26 ޖުލައި 2016 - 07:06

ހެއާސްޓައިލަށް ގެންނަ ބަދަލުގެ ސަބަބުން މީހާގެ ސިފަ ހުންނާނެ ގޮތް ކުރިން ބަލައިލެވޭ ސޮފްޓްވެއާއެއް ސައިންސްވެރިން އުފައްދައިފި އެވެ. އެކަމަކު މިއީ ހެއާސްޓައިލް ހުންނާނެ ގޮތް ބަލައިލަން އެކަނި ބޭނުންކުރެވޭނެ ސޮފްޓްވެއާއެއް ނޫނެވެ. މީހަކު ގެއްލިގެން ހޯދާތާ ގިނަ ދުވަސްވެފައިވާ ނަމަ އެ މީހެއްގެ ސިފަޔަށް އައިސްފައި ހުންނާނެ ބަދަލު ވެސް މި ސޮފްޓްވެއާއިން ލަފާކޮށް، އެ މީހަކު ހޯދުމުގައި އެހީތެރިވެދާނެ އެވެ.
މި ސޮފްޓްވެއާ އަށް މީހެއްގެ ފޮޓޯ އަޕްލޯޑްކުރުމަށް ފަހު، އެކި ހެއާސްޓައިލްތަކުގައި މީހާ ހުންނާނެ ގޮތް ބަލައިލެވޭނެ އެވެ. އެގޮތުން އެ މީހަކު ބަލަން ބޭނުންވާ ސްޓައިލެއްގެ ފޮޓޯ އިންޓަނެޓުން ސާޗުކޮށް އެ މީހެއްގެ ސިފަޔާ ގުޅޭ ގޮތަށް ސޮފްޓްވެއާ އިން ދައްކައިދޭނެ އެވެ.
ޔުނިވަސިޓީ އޮފް ވޮޝިންޓަންގެ ރިސާޗް ޓީމަކުން ތަރައްގީކުރި މި ސޮފްޓްވެއާ އަށް ދީފައިވާ ނަމަކީ "ޑްރީމްބިޓް" އެވެ. އެކި ހެއާސްޓައިލްގައި އަދި އެކި އުމުރުގައި، އެކި ގައުމުތަކުގައި މީހާ ހުންނާނެ ގޮތް ވެސް މި ސޮފްޓްވެއާ އިން ބެލޭނެ އެވެ.
ޒަމާންތަކަކަށް ފަހު މީހާ ހުންނާނެ ގޮތާއި އެކި ގޮތްގޮތަށް މީހާ ބަދަލުކުރުމުން ހުންނާނެ ގޮތް ވެސް މި ސޮފްޓްވެއާ އިން ބެލޭނެތީ މިއީ މީހުން ހޯދުމަށް ހިންގާ އޮޕަރޭޝަންތަކަށް އެހީތެރިވެދޭނެ ސޮފްޓްވެއާއަކަށް ވާނެ ކަމަށެވެ. މި ސޮފްޓްވެއާ އުފެއްދި ޓީމުން އެންމެ ފުރަތަމަ މި ސޮފްޓްވެއާ ހެދީ އުމުރާ ގުޅޭ ގޮތުން މީހުންގެ މޫނަށް އަންނާނެ ބަދަލު ލަފާކުރެވޭ ގޮތަށް އެކަންޏެވެ. ނަމަވެސް މިހާރު ވަނީ އިސްތަށިގަނޑާއި އެހެން ބައެއް ބަދަލުތަކާ އެކު މީހާ ހުންނާނެ ގޮތް ވެސް ލަފާކުރެވޭ ގޮތް ހަދައިފަ އެވެ.