22 މެއި 2018 - 09:19

ގެއާއި ގޯތިތެރޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ގިނަވެފައި މުހިންމުކަމުން، އެކަމަށް ހާއްސަ ވަރަށް ގިނަ އުފެއްދުންތައް އެބަހުއްޓެވެ. އެކި ނިޒާމްތަކުގައި ޚާއްސަ ސިފަތަކެއްވެސް ހުރެއެވެ. ނެޓް ގިޔާގެ އާލޯ ސްމާޓް ހޯމް ސެކިޔުރިޓީ ސިސްޓަމްގެ ޚާއްސަ ކަމަކީ ހިލަމެއް ވާއިރަށް ދިއްލުމެވެ.
އާލޯ އަކީ ގާއިމުކުރަން ވަރަށަ ފަސޭހަ ނިޒާމެކެވެ. އެއްވެސް ނަރުތަކެއް ގުޅާކަށް ނުޖެހެއެވެ. ބޭނުން ތަނެއްގައި ވަރަށް ފަސޭހައިން ހަރުކޮށްލެވެއެވެ. ބޮޑަށް އަމާޒުކޮށްފައިވަނީ ގެއާ އިންވެގެން ގޯތިތެރޭގެ ސަލާމަތަށެވެ. އަދި ސެކިއުރިޓީގެ ގޮތުގައި މިއިން ކުރާ މައިގަނޑު ކަމަކީ އަލިކޮށްދިނުމެވެ. ބޭނުމިއްޔާ، އަނދިރިވުމުން ދިއްލޭ ގޮތަށް ހެދެއެވެ. ނޫން ނަމަ ވަކި ވަގުތުތަކެއްގައި ދިއްލޭ ގޮތަށް ވެސް ހަމަޖެއްސެއެވެ. ރަށުގައި ނެތަސް މިގޮތަށް ދިއްލަން ހަމަޖެއްސުމުން ގެ ފަޅުވުމުގެ އިހުސާސް ކުޑަކުރުވައެވެ. އަދި ބަޔަކު ގޭގައި އުޅޭ ކަމަށް ދައްކައެވެ.
އާލޯ ސެކިއުރިޓީ ސިސްޓަމް މަސައްކަތްކުރާނީ މިއާ ގުޅޭ އެޕްގެ އެހީގައެވެ. ބޮކީގެ ކުލަ އާއި އަލީގެ ތެރޭން ފެންނަ ކުރެހުންތަކާއި ބޮކި ދިއްލަން ބޭނުންވާ ޝެޑިއުލެއް ވެސް އެޕްގެ އެހީގައި އިޚުތިޔާރުކުރެވޭނެއެވެ. އަދި މިއިން ބޮތްކަކަށް ހިލަމެއްގެ އިޝާރާތެއްވެއްޖެ ނަމަ ވަގުތުން އިންޒާރުގެ މެސެޖެއް އީމެއިލަށް ނުވަތަ ފޯނަށް އަންނާނެއެވެ. ފިޔަވަޅު އަޅަންވީ ގޮތެއް އަވަހަށް ހޯދަންވީއެވެ.