އެޕަލް "ކޯލްކިޓް" އަށް ބަރޯސާކުރާ އެޕްތައް ޗައިނާ ސްޓޯރުން ނަގަން އަންގައިފި
އެޕަލް "ކޯލްކިޓް" އަށް ބަރޯސާކުރާ އެޕްތައް ޗައިނާ ސްޓޯރުން ނަގަން އަންގައިފި

ޗައިނާ އެޕްސްޓޯރުން "ވީޕީއެން" އެޕްތައް ނެގުމަށް، މިދިޔަ އަހަރު ޖުލައިގައި، އެޕަލް އަށް އެ ގައުމުން އެންގި އެވެ. އެޕަލް އިން އެ އަމުރަށް ކިޔަމަންވެ، އަމުރު ތަންފީޒުކުރި އެވެ. ޗައިނާއިން މިހާރު އެދެނީ، "ކޯލްކިޓް ފްރޭމްވޯކް" އަށް ބަރޯސާކުރާ ތާޑްޕާޓީ އެޕްލިކޭޝަންތައް، ޗައިނާ އެޕްސްޓޯރުން ނެގުމަށެވެ. އެޕަލް އިން މި އަމުރަށް ވެސް ކިޔަމަންވެއްޖެ އެވެ.

ކޯލްކިޓް ފްރޭމްވޯކް މަނާކުރަން ޗައިނާއިން އެދޭ ސަބަބަކީ އެ ޓެކްނޮޖީ ބޭނުންކޮށްގެން އުފައްދާ "ވީއޯއައިޕީ" އެޕްތައް ހުއްޓުވުމެވެ. ޗައިނާއިން އެދުނު އެދުމުގެ މަތިން އެޕަލް އިން ވަނީ ޗައިނާ ސްޓޯރުން ސްކައިޕް ވެސް ބޭރުކޮށްފަ އެވެ.

އެޕަލްގެ އަމަލުތަކުން ފަހަކަށް އައިސް ފެންނަނީ ޗައިނާ އަށް ވަރަށް ދޫދޭ ތަނެވެ. މިއީ އެޕަލްްގެ އާދަކާދަ އަށް ބަލާއިރު، ކޮންމެވެސް ކަންތައްތަކެއް، އަޑިއަޑިން ހިނގަމުންދާ ކަމުގެ އަލާމާތެވެ. ޗައިނާ އަށް އެހާ ބޮޑަށް ދޫނުދިނުމަށް، ގާނޫނުހަދާ މީހުން އެޕަލް އަށް ނަސޭހަތްތެރި ވާއިރު ވެސް، އެޕަލްގެ ވިސްނުން ހުރީ އެހެން ގޮތަކަށެވެ.

ޗައިނާ އެދޭހާ ގޮތަކަށް އެޕަލް ކަންކުރުމުގައި، ޗައިނާ މާކެޓް އެޕަލް އަށް ގެއްލިދާނެ ކަމަށް ގަންނަ ބިރު ވެސް އެބަ އޮތެވެ. ޗައިނާ ކުންފުނިތަކަށް ދަތިކުރަން އެމެރިކާ ގެންގުޅޭ ސިޔާސަތާ މެދު އެޕަލް ކަންބޮޑުވާކަން ވެސް ދޭހަވެ އެވެ. ވާވޭ ފޯނުތައް އެމެރިކާގައި ވިއްކުން މަނާކުރުން އަދި އެމެރިކާ ކުންފުނިތަކުން ޒެޑްޓީއީ އަށް ސްމާޓްފޯން ބައިތައް ވިއްކުން މަނާކުރުމަކީ ވެސް އެޕަލް އޮތް ބިރެކެވެ.