20 މެއި 2018 - 22:55

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާއަކާ ގުޅޭ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށް ދިނުމަށް އޭނާ މިއަދު އެދިވަޑައިގެންފި އެވެ.
މަހުލޫފުގެ މައްޗަށް ހަތަރު ދައުވާއެއް ދައުލަތުން އުފުލައި މައްސަލަތައް ކްރިމިނަލް ކޯޓުގައި ހިނގަމުންދާއިރު، އޭގެ ތެރެއިން އެއް ދައުވާ ކަމުގައިވާ ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާ އަކަށް ދިނުމުގެ ކުށުގެ ދައުވާއާ ގުޅޭ މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް އާރިފަށް މަހްލޫފް ފޮނުއްވި ސިޓީއެއްގައި ގިނަ ސަބަބުތަކެއް ބަޔާންކޮށް ވަނީ މަހްލޫފްގެ މައްސަލަ ބެލުމުގައި ގާޒީ އަލީ އާދަމް "މުއްތަހަމު" ވެފައިވާ ކަމަށް ބުނެ، މި މައްސަލަ އެހެން ގާޒީއަކާއެކު ކުރިއަށް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އެދިވަޑައިގެންފަ އެވެ.
މަހްލޫފް ވިދާޅުވީ އޭނާއާ ދެކޮޅަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ ލިޔުންތައް ބަލައިގެންފައި ނުވާ ކަމަށެވެ. އަދި ލިޔުންތައް ކަނޑައެޅުނު މުއްދަތުގެ ތެރޭގައި ކޯޓަށް ހުށަނޭޅުނީ އިސް ވަކީލް އަހުމަދު ނާޒިމް ސަސްޕެންޑް ކުރުމާ ގުޅިގެން ކަން ކޯޓަށް އަންގާފައިވާނެ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވި ގޮތުގައި ނާޒިމް ސަސްޕެންޑް ކުރީ، ނާޒިމްގެ ނަމުގައި ޓުވިޓާ އެކައުންޓުގައި ހުޅުވާފައިވާ އެކައުންޓުން ކުރި ޓުވީޓަކާ ގުޅިގެންނެވެ. އަދި ނާޒިމް ސަސްޕެންޑް ކުރީ އޭނާގެ އެއްވެސް ބަހެއް ކޯޓުން ހޯދާފައި ނުވާ ކަމަށް ވެސް މަހްލޫފްގެ ސިޓީގައިވެ އެވެ.
މަހްލޫފް ވިދާޅުވީ އޭނާ އަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ކުރެއްވި ގާޒީ އަކީ އާދަމް ކަމަށާއި މި މައްސަލައިގެ ހުކުމްކޮށްފައިވަނީ ދިފާއުގައި ހުށަހެޅި ހެކި ބަލައިނުގަތުމަށް ނިންމުމަށްފަހު ކަމަށެވެ. އަދި ގާޒީ ހުކުމް ކުރެއްވީ ނާޒިމް ސަސްޕެންޑްކޮށް، އޭނާގެ ޣައިރު ހާޒިރުގައި ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.
މީގެއިތުރުން ހުކުމާ ގުޅިގެން މަހްލޫފްގެ މިނިވަންކަން ހިފަހައްޓާފައިވާ ކަމަށް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އޮފް ހިއުމަން ރައިޓްސް އިން ނިންމާފައިވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.
މީގެ ކުރިން، އެއްވުމެއްގެ ތެރެއިން ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި ކަމުގެ ދެ މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެގެން ވެސް ޖަލަށް ލި އެވެ. އެ ދެ މައްސަލައިގައި 10 މަހާއި 24 ދުވަސް ވަންދެން މަހްލޫފް ޖަލުގައި ހޭދަކުރެއްވި އެވެ. އެ ހުކުމުން ޖޫން، 8، 2017 ގައި މިނިވަންވުމާ އެކު އިދިކޮޅު ހަރަކާތުގެ އިސް ސަފުގައި އަނެއްކާ ވެސް މަސައްކަތް ކުރައްވަން ފެއްޓެވި އެވެ.