ސްރީ ލަންކާ ބޮޑު ދަރަންޏަކާ ދިމާލަށް
ސްރީ ލަންކާ ބޮޑު ދަރަންޏަކާ ދިމާލަށް

ކޮލަމްބޯ (މެއި 21) - ސްރީ ލަންކާ އަށް 1948 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން ދަރަނީގެ އެންމެ ބޮޑު ބުރަ އުފުލަން ޖެހޭ އަހަރަކީ މި އަހަރު ކަމަށް އެ ގައުމުގެ މާލީ ވަޒީރު މަންގަލާ ސަމަރަވީރާ ވިދާޅުވެއްޖެ އެވެ.

ލަންކާ އަށް ކުރިމަތިވި ބޮޑު ދަރަނީގެ ޒިންމާ މާލީ ވަޒީރު އަޅުވާފައި ވަނީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ސަރުކާރުގެ ބޮލުގަ އެވެ. ސަމަރަވީރާ ވިދާޅުވީ ލަންކާގެ ދަރަނީގެ 63 ޕަސެންޓަކީ ކުރީގެ ސަރުކާރުން ނަގާފައިވާ ބޭކާރު ލޯނުތައް ކަމަށެވެ.

މާލީ ވަޒީރު ވިދާޅުވީ ސްރީ ލަންކާ އިން މި އަހަރު ދައްކަން ޖެހޭ ބޭރުގެ ދަރަނި 2،845 މިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ. މީގެ ތެރޭން 1،789 މިލިއަން ޑޮލަރަކީ މިހާރުގެ ސަރުކާރުގެ ވެރިކަމަށް އައުމުގެ ކުރިން، 2015 ވަނަ އަހަރުގެ ކުރިން ނަގާފައިވާ ލޯނުތަކަށް ދައްކަން ޖެހޭ ފައިސާ ކަމަށް ވިދާޅުވި އެވެ. ސަމަރަވީރާ ވިދާޅުވީ ރައީސް މައިތުރިޕާލާ ސިރިސޭނާ ވެރިކަމަށް ވަޑައިގެންނެވި ފަހުން ނެގި 1،056 މިލިއަން ޑޮލަރުގެ ލޯނުގެ ތެރޭން ވެސް ދައްކަން ޖެހެނީ ކުޑަ މިންވަރެއް ކަމަށެވެ.

"އަންނަ އަހަރު ލަންކާގެ ބޭރުގެ ދަރަނި ވަރަށް ބޮޑުވާނެ. ދަރަނީގެ ގޮތުގައި އަންނަ އަހަރު 4.2 ބިލިއަން ޑޮލަރު ދައްކަން ޖެހޭނެ. އޭގެ ތެރޭން 3.3 ބިލިއަން ޑޮލަރު ނުވަތަ 77 ޕަސެންޓަކީ ރާޖަޕަކްސާ ސަރުކާރުން ނެގި ލޯނު،" ސަމަރަވީރާ ވިދާޅުވި އެވެ.

"ރާޖަޕަކްސާ ސަރުކާރުން 2014 ވަނަ އަހަރު އެކަނި ވެސް ވަނީ 1،000 މިލިއަން ޑޮލަރުގެ ލޯނު ނަގާފައި. މި ލޯނުތައް އަވަސް އަރުވާލައިގެން ނަގާފައި ވަނީ ތަރައްގީގެ މަޝްރޫއުތަކަކަށް ނޫން. ކުރިއަށް އޮތް އަހަރުގެ އިންތިޚާބުގެ ކެމްޕޭނުގައި އެކި ގޮތްގޮތަށް ހޭދަކުރަން،" ސަމަރަވީރާ ވިދާޅުވި އެވެ.

ލަންކާގެ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް ކުރީގެ ސަރުކާރުން ގިނައިން ލޯނު ނަގާފައި ވަނީ ޗައިނާ އިންނެވެ. ލޯނު ނުދައްކަން ދަތިވުމުގެ ސަބަބުން، ބައެއް ތަންތަން މިހާރު ވަނީ ޗައިނާ އަށް ހަވާލުކޮށްފަ އެވެ. ޗައިނާ އަށް ދިން ތަންތަނުގެ ތެރޭގައި ހަމްބަންޓޯޓާ ބަނދަރު ހިމެނެ އެވެ.

ލަންކާގެ ސެންޓްރަލް ބޭންކުން ބުނީ މިދިޔަ މަހުގެ ނިޔަލަށް ބޭރު ފައިސާގެ ރިޒާވް ހުރީ 9.9 ބިލިއަން ޑޮލަރުގައި ކަމަށެވެ.