25 ޖުލައި 2016 - 14:31

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޑް އެންޑް ބެވަރޭޖް ފެއާ "ހޮޓެލް އޭޝިއާ އެގްޒިބިޝަން"ގެ މިއަހަރުގެ ފެއާ ސެޕްޓެމްބަރު 5-7 އަށް ބާއްވާނެ ކަމަށް ފެއާ އިންތިޒާމް ކުރާ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސާސް (މެކްސް) އިން މިއަދު ބުނެފި އެވެ.

މެކްސްގެ ޖެނެރަލް މެނޭޖަރު ހުސްނީ ރައުފް "މިހާރު" އަށް ވިދާޅުވީ މިއަހަރުގެ ފެއާ ވެސް އޮންނާނީ ދަރުބާރުގޭގައި ކަމަށެވެ. އަދި މިއަހަރު ވެސް ފެއާގައި ކެއްކުމުގެ މުބާރާތް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުސްނީ ވިދާޅުވި ގޮތުގައި ކެއްކުމުގެ މުބާރާތް ފެއާ ފެށުމުގެ އެއް ދުވަސް ކުރިން، ސެޕްޓެމްބަރު ހަތަރެއްގައި ފަށާނެ އެވެ.
މިއަހަރުގެ މުބާރާތުގައި ވެސް ރާއްޖެ އާއި ބިދޭސީ ޝެފުން ބައިވެރިވާނެ އެވެ. ހުސްނީ ވިދާޅުވި ގޮތުގައި މިހާތަނަށް ވެސް 60 ރިސޯޓަކުން 475 އަށް ވުރެ ގިނަ ޝެފުން މުބާރާތުގައި ބައިވެރިވާން ވަނީ ހުށަހަޅާފަ އެވެ.
އޭނާ ވިދާޅުވީ މުބާރާތަށް ލިބޭ ތަރުހީބު ރަނގަޅު ކަމުން ބައިވެރިވުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ. މި މުބާރާތަށް އިންސާފުކުރުމަށް ފަނޑިޔާރުންގެ ހާއްސަ ޓީމެއް ވެސް މެކްސް އިން ވަނީ އެކުލަވާލައިފަ އެވެ. އެގޮތުން ދުނިޔޭގެ އެކި ހިސާބުތަކުން، ނަން މަޝްހޫރު 16 ޝެފެއް މި ޓީމުގައި ހިމެނެ އެވެ.
މިއަހަރުގެ މުބާރާތުގައި، ހުސްނީ ވިދާޅުވި ގޮތުގައި، ކުރީ އަހަރުތަކުގެ މުބާރާތުގައި ކެއްކި ކެޓަގަރީތައް ހިމަނާފައި ވާނެ އެވެ. އޭގެ ތެރޭގައި ޕާސްޓާ، ހޮޓް ކުކިން މީޓް، ޕޯލްޓްރީ އަދި ސީފުޑް އަދި އައިސްޑް މޮކްޓެއިލްސް ހިމެނޭ އިރު އަލަށް ތައާރަފް ކުރާ ދެ ކެޓަގަރީ ވެސް ހިމެނެ އެވެ. އެއީ ހަނީމޫން ކޭކް އަދި ޓީ ޗެލެންޖް ކެޓަގަރީ އެވެ.
މީގެ އިތުރުން މިއަހަރުގެ ފެއާގެ ހަރަކާތްތަކުގެ ތެރޭގައި ހާއްސަ މާސްޓާ ކްލާސްތަކެއް ވެސް ވަނީ ހިމަނާފައި އެވެ. އަދި މުބާރާތުން ވަނަތަކަށް ދާ ބައިވެރިންނަށް އަގުހުރި އިނާމާއި ޓްރޮފީ އަދި މެޑަލްގެ އިތުރުން ދުބާއީ އާއި ސިންގަޕޫރުގައި އޮންނަ ގަލްފް ފުޑް އެންޑް އެފްއެޗްއޭގައި ބައިވެރިވުމުގެ ފުރުސަތު އެ ބައިވެރިންނަށް ލިބޭނެ އެވެ.
"ކޮންމެ އަހަރެއްގެ ފެއާ ވެސް ވެގެން ގޮސްފައި ވަނީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް އާ ފުރުސަތުތައް ހޯދައި، އާ ހިދުމަތްތައް ތައާރަފް ކުރަން ލިބޭ ޕްލެޓްފޯމަކަށް. އަޅުގަނޑުމެން އުއްމީދު މި ކުރަނީ މިއަހަރުގެ ފެއާ އަކީ ވެސް ހަމަ އެހާމެ ކާމިޔާބު ފެއާއަކަށް ވެގެން ދާނެ ކަމަށް،" ހުސްނީ ވިދާޅުވި އެވެ.
މި މުބާރާތް ސްޕޮންސާ ކޮށްފައި ވަނީ ބެސްޓްބައި މޯލްޑިވްސް އިންނެވެ.
މިއަހަރުގެ ފެއާގައި 150 ސްޓޯލް ހުންނަ އިރު ގާތްގަނޑަކަށް 1،000 ބްްރޭންޑުގެ އުފެއްދުންތައް ދައްކާލާނެ އެވެ. އަދި މިއީ ބައިނަލްއަގްވާމީ ފެއާ އަކަށް ހެދުމަށް ސަރުކާރުގެ އެއްބާރުލުން ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ލަންކާ، ތައިލޭންޑް އަދި އިންޑޮނީޝިއާގެ އިތުރުން ދުބާއީ އަދި ސިންގަޕޫރުން ވެސް ފެއާގައި ބައިވެރިވެ އެވެ.