ކެއުން މަދު ނުކޮށް ހިކޭނެތަ؟
ކެއުން މަދު ނުކޮށް ހިކޭނެތަ؟

ހިކެން މަސައްކަތްކުރާ ނަމަ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ކާ މިންވަރު މަދުކޮށްލުން ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވިފައިވެ އެވެ. އެކަމަކު ފަހުގެ ދިރާސާއެއްގައި ބުނަނީ ހަމައެކަނި، ކާ މިންވަރު މަދުކޮށްގެން ނަތީޖާ ނުނެރެވޭ ކަމަށެވެ.

ކެއުން މަދު ކުރާކަށް މަޖުބޫރެއް ނޫނެވެ. ކުރަން ޖެހޭ ކަމަކީ ކާ އެއްޗިއްސަކީ ކެލޮރީ މަދު އެއްޗިއްސަށް ހެދުމެވެ.

އެމެރިކާގެ ޕެންސިލްވޭނިއާ ޔުނިވަސިޓީން ހެދި ދިރާސާގައި ބުނާ ގޮތުން ކާ ވަގުތުތަކުގައި ޕޯޝަން މަދު ކުރުމަކުން ބަރުދަން ލުއިވާކަށް ނުވަތަ ހިކޭކަށް އެހީއަކަށް ނުވެ އެވެ. ދިރާސާގައި ބުނީ ޕޯޝަން މަދުކޮށް އެކަމަކު، ކެލޮރީ ގިނަ ބާވަތްތައް ކެވޭ ނަމަ، ބަރުދަން ލުއިވާކަށް ފުރުސަތެއް ނެތް ކަމަށެވެ.

އެހެންވެ ކުރަން ޖެހޭ ކަމަކީ ކާ އިރު، އެ ކެވޭ އެއްޗެއް ގިނައިން ކެވުނަސް ކެލޮރީޒް މަދު އެއްޗެހިކަން ކަށަވަރު ކުރުމެވެ.

ދިރާސާ ޓީމްގައި ހިމެނޭ އަދި "ދި އަލްޓިމޭޓް ވޮލިއުމްޓްރިކްސް ޑައެޓް" ގެ ލިޔުންތެރިޔާ ބާބަރާ ރޯލްސް ވިދާޅުވި ގޮތުގައި ކެލޮރީ މަދުން އެކުލެވޭ ތަރުކާރީ ފަދަ ބާވްތައް ކެއުމުން މީހާ ބަނޑުހައިވުން ވެސް ކުޑަކޮށްދެ އެވެ. ނަތީޖާއަކީ ކެވޭ މިންވަރު ވެސް ދަށްކޮށްދިނުމާ އެކު، ކެލޮރީޒް އެތެރެކުރެވޭ މިންވަރު ވެސް މަދުވުމެވެ. އެކަމަކު އެތެރެވާ ކެލޮރީޒް ކޮންޓްރޯލް ނުކުރެވޭ ނަމަ މީހާ އަބަދު ވެސް ހުންނާނީ ބަނޑުހައިވެފަ އެވެ.

"އެންމެ މުހިއްމު ކަމަކީ ކެލޮރީޒް ދަށް ކާނާތަކަށް އިސްކަން ދިނުން. ޕޯޝަނެއް ނޫން މައްސަލައަކީ،" ރޯލްސް ވިދާޅުވި އެވެ.

އޭނާ މިސާލަކަށް ދެއްކެވީ ސޭންޑްވިޗެއް ކާ ނަމަ ހޯލް ގްރެއިން ބްރެޑާ އެކު، ވީހާ ވެސް ތުނިކޮށް މީޓްގެ ބާވަތެއް ބޭނުންކޮށް މެޔޮނައިޒްގެ ބަދަލުގައި މަސްޓަޑް ބޭނުންކޮށްގެން ކެއުމެވެ.