20 މެއި 2018 - 13:35

ވޮޝިންޓަން (މެއި 20) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީ މަރާލާފައިވާ ކަމަށް 100 ޕަސެންޓް ޔަގީން ކަމަށް ރަޝިޔާ އިން މިދިޔަ އަހަރުގެ މެދުތެރޭގައި ވަނީ ބުނެފަ އެވެ. ބަޣުދާދީ މަރާލާފައި ވަނީ އައިއެސްގެ މުހިންމު ބައްދަލުވުމެއްގައި ސީރިއާގެ ދައިރު އަލް ޒޫގައި އިންދާ ކަމަށް ވެސް ބުނެފައިވެ އެވެ.
ބަޣުދާދީއާ އެކު ބައްދަލުވުމުގައި އިން އޮފިޝަލަކު އިރާގާއި ތުރުކީ ސިފައިންގެ އޮޕަރޭޝަނެއްގައި މި އަހަރު ކުރީކޮޅު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ބުނީ އައިއެސް ބަލިކަށިވަމުން ދިޔަ ނަމަވެސް ބަޣުދާދީ ބޭނުންވީ އެ ޖަމާއަތުގެ ހަނގުރާމަވެރިން އަލުން ރުކުރުވާލުމަށެވެ.
ބަޣުދާދީ އަކީ އާއްމުކޮށް މީހުންނަށް ފެންނަ މީހެއް ނޫނެވެ. އޭނާގެ ފޮޓޯއެއް ނަގާފައި ވަނީ ވެސް އެންމެ ފަހަރަކު އެވެ. އެއީ ޖުލައި 2014 ގައި އައިއެސްގެ ޚިލާފަތު އިއުލާން ކުރަން މޫސަލްގެ ނޫރީ މިސްކިތުގައި ޚުތުބާ ދެނިކޮށެވެ. ބަޣުދާދީގެ ޚަބަރެއް ނުވެ ގިނަ ދުވަސްތަކެއްވާ ކޮންމެ ފަހަރަކު އޭނާ މަރުވީ ކަމަށް ނުވަތަ ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށް އަޑުތައް ފެތުރެ އެވެ. ބަޣުދާދީ މަރާލާފައިވާ ކަމަށް ކުރިން ވަނީ ތިން ފަހަރަކު ބުނެފަ އެވެ.
މިފަދަ އަޑުތައް ފެތުރުނު ނަމަވެސް އެމެރިކާގެ ކައުންޓަ-ޓެރަރިޒަމް އޮފިޝަލުން ލަފާ ކުރަނީ ބަޣުދާދީ މަރު ނުވާ ކަމަށެވެ. އަދި މިހާރު ބަލިކަށިވެފައިވާ އައިއެސް ކޮޅަށްޖެހުމަށް ދުރު މުސްތަގްބަލުގެ ޕްލޭނެއް ބަޣުދާދީ އެކުލަވާލަމުންދާ ކަމަށް ވެސް އޮފިޝަލުން ލަފާކުރެ އެވެ. އެމެރިކާގެ އޮފިޝަލުން ބުނަނީ ބަޣުދާދީ މަރުނުވާ ކަމަށް ހެކި ލިބެނީ އިންޓެލިޖެންސް ރިޕޯޓްތަކާއި ހައްޔަރު ކުރާ އައިއެސްގެ ގައިދީންގެ ފަރާތުންނާއި އައިއެސްގެ ނެޓުވޯކުގެ ތެރޭގައި ހަރަކާތްތެރިވާ މީހުންގެ ފަރާތުން ލިބޭ މައުލޫމާތުން ކަމަށެވެ.
އެމެރިކާގެ އޮފިޝަލުން ލަފާ ކުރަނީ އައިއެސްގެ ޚިލާފަތު ކުރިއަރުވަން މަސައްކަތް ކުރުމުގެ ބަދަލުގައި ބަޣުދާދީ މިހާރު އިސްކަން ދެނީ އަންޑަގްރައުންޑް ހަރަކާތްތައް ހިންގުމަށާއި ބައިނަލްއަގުވާމީ ޓެރަރިސްޓް މޫވްމަންޓެެއް ހިންގުމަށް ކަމަށެވެ.
ބައެއް އޮބްޒާވަރުން ބުނަނީ ބަޣުދާދީ އެއް ފަރާތަކަށް ޖެހިފައި ވަނީ އައިއެސްގެ އެހެން ލީޑަރުންނަށް ފުރުސަތު ދިނުމަށް ކަމަށެވެ.
ބަޣުދާދީގެ ބޮލަށް އެމެރިކާ އިން ވަނީ 25 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ.