20 މެއި 2018 - 14:04

ހަވާނާ (މެއި 20) - ކިއުބާގެ ހަވާނާ އެއާޕޯޓުން ނައްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވެއްޓުނު މަތިންދާ ބޯޓުގެ ދެ ކަޅު ފޮށީގެ ތެރޭން އެއް ފޮށި ފެނިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
މަތިންދާ ބޯޓު ވެއްޓުމުގެ ހާދިސާގައި ވަނީ 110 މީހުން މަރުވެފަ އެވެ. އޭގެ ތެރޭގައި 11 ބިދޭސީ އަކު ވެސް ހިމެނެ އެވެ. އެއީ މެކްސިކޯގެ ހަ ކްރޫންނާއި އާޖެންޓީނާގެ ދެ ޓޫރިސްޓުންނާއި މެކްސިކޯ މީހަކާ އަދި ވެސްޓަން ސަހާރާގެ ދެ މީހެކެވެ. ބޯޓުގައި ދެން މުޅިން ވެސް ތިބީ ކިއުބާ މީހުންނެވެ. ބޯޓު ވެއްޓުނު ހާދިސާ އިން ސަލާމަތްވި ތިން އަންހެނުންގެ ހާލު އަދިވެސް ސީރިއަސް އެވެ. ބޯޓު ވެއްޓުމުގެ ހާދިސާ އިން އެންމެ ފުރަތަމަ ހަތަރު މީހުން ސަލާމަތްވި އެވެ. ނަމަވެސް އެކަކު ވަނީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން މަރުވެފަ އެވެ.
ކިއުބާގެ ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ޔެޒްކުއިރްދޯ ވިދާޅުވީ ދެ ވަނަ ކަޅު ފޮށި ވެސް ވަރަށް އަވަހަށް ފެންނާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ގާތްގަނޑަކަށް ސާޅީހަކަށް އަހަރުވެފައިވާ ބޯޓަކީ މެކްސިކޯގެ ކުންފުންޏަކުން ކިއުބާ ސަރުކާރުގެ އެއާލައިނަކަށް ކުއްޔަށް ދީފައިވާ ބޯޓެކެވެ. އަދި 1979 ވަނަ އަހަރު އުފައްދާފައިވާ ބޯޓު އެންމެ ފަހުން އިންސްޕެކްޓް ކުރީ ނޮވެމްބަރު މަހު ކަމަށް ވެސް މެކްސިކޯ އިން ބުނެފައިވެ އެވެ.