22 މެއި 2018 - 09:18

ފޫޓުފީތާއަކީ އެކި ކަންކަމުގައި ވަރަށް މުހިއްމު އެއްޗެކެވެ. ފަހާމީހުންނާއި ރާނާ މީހުންނާއި ގޯތިގެދޮރު ކުރަހާ މީހުންނާއި ވަޑިން ވެސް ފޫޓުފީތާ ބޭނުންކުރެއެވެ. އެކަމަކު އެވެރިން ބޭނުންކުރާ ފީތާތަކާއި ފަތިގަނޑުތައް މިޒަމާނަކަށް ނުފެތެއެވެ. މިހާރަށް ބަލާ ނަމަ ގެންގުޅޭކަށް ވެސް ފަސޭހައެއް ނޫނެވެ. ރޯލޯވާ ޑިޖިޓަލް ރޯލިން ރޫލާ އަކީ ޒަމާނީ ފަތިގަނޑެކެވެ.
ކުޑަ ފުށްދަޅެއްހައި އަތަށް ހެޔޮވަރު މި "ފޫޓުފޮތި" ފަރުމާކޮށްފައިވަނީ މިނަން ބޭނުންވާ އެއްޗެއްގެ ވަށަމިނުގައި ދުއްވައިގެންނެވެ. ހެދުމެއް ވިޔަސް ކުޑަދޮރެއް ނަމަވެސް މި ވަށް ފޫޓުފޮތި އޭގެ ކައިރި ފަށުގައި ދުއްވާލުމުން މިން ނެގުނީއެވެ. ކޮންމެހެން ވަކި ވަކި މިންތައް ކުޑަ ފޮތެއްގައި ލިޔާކަށް ވެސް ނުޖެހެއެވެ. ނެގުނު މިން، ރޯލޯވާ ފޫޓުފޮތީގެ މޫނުމަތީގައިވާ އޯލެޑް ސްކްރީނުން ފެންނަން ހުންނާނެއެވެ.
ގޮނޑިމޭޒާއި ގޭގޭގެ ބޮޑުމިން ނެގުމާއި ހެދުން ކެނޑުމާއި ފެހުމުގައި ވެސް ގެންގުޅެން ފަސޭހަ ރޯލޯވާ ޑިޖިޓަލް ރޯލިން ރޫލާގެ އޯލެޑް ސްކްރީން ރައްކާކުރެވިފައިވަނީ ސްޓެއިންލަސް ސްޓީލް ފަށަލައަކުންނެވެ. ވަށްކޮށް އޮންނަ މި ފޫޓުފޮތި ވިއްކަނީ މި ރައްކާކުރަން ލެވޭނެ ކުޑަ ދަބަހަކާއެކުއެވެ. ރޯލޯވާގެ އެންމެ ފަސޭހަކަމަކީ ޖީބަށް ވެސް ލެވޭހާ ކުޑަވީމައެވެ.