ގެ ބަލާ ފާސްކުރާތީ ނަޖީބުގެ ފާޑުކިޔުން ފުލުހުންނަށް
ގެ ބަލާ ފާސްކުރާތީ ނަޖީބުގެ ފާޑުކިޔުން ފުލުހުންނަށް

ކުއާލަ ލަމްޕޫރު (މެއި 20) - ގެ ބަލާ ފާސްކޮށް ގިނަ އަދަދެއްގެ ފޮށިތަކެއް ގެންދިއުމުން މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު ފުލުހުންނަށް ފާޑުވިދާޅުވެއްޖެ އެވެ.

ނަޖީބުގެ ވަކީލް ހާޕަލް ސިންގް ގްރެވަލް ވިދާޅުވީ ފުލުހުންގެ އަމަލްތަކާ މެދު ނަޖީބު ހުންނެވީ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެންފައި ކަމަށެވެ. ނަޖީބުގެ ގެ ބަލާ ފާސްކޮށް ބައެއް ހެކިތައް ފުލުހުން ހޯދަނީ 1އެމްޑީބީ ބޭންކުގެ ކޮރަޕްޝަނުގެ ތަހުގީގަށެވެ.

ގްރެވަލް ވިދާޅުވީ ނަޖީބުގެ ގެ ބަލާ ފާސްކޮށް ގެންދިޔަ ތަކެތީގެ ތެރޭގައި ކުޑަ ކުދިންގެ ހެދުމާއި ބޫޓު ވެސް ހިމެނޭ ކަމަށެވެ. އަަދި ފުލުހުން އަމަލުކޮށްފައި ވަނީ ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އިންވެސްޓްމަންޓް ފަންޑް 1އެމްޑީބީ އިން ނަޖީބުގެ އެކައުންޓަށް 700 މިލިއަން ޑޮލަރު 2015 ވަނަ އަހަރު ވަނީ ޖަމާކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ ނަޖީބުގެ ވެރިކަމުގައި ބެލުމަށް ފަހު ވަނީ އެއީ ސައުދީން ދިން އެހީއެއް ކަމަށް ނިންމައިފަ އެވެ. މެލޭޝިއާގެ އާއްމު އިންތިޚާބުގައި ނަޖީބަށް ނާކާމިޔާބުވި އެއް ސަބަބަކީ ވެސް ކޮރަޕްޝަނެވެ.

1އެމްޑީބީ ބޭންކުގެ ކޮރަޕްޝަނާ ގުޅިގެން ސުވާލު ކުރުމަށް މެލޭޝިއާގެ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އަންނަ އަންގާރަ ދުވަހު ނަޖީބު ހާޒިރުވުމަށް މިހާރު ވަނީ އަންގައިފަ އެވެ.

ބޮޑު ވަޒީރު މަހާތިރު މުހައްމަދު ވިދާޅުވެފައި ވަނީ 1އެމްޑީބީ އިން ގެއްލުނު ފައިސާ އިން ބޮޑު ބައެއް ހޯދޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށެވެ. ނަޖީބާއި އޭނާގެ އަނބިކަނބަލުން ރަސްމާ މަންސޫރު ގައުމުން ބޭރަށް ވަޑައިގަތުން ވަނީ މަނާކޮށްފަ އެވެ.