21 މެއި 2018 - 08:16

އަތުކުރީ އަޅާ ގަޑީގެ އެކި ބާވަތްތައް މިހާރު ހުރެއެވެ. ޚާއްސަކޮށް ސިއްހީ ހާލަތު ވަޒަންކުރެވޭ ގަޑިތައް ނަން ހުސްކޮށް ލިބެން ހުރެއެވެ. ކަސްރަތުގެ ހުރިހާ ކަމަކާއި ދުޅަހެޔޮކަމަށްޓަކައި ބޭނުންވާ މުހިއްމު އެތައް މައުލޫމާތެއް، މިގަޑިތަކުގެ އެހީގައި އަތުކުރިން ފެންނަން ހުރެއެވެ.
އެކަމަކު އެއް ގަޑިއަކުން ހިތުގެ ހާލާއި ލޭގެ ޕްރެޝަރު ބަލައިލެވޭނެ އުފެއްދުންތައް ވަރަށް މަދެވެ. ސޯވޮޗް އަކީ މީގެ ފުރަތަމަ ގަޑި ކަމަށް ވެސް ވެދާނެއެވެ.
ސޯވޮޗް މެދުވެރިކޮށް، ހިތުގެ ވިންދު ޖަހާ މިންވަރާއި ހަށިގަނޑުގެ ފިނިހޫނުމިނާއި ލޭގައި އޮކްސިޖަން ހުރި މިންވަރާއި ހަށިގަނޑު ހެލިފެލިވާ މިންވަރާއި އަރާމާއި ނިދީގައި ހޭދަކުރި މިންވަރު އެނގެން ހުރެއެވެ. މިއިން ކޮންމެ މައުލޫމާތަކީ އެ މީހެއްގެ ދުޅަހެޔޮކަމާ ގުޅިފައިވާ މައުލޫމާތެކެވެ. ގަޑީގެ މޫނުމަތީގައި އަތް ބާއްވާލުމުން މި މައުލޫމާތު ޖަމާކޮށްދެއެވެ. ގަޑީގެ ނުފުށުގައި ވެސް މައުލޫމާތު ޖަމާކުރެވޭނެ ސެންސަރުތައް ހުރެއެވެ. މިގޮތުން އެއްކުރާ މައުލޫމާތަކީ ސީދާ އެމީހެއްގެ ޑޮކްޓަރާ ހިއްސާކުރެވޭނެ މައުލޫމާތެވެ. އަދި ބޭނުން ނަމަ ކަނޑައަޅާފައިވާ އެހެން މީހުންނާ ވެސް މި މައުލޫމާތު ބަދަލުކުރެވޭނެއެވެ.
ހިތުގެ ހާލަތު ބަލައިދިނުމުގެ އިތުރުން ދުވަހުން ދުވަހަށް ދުޅަހެޔޮކަންމަތީ ހުރުމަށް ބޭނުންވާ ލަފަ އާއި އިރުޝާދު ވެސް ސޯވޮޗްގައި ލިބެން ހުރެއެވެ. ހަށިގަނޑުގެ ހަރަކާތްތަކާއި ލޭގައި އޮކްސިޖަން ހުރި މިންވަރާއި ނިދީގެ ހާލަތާއި ކަސްރަތަށް ކުރާ ކަންކަން ދެނެގަތުމާއި ހަށިގަނޑަށް އަނިޔާވާ މިންވަރަށް ކަސްރަތުކުރާ ނަމަ އެކަން ހުއްޓުވުމަށް ވެސް ސޯވޮޗް ހިތްވަރުދެ އެވެ. އަދި ކުރަންވާ ވަރަށް ކަސްރަތު ނުކުރެވޭ ނަމަ އެ މީހެއްގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ކަން ކުރަންވީ ގޮތުގެ އިރުޝާދު ވެސް ދޭނެ އެވެ.
ސިއްހީ ހާލަތާ މެދު ގާތްތިމާގެ މީހުންނަށް އަންގަން ޖެހިއްޖެ ނަމަ އިމަޖަންސީ ހާލަތުގައި އިންޒާރު ފޮނުވާނެ ނަމްބަރުތައް މީގައި ދުރާލާ ރައްކާކުރެވެއެވެ.