20 މެއި 2018 - 14:41

އިސްތަންބޫލް (މެއި 20) - މުސްލިމް ގައުމުތަކުން އެކަތިގަނޑަކަށްވެ އިޒްރޭލާ ކުރިމަތިލުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ގޮވާލައްވައިފި އެވެ.

ތުުރުކީގެ އެންމެ ބޮޑު ސިޓީ އިސްތަންބޫލްގައި ބޭއްވި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ކުއްލި ބައްދަލުވުމެއްގައި އުރުދުޣާން ވިދާޅުވީ ގާޒާގައި ފަލަސްތީނުގެ މުސްލިމުން ޝަހީދު ކުރަމުންދާ އިރު އިޒްރޭލް ޒިންމާ ކުރުވަން ޖެހޭނެ ކަމަށެވެ.
"އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އިންސާނިއްޔަތުކަން މަރު ނުވާކަން ދުނިޔެ އިން ދައްކުވައިދޭން ޖެހޭނެ،" އުރުދުޣާން ވިދާޅުވި އެވެ.
ތެލް އަވީވްގައި ހުރި އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލުކުރުމާ ދެކޮޅަށް އިހްތިޖާޖް ކުރި ފަލަސްތީން މުސްލިމުން ގަޔަށް އިޒްރޭލުން ބަޑިޖަހާ 62 މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.
އޯއައިސީގެ ބައްދަލުވުމުގައި ގިނަ ގައުމުތަކުގެ ވެރިން ބައިވެރިވި ނަމަވެސް ސައުދީން ފޮނުވާފައި ވަނީ ފޮރިން މިނިސްޓްރީގެ ސީނިއާ އޮފިޝަލެކެވެ. ބަހުރޭނާއި މިސްރު އަދި ޔޫއޭއީން ވެސް ފޮނުވާފައި ވަނީ ދަށް ލެވެލްގެ ވަފުދެކެވެ.
އޯއައިސީގެ ބައްދަލުވުމުގައި ފަލަސްތީނުގެ ބޮޑު ވަޒީރު ރާމީ ހަމަދުﷲ ވިދާޅުވީ ހަމަނުޖެހުންތަކުގެ އަސްލައަކީ އެމެރިކާ ކަމަށާއި އެމެރިކާ އަކީ މިހާރު މައްސަލަތަކުގެ ހައްލެއް ނޫން ކަމަށެވެ. ގުދުސް އަށް އެމެރިކާ އެމްބަސީ ބަދަލު ކުރުން އޭނާ ސިފަ ކުރައްވާފައި ވަނީ އިސްލާމީ ގައުމަކަށް އަރައިގަތުމުގެ ގޮތުގަ އެވެ.
އޯއައިސީގެ ބައްދަލުވުމުގައި ވަނީ ގާޒާގެ ގަތުލްއާއްމު އދ. އިން ތަހުގީގު ކުރުމަށް ގޮވާލާ ގަރާރެއް ފާސްކޮށްފަ އެވެ.