21 މެއި 2018 - 11:09

އިއްޔެއާ ގުޅޭ
"ތީ ވަހުމޭ ސަކީނާ!" ޗޮކެއްކަނޑައިލައިފައި ގާދިރު ބުންޏެވެ. "އިންސާނުންނަކީ އެއްދުވަހުން ބަނޑުބޮޑުވެފަ ވިހާ ބަޔެއް ނޫނޭ!"
ކުއްލިއަކަށް އިސްކުރުން ފެން ފައިބަން ފެށިއެވެ. ސަކީނާ ސިއްސައިގެން ގޮސްފައި ގާދިރަށް ބަލައިލުމާއެކު ގާދިރު ތެދުވެގެން ގޮސް އިސްކުރާ ކުޅެލުމުން ފެން ހުއްޓުނެވެ.
"މި އިސްކުރު މިހިރީ ހަލާކުވެފައެއްނު!" ގާދިރު ބުންޏެވެ.
"ތި ކަން ހުއްޓޭތޯ މަ މިހާރު ފަންޑިތަ ވެސް ހައްދައިފިން. ވީ ކަމެއް ހަރާން،" ފޫހިވެފައިވާ ރާގެއްގައި ސަކީނާ ބުންޏެވެ. "މި ތާނގަ މިހާރު އުޅެވޭ ވަރެއް ނޫން. ފަޅުކަމުން މި ގެޔެކޭ ސަހަރާއެކޭ އެއްގޮތް."
ސަކީނާ ވާހަކަދެއްކި ވަގުތު ހިޔަންޏެއް ވިއެވެ. ގާދިރު ހީކުރީ އެއީ ހީވި ގޮތެއް ކަމަށެވެ.
ކުއްލިއަކަށް މިކްސަރު އެނބުރިގަތެވެ. އިސްކޫލުގެ ކެންޓީނުގައި ޖޫސްހަދަން ހުރި މީހާ މިކްސަރަށް ބަލަހައްޓައިގެން ކައިރީގައި ހުއްޓެވެ. އެކުވެރި ޓީޗަރުންނާ އެކު ޖިނާ އިނީ ޓީޗަރުންނަށް ޚާއްޞަ ކޮށްފައިވާ ބައިގައެވެ. ތަނުގެ ތެރެ ވަރަށް ހަލަބޮއްޔެވެ. އިންޓަވަލު ގަޑި ނިމުމުގެ ކުރިން އެއްޗެއް ކާލެވޭތޯ ދަރިވަރުން އަވަދިނެތި އުޅުނެވެ. ޖިނާ އިށީނދެގެން އިން މޭޒު ކައިރީގައި ހަތަރު ގޮނޑި ހުއްޓެވެ. އެކަމަކު ޖިނާގެ އިތުރުން އެ ތަނުގައި ދެން އިނީ އަހުސަން އެކަންޏެވެ. އެ ދެ މީހުން ތިބީ ޖަމީލު ހެދިކާ އަޅާތަން ބަލާށެވެ.
"ބައިވަރެއް ކާލާ މީހެކޭ ދޯ ޖަމީލު މީ،" ޖިނާ މަޑުމަޑުން ބުންޏެވެ. "އެކަމަކު އެ ހުންނަނީ ދަނޑިމެޓައެއްހެން."
"އެއީ އޭނަ އިން މީހެއްގެ ސަބަބުން ވީގޮތެއް،" އަހުސަން ވެސް ހަމަ އެހާ މަޑުން ބުންޏެވެ. "ހާދަ ބިޓިން އަންހެނެކޭ އެއީ. އެ ކަމާ ވިސްނާ ވިސްނާ ޖަމީލު ހުންނަނީ ބޯގޮވާފަ. ދެ ކުދިން އެބަތިބި. ޖަމީލަކަށް ނުކެރޭ އަނބިމީހާ ވަރިކުރާކަށް."
ޖިނާއަށް ވިސްނައިލެވުނީ ތިމާގެ އަމިއްލަ ދިރިއުޅުމާ މެދުގައެވެ. ހަޔާތުގައި ޖިނާއަށް ވެސް ވަނީ އެ ފަދަ ހިސާބަކަށް އާދެވިފައެވެ. ގޮތެއް ނިންމަން ޖިނާ ވެސް ބޭނުމެވެ. މައްސަލައަކީ ދަރިން ތިބުމެވެ.
"ދަރިންނަށްޓަކާ ކައިވެނި ގުރުބާން ކުރެވިދާނެތަ؟" ޖިނާ އެހިއެވެ.
"މަށެއް ނުކުރާނަން. މަށަކަށް ނޭނގެ މީހެއްގެ ގޮތެއް." އަހުސަން ދިނީ ކުރު ޖަވާބެކެވެ.
އެ ވަގުތު، ތަށި ފުރެންދެން ހެދިކާ އަޅައިގެން ޖަމީލު އައިސް އިށީނެވެ.
"މަށޭ ކިޔައިގެން ކީކޭ ތި ކިޔަނީ؟" ޖަމީލު އެހިއެވެ.
"ތީ ދޮން ހަސަނުތަ؟" ޖިނާ ދެނަހުރި ކަމަށް ވެސް ނުހެދިއެވެ.
"ކަލޭމެން ތި ބަލާ ފާޑުން މަށަށް ކަށަވަރޭ މަގޭ ވާހަކަކަން ތި ދައްކަނީ. މިއަދު ރަމްޒީ ނާންނަނީތަ؟" ޖަމީލު ވަށައިގެން ނަޒަރުހިންގައިލަމުން އެހިއެވެ.
ޖިނާއާއި އަހުސަން ވެސް ކޮޅުކޮޅުމައްޗަށް ބެލިއެވެ. ރަމްޒީއެއް ނެތެވެ.
"އެއީ ވެސް ހަމަ ތަރިއެއް،" ޖަމީލު ގަޑިޔަށް ބަލައިލަމުން ބުންޏެވެ. "އަބަދު އަނބިދަށުވެފަ ހުންނާނީ. މަށަށް ހީވަނީ އަންހެނުންގެ އަންނައުނު ވެސް ދޮންނަނީ އޭނަހެން. ކުރީ ދުވަހު ވެސް މަ އެ ގެޔަށް ވަންއިރު ރަމްޒީ ފަކީރު ހުރީ އަންހެނުންގެ ހެދުން އިސްތިރިކުރަން. ބޮޑުވަރު ދޯ!"
"ކަލޭ ކީއްކުރަން އެ ގެޔަށް ދިޔައީ؟" އަހުސަން އެހިއެވެ.
"ދަސްކުރަން!" ޖިނާ ވަގުތުން ބުންޏެވެ.
އަހުސަނާއި ޖިނާ އެކުގައި ހީނގަތެވެ. ޖިނާއަށް ގަޑި ފެނުނީ އެ ވަގުތުއެވެ.
"އޭ ދިހަގަޑި ބައި ވީތަ؟" ފުންމައިގެން ތެދުވަމުން ޖިނާ ބުންޏެވެ. "ކިރިޔާއެއްނު!"
ޕްރިންސިޕަލް ނާގިތު އިނީ ފޯނުން ވާހަކަދައްކާށެވެ. ޖިނާ އައިސް ބިއްލޫރިގަނޑު ކައިރީގައި ހުއްޓުނު ތަން ނާގިތަށް ފެނުނެވެ. ވީމާ، އަތުގެ އިޝާރާތުން ވަނުމަށް އެދުނެވެ. ޖިނާ އައިސް ނިކަން އަދަބުވެރިކަމާ އެކުގައި ގޮނޑީގައި އިށީނެވެ. އެ ކޮޓަރީގެ ފާރުގައި ހަރުކޮށްފައި ހުރީ ކުރިން ޕްރިންސިޕަލްކަން ކުރި މީހުންގެ ފޮޓޯތަކެވެ. ކިޔަވައިދިނުމުގެ ރޮނގުން ކުރިއަރައިގެން ގޮސް މަތީ މަޤާމެއް ހާސިލުކުރުމަކީ ޖިނާ ވެސް ދެކޭ ހުވަފެނެކެވެ. އެކަމަކު އަނބިމީހާގެ އެއްބާރުލުމެއް ޖިނާއަކަށް ނުލިބުނެވެ. ޖިނާއަށް މުސްތަޤުބަލު ފެންނަނީ ވަރަށް އަނދިރިކޮށެވެ. ވިސްނުން ބަދަލުކުރުން ނޫން ގޮތެއް ޖިނާއަކަށް ނެތެވެ. ފިކުރަށް ގެއްލިފައި ޖިނާ އިންދައި ނާގިތު ފޯނު ބޭއްވިއެވެ.
"ކެނޑުމަކީ ވަރަށް ފިނޑިކަމެއް،" ނާގިތު ފުރަތަމަ ވެސް ބުނީ އެހެންނެވެ. "ޓީޗަރުންނަކީ ޤައުމު ބިނާކުރަން ތިބޭ މީހުން. ދަރިން ތަރުބިއްޔަތުކޮށް، ނަވުގެ ހުންގާނުގަ ތިބޭ މާލިމީންނަށް މަގު ދައްކާނީ ވެސް ޓީޗަރުން. ދަރިވަރުންނަށް މިސާލަކަށް ވާން ވެސް ތިބީ ހަމަ ޓީޗަރުން. އެދުރުބޭކަލުން."
"ތި ކަން ވިސްނެޔޭ އަޅުގަނޑަށް ވެސް،" ޖިނާ ބުންޏެވެ. "އެކަމަކު މި ދުވަސްވަރު ރަށުން ބޭރަކަށް ނުދެވޭނެ. ވަރަށް ޓެންޝަންގަ މި އުޅެނީ."
ޕްރިންސިޕަލަކަށް ވުރެ ބޮޑަށް ނާގިތަކީ ޖިނާގެ އެކުވެރިޔެކެވެ. ޖިނާއަށް ކުރިމަތިވެގެން އުޅޭ މައްސަލަ ނާގިތަށް އެނގެއެވެ. މާލޭގައި ޖިނާ ނުބަހައްޓަން ނާގިތު ބޭނުންވަނީ ވެސް އެހެންވެއެވެ.
"ބުނަން ޖިނާ،" ގޮނޑިން ތެދުވެގެން އައިސް ޖިނާގެ ކޮނޑުގައި ޖަހައިލައިފައި ނާގިތު ބުންޏެވެ. "ޖިނާ ތިހިރީ ސައިކޮލޮޖީ ހަދާފަ. އަހަންނަށް ވުރެ ރަނގަޅަށް ޖިނާއަށް އެނގޭނެ ކަންކަން ޙައްލު ކުރާނެ ގޮތް. އަވަހަށް ގެއަށް ގޮސް ދަތުރުހަދާ! ޖިނާއެއްނު ބުނަނީ ތިމަންނަ ކިޔެވި އެއްޗެހީގެ އެއްވެސް ބޭނުމެއް ނުޖެހެޔޭ، ދަސްކުރި އެއްޗެހި ހަނދާންނެތެނީޔޭ. މީ ދަނޑިވަޅު. މި ޗާންސު ގެއްލުވާނުލާ!"
ޖިނާ އުޅުނީ އަނެއްކާ ވެސް އިންކާރު ކުރާށެވެ. ނާގިތު އެ ފުރުޞަތެއް ނުދިނެވެ.
"އަހަރެން ބުނީތީ،" ނާގިތު އެދުނެވެ. "މި ކަން ނިންމާލާފަ އައިސް ޗުއްޓީއެއް ނަގާނީ. އޯކޭއެއްނު! އެހެންނޫނީ އެ ކޮޅަށް ގޮސްލާފަ ފޫހިވަންޏާ އަންނާނީ. ހަމަ އެންމެ ކޯލެއް މަށަށް ކޮށްލަން ޖެހޭނީ. ހުރިހާ ކަމެއް ހަމަޖައްސައިދޭނަން. އޯކޭއެއްނު!"
ޖިނާ ވިސްނައިލިއެވެ. އަޒްރާ ދެކެ ޖިނާ ވަރަށް ލޯބިވެއެވެ. ކައިވެނީގައި އަޅާފައިވާ ރެނދު ބައްދަން ޖިނާ ބޭނުމެވެ. އަވަދިނެތި އުޅެމުން ވިޔަސް ވަޒީފާ މައްޗަށް ހިނގައްޖެއްޔާ މުސާރަ ބޮޑުވާނެއެވެ. ޢާއިލާއަށް ގިނަ ވަގުތު ދެވޭނެއެވެ. ހުރިހާ ކަމެއް ހަމައަކަށް އެޅޭނެއެވެ. އޭރުން އަޒްރާއަށް ވެސް ވިސްނައިދެވޭނެއެވެ.
އަންނައުނު ބަހައްޓާ އަލަމާރި ހުޅުވައިގެން އޭގެތެރެ ހާވަން އަޒްރާ އޮތެވެ. އަޒްރާ ހޯދީ އަލްބަމެކެވެ. އެހެންނަމަވެސް އަލަމާރި ތެރެއިން އަޒްރާއަށް ފެނުނީ ފޮޓޯލޯގަނޑެކެވެ. އެއީ، ކައިވެނި ކުރި ރޭ ޖިނާއާއި އަޒްރާ ނެގި ފޮޓޯއެކެވެ. ގޭގެ އެތައްމިތަނުގައި ލޯގަނޑު ބަހައްޓަމުން އައިސް އެންމެ ފަހުން ގެއިން ލޯގަނޑަށް ޖާގަ ހުސްވީއެވެ. އަލަމާރިއަށް ވަންނަން ޖެހުނީއެވެ. ފަޅު، އަނދިރި ތަނެއްގައި ދުވަސްތައް ގުނަން ޖެހުނީއެވެ. ލޯގަނޑަށް ބަލަހައްޓައިގެން އަޒްރާ އިރުކޮޅަކު ހުއްޓެވެ. ޚިޔާލަކަށް ގެއްލިފައެވެ. ޖިނާއާއި އަޒްރާ ކައިވެނިކުރީ ކިހާ ލޯބިން ހެއްޔެވެ؟ ރައްކާކުރެވުނީ ކިހާ އުފާވެރި ހަނދާންތަކެއް ހެއްޔެވެ؟ ވަޒީފާއަށް ސަލާން ބުނެފައި ވެސް ޖިނާ އިންނަން ބޭނުންވާނީ ގޭގައެވެ. ބޮޑު ޗުއްޓީއަކީ ޖިނާ އެންމެ އިންތިޒާރުކުރާ ދުވަސްތަކެވެ. އަޒްރާ ދެކެ ލޯބިވާކަން، ދުވާލަކު އެތަކެއް ފަހަރަކު ޖިނާ ހަނދާންކޮށްދެއެވެ. ފޯނު ރަނގަބީލުވާން ފެށުމުން އަޒްރާ ޚިޔާލުން އެނބުރި އައެވެ. ލޯގަނޑު އަލަމާރީގައި އަލުން ބާއްވަން އެނބުރިލިއެވެ. އެ ވަގުތު ދޮރުގައި އަތުން ޖެހިފައި ލޯގަނޑު ވެއްޓުނެވެ. ބިއްލޫރިގަނޑު ތެޅުނެވެ. ފުޅިތޮށިތައް ނަގަން އުޅެނިކޮށް އަތް ކަނޑައިގެންދިޔައެވެ. ޙަޤީޤަތަކީ އެއީއެވެ. އެ ކައިވެނިން އަޒްރާއަށް ވޭން ފިޔަވައި އެހެން އެއްޗެއް ނުލިބުނެވެ. އައި ރުޅިން ފޮޓޯގަނޑު ވީދައިލައިފައި ކުނިވަށިގަނޑަށް އަޅައިލިއެވެ. ފުޅިތޮށިތައް އިހަށް ބަހައްޓައިފައި ފޯނު ނެގިއެވެ.
"ހަލޯ!" އަޒްރާ ބުންޏެވެ.
"ކޮބާ ކިހިނެއް؟" އާންމުކޮށް އަޒްރާއަށް ގުޅާ މީހާ ގުޅިއެވެ.
އަޑުގެ ވެރިޔަކީ ކާކުކަމެއް އަޒްރާއަކަށް ނޭނގެއެވެ. ހޯދާކަށް ނުވެސް އުޅެއެވެ. އަޑު ރީއްޗެވެ. ފިރިހެންވަންތައެވެ. އަސަރު ގަދައެވެ. އަޒްރާގެ ހިތަށް ވެރިވެފައިވާ ނުތަނަވަސްކަން ފިލުވައިދިނެވެ.
"އަނެއްކާ ވެސް ގުޅީ؟" ރުޅިއަންނަ ކަމަށް ހެދިފައި އަޒްރާ ބުންޏެވެ.
"ފިރިމީހާގެ ސަމާލުކަން ނުލިބޭތީ އެ ކަމުގެ ރުޅި ކީއްވެ އަހަންނަށް ތި ބާލަނީ؟" އެ މީހާ އެހިއެވެ.
އަޒްރާ ފޯނު ހިފައިގެން އެނދުގައި އިށީނދެލިއެވެ. ހަމަޖެހިލިއެވެ.
"ކިހިނެއް އެނގެނީ ފިރިމީހާ އަހަންނަށް ސަމާލުކަން ނުދޭކަން؟" އަޒްރާ ސުވާލުކުރިއެވެ.
ޖަވާބުގެ ބަދަލުގައި އެ މީހަކު ހީނލި އަޑު އިވުނެވެ.
"ކިހިނެއްހޭ އެނގުނީ؟" އޭނަ ބުނެލިއެވެ. "ލޯބިވާތީ!"
އަޒްރާގެ ހިތަށް ވެރިވީ، ޖިނާޔާ ކައިވެނި ކުރި ދުވަސްވަރު ވެރިވި ކަހަލަ އުފާވެރި ކަމެކެވެ.
"އަސްލު ބުނެބަލަ! މީ ކާކު ކަމަށް ހީކޮށް ތި ގުޅަނީ؟" އަޒްރާގެ ރާގު އޯގާތެރިވާން ފެށިއެވެ.
"ޖިނާގެ އަންހެނުން ކަމަށް ހީކޮށް." ޖެހިލުމެއް ނެތި އޭނަ ބުންޏެވެ.
އަޒްރާގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.
"މީހެއްގެ އަންބެއްކަން އެނގި ހުރެ ތި ގުޅަނީ ކިހާ ބޮޑު ޔަގީންކަމެއް އޮވެގެން؟" އަޒްރާ އެހިއެވެ.
"ސަތޭކަ ޕަސަންޓު،" ޖަވާބުގައި އޭނަ ބުންޏެވެ. "އުހުނ! ސަތޭކަ އެކެއް. އަންބަކަށް ވެވެނީ ހަމައެކަނި ދުލުން ބުނެލީމަތަ؟ އެހެން ވެއްޖެއްޔާ ތީ މަގޭ އަންބެއް. އަބަދު ތި އިންނަނީ ގޭގަ. އެކަނިމާ އެކަނި. ފިރިމީހާ އުޅެނީ އުޅޭނެ ތާކު. އުޅޭނެ ގޮތަކަށް. ތިން ދަރިން ލިބުނީމަ އަޒޫ މަތިން އޭނަ ފޫހިވެއްޖޭ! ދޮގެއްތަ މީ އަޅެ؟"
"ނޭނގެ މަށަކަށް،" އަޒްރާ ބުންޏެވެ. "ތި ބުނީތާ! ތީ އަސްލު ކާކުތަ؟"
އުންމީދުކުރި ޖަވާބެއް އަޒްރާއަކަށް ނުލިބުނެވެ.
"މޮޔައެއްނު!" އޭނަގެ ޖަވާބު އަވަހެވެ. "ހޭޖެހޭ މީހަކު ކުރާ ކަހަލަ ކަންތަކެއް ނޫނެއްނު މީ! އެކަމަކު އަޒޫގެ މޮޔަކަން ވެސް ވަކި ކުޑައެއް ނޫން އިނގޭ."
"އެޔޯ؟" އަޒްރާ އެހިއެވެ.
"ތި ހުންނަނީ ބަނޑަށް،" އޭނަ ބުނި އަޑު އިވުނެވެ. "ގެއަށް ވަންނަން ފިރިމީހާއަށް ވަގުތު ނުވާތީ، ދަރިންގެ ޒިންމާ އޭނަ ނުނަގާތީ، އަޒޫ ގޮވައިގެން ތަނަކަށް ޖައްސާލަން ފިރިމީހާއަށް ވަގުތު ނުވާތީ.. އުންމީދުތައް ބައިވަރު. ވީކަމެއް ނެތް. މުޅި އުމުރު ތިހެން ހުސްގޮހޮރާ ހުރުމަށް ވުރެ މާ ރަނގަޅުވާނެ އެއް ދުވަހު ކެއިކެއީނުން ބަނޑު ފަޅައިގެން ގޮސް މަރުވިޔަސް. ދޮގެއްތަ؟"
ނުނިމޭ