އަމީތާބުގެ އާދަޔާ ޚިލާފު ރެކޯޑެއް
އަމީތާބުގެ އާދަޔާ ޚިލާފު ރެކޯޑެއް

އަމީތާބް ބައްޗަން އަކީ ހިންދީ ފިލްމު އިންޑަސްޓްރީން މިހާތަނަށް ނުކުތް އެންމެ އަލިގަދަ ސުޕަސްޓާ ކަން ހިންދީ ފިލްމަށް ލޯބިކުރާ އެންމެން ވެސް ގަބޫލުކުރާނެ އެވެ.

އަމީތާބުގެ އާދަޔާ ޚިލާފު ރެކޯޑެއް
އަމީތާބުގެ އާދަޔާ ޚިލާފު ރެކޯޑެއް

ފިލްމު އުފައްދާ މީހުން މިހާރުވެސް އެމީހުންގެ ފިލްމުތަކުގައި ބައިވެރިކުރަން އެންމެ ބޭނުންވާ އެއް އެކްޓަރަކީ 74 އަހަރުގެ އަމީތާބެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މިހާރުވެސް އަމީތާބު ހިމެނެނީ ގިނަ ބައެއްގެ އެންމެ މަގުބޫލު ތަރިންގެ ތެރޭގަ އެވެ. އަދި އަމީތާބުގެ ދިގު ފިލްމީ ކެރިއަރުގައި އޭނާ ހެދި ކަހަލަ ރެކޯޑެއް މިހާތަނަށް ވެސް އެހެން އެކްޓަރަކަށް ހެދިފައެއް ނެތެވެ.

އަމީތާބުގެ ރަން ޒަމާނުގައި، އެއް މަހެއްގައި ނިކުތް އޭނާގެ ހަތަރު ފިލްމެއް ސުޕަހިޓްވެފައިވެ އެވެ. މިހާރުގެ ގިނަ އެކްޓަރުންނަކީ ކުޑަ ދުވަސްކޮޅެއްގެ ސުޕަސްޓާރުންނެވެ. އަރާވަރަށް ވުރެ ބާރަށް އޮއްސެ އެވެ. ނަމަވެސް 1978 ގައި އަމީތާބު ވަނީ އެއް މަސް ތެރޭ ވިޔަފާރީގެ ގޮތުން ބޮޑު ފައިދާއެއް ހޯދި ހަތަރު ފިލްމެއް ފިލްމު އިންޑަސްޓްރީއަށް ހަދިޔާކޮށްފަ އެވެ.

ފިލްމުފެއާ މަޖައްލާއަށް ދާދިފަހުން އަމީތާބު ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި އެއް އެކްޓަރެއްގެ ހަތަރު ފިލްމެއް އެއް މަސް ތެރޭ ރިލީޒް ވިޔަސް އެ ފިލްމުތަކަކީ އޮށްޓަރުހުރި، މުނިފޫހިފިލާ ފިލްމުތަކެއް ނަމަ ބެލުންތެރިންގެ އެއްވެސް ޝަކުވާއެއް ނޯވެ އެވެ.

އެއް މަހެއްގައި ރިލީޒްވެ ބޮޑު ކާމިޔާބެއް ހޯދި އަމީތާބުގެ ހަތަރު ފިލްމަކީ މުގައްދަރް ކާ ސިކަންދަރް އާއި ގަސްމޭ ވާދޭ އާއި ޑޮން އަދި ޓްރިޝުލް އެވެ.

އަދި ވަރަށް ޝައުގުވެރިވާ އެހެން ކަމެއް ވެސް އެބައޮތެވެ. މި ހަތަރު ފިލްމުގެ ތެރެއިން "ޑޮން" އާއި "ގަސްމޭ ވާދޭ"ގައި އަމީތާބު ކުޅެފައިވަނީ ޑަބަލް ރޯލެވެ. އަދިވެސް ޝައުގުވެރި އެހެން ހަގީގަތެއް އެބައޮތެވެ. މި ހަތަރު ފިލްމުގެ ތެރެއިން "ޑޮން" ފިޔަވައި އަނެއް ތިން ފިލްމުގައި އަމީތާބުގެ ބަތަލާ އަކީ ރާކީ އެވެ.

މި ހަތަރު ފިލްމަކީ ހަތަރު ޑައިރެކްޓަރަކު އުފެއްދި ހަތަރު ފިލްމެވެ. އަދި ހަތަރު ފިލްމުގެ ވާހަކައިގައި އެއްވެސް ވަރަކަށް އެއްގޮތްކަމެއް ނެތެވެ. ކޮންމެ ފިލްމަކީ ވެސް އޭގެ ޒާތުގައި ވަރަށް ތަފާތު ވަރަށް މޮޅު ފިލްމެކެވެ. އަދި ކޮންމެ ފިލްމެއްގައި ވެސް އަމީތާބުގެ ކެރެކްޓާ ވަރަށް ތަފާތެވެ.