނެވެ. އޭނައަކީ ޒޫނާއެވެ.
ނުނިމޭ