20 މެއި 2018 - 12:20

ބެންގަލޯރު (މެއި 20) - ސަރުކާރެއް އުފެއްދޭނެ ވަރަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު ލިބޭނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ވިދާޅުވެ އިންޑިއާގެ ކަރްނާޓަކާ ސްޓޭޓުގެ ޗީފް މިނިސްޓަރުގެ މަގާމަށް ހަމަޖެއްސި ބީ.އެސް. ޔެއްދުރައްޕާ އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.

ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ޔެއްދުރައްޕާ އިސްތިއުފާ ދެއްވީ މަގާމު ހަވާލުކުރިތާ ދެ ދުވަސް ފަހުންނެވެ. އަދި ކަރްނާޓަކާ ސްޓޭޓް އެސެމްބްލީގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން މަދު މިނިޓްކޮޅަކަށްވެފައި ވަނިކޮށެވެ.
ޔެއްދުރައްޕާ އިސްތިއުފާ ދެއްވުމާ ގުޅިގެން ކަރްނާޓަކާގައި ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު އިދިކޮޅު ކޮންގްރެސް ޕާޓީ އަށް ލިބޭނެ އެވެ. މިދިޔަ ހަފުތާގައި ބޭއްވި އިންތިޚާބާ ހަމައަށް ދެކުނުގެ ކަރްނާޓަކާ ސްޓޭޓުގެ ވެރިކަން ކުރީ ކޮންގްރެސް އިންނެވެ.
މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި އެއް ޕާޓީއަކުން އެންމެ ގިނަ ގޮނޑި ބީޖޭޕީން ހޯދި ނަމަވެސް އަޣުލަބިއްޔަތު ލިބިފައެއް ނުވެ އެވެ. ސްޓޭޓުގެ 224 ގޮނޑީގެ ތެރެއިން އެ ޕާޓީ އަށް ލިބިފައި ވަނީ 104 ގޮނޑި އެވެ. ކޮންގްރެސް އަށް 78 ގޮނޑި ލިބިފައިވާ އިރު ސަރަހައްދީ ޕާޓީއެއް ކަމަށްވާ ޖަނަތާ ދާލް ޕާޓީ އަށް ވަނީ 37 ގޮނޑި ލިބިފަ އެވެ. މި ދެ ޕާޓީ ކޯލިޝަން ހެދުމަށް ފަހު ސްޓޭޓުގެ އަޣުލަބިއްޔަތު ވަނީ ހޯދައިފަ އެވެ.
އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ހޯދާފައި ވަނީ ބީޖޭޕީން ކަމަށްވާތީ ސަރުކާރެއް އުފެއްދުމަށް ސްޓޭޓުގެ ގަވަރުނަރު ބީޖޭޕީ އަށް ވަނީ 15 ދުވަހުގެ މުއްދަތު ދީފަ އެވެ. އަދި ޔެއްދުރައްޕާ ވަނީ ޗީފް މިނިސްޓަރުކަމުގެ ހުވާ ކުރައްވައިފަ އެވެ. މި މައްސަލަ އިދިކޮޅު ޕާޓީތަކުން ވަނީ ސުޕްރީމް ކޯޓަށް ގެންގޮސްފަ އެވެ. ސުޕްރީމް ކޯޓުން މައްސަލަ ބެލުމަށް ފަހު ބީޖޭޕީ އަށް ދީފައި ވަނީ 24 ގަޑިއިރެވެ. ޕާލަމެންޓުގައި ބީޖޭޕީ އަށް އަޣުލަބިއްޔަތު އޮތްކަން ސާބިތުކޮށް ދިނުމުގެ މުހުލަތު އިންޑިއާ ގަޑިން އިއްޔެ ހަވީރު ހަތަރެއް ޖަހާއިރު ހަމަވާން ކައިރިވެފައި ވަނިކޮށް ޔެއްދުރައްޕާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
"އިސްތިއުފާ ދިނަސް އަޅުގަނޑަށް ގެއްލޭނެ އެއްޗެއް ނެތް. އަޅުގަނޑު މިހާރު މި ދަނީ އިސްތިއުފާ ހުށަހަޅަން ގަވަރުނަރުގެ އޮފީހަށް،" އުމުރުން 75 އަހަރުގެ ޔެއްދުރައްޕާ ޕާލަމެންޓުގައި ވިދާޅުވި އެވެ.
ޔެއްދުރައްޕާ އިސްތިއުފާ ދެއްވުމާ އެކު އިދިކޮޅު މެންބަރުން ޕާލަމެންޓުގައި ވަނީ އުފާ ފާޅުކޮށްފަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި ބީޖޭޕީން އަޣުލަބިއްޔަތު ހޯދަން ރިޝްވަތު ހުށަހަޅައިފާނެތީ ކޮންގްރެސް އާއި ޖަނަތާ ދާލް ޕާޓީގެ މެންބަރުން ވަނީ ގޮތް ނޭނގޭ ތަނަކަށް ގެންގޮސްފަ އެވެ. އަދި އެ މީހުންގެ މޯބައިލް ފޯނުތައް ވަނީ ހިފަހައްޓައިފަ އެވެ. ޖަނަތާ ދާލް ޕާޓީގެ ލީޑަރު އެޗް.ޑީ ކުމަރަސްވާމީ ވިދާޅުވީ ޕާޓީ ބަދަލު ކުރާމަތިން ބީޖޭޕީން ވަނީ ކޮންމެ މެންބަރަކަށް 15 މިލިއަން ޑޮލަރު ހުށަހަޅާފައި ކަމަށެވެ.