މަޓުއިޑީ ޕީއެސްޖީގައި މަޑުކުރާނެ: އެމެރީ
މަޓުއިޑީ ޕީއެސްޖީގައި މަޑުކުރާނެ: އެމެރީ

ޕެރިސް، ފްރާންސް (ޖުލައި 25) - ޕީއެސްޖީ އަށް ކުޅޭ ފްރާންސްގެ މިޑްފީލްޑަރު ބްލައިސް މަޓުއިޑީ އެ ކްލަބްގައި މަޑުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު އުނައި އެމެރީ ބުނެފި އެވެ.

އެމެރީ ޕީއެސްޖީއާ ހަވާލުވުމަށް ފަހު ވަނީ އޭނާ ކުރިން ކޯޗުކޮށްދިން ސެވިއްޔާ އަށް ކުޅޭ ޕޮލެންޑުގެ މިޑްފީލްޑަރު ގްރެގޮޒް ކްރިޝޯވިއަކް އެ ޓީމަށް ގެނެސްފަ އެވެ. ކްރިޝޯވިއަކް ގެނައުމާ އެކު ޕީއެސްޖީގައި މަޓުއިޑީގެ މުސްތަގުބަލާ ގުޅޭގޮތުން ވަނީ ސުވާލު އުފެދިފަ އެވެ.

ނަމަވެސް އެމެރީ ބުނީ މަޓުއިޑީ ޓީމުގައި ބަހައްޓަން ބޭނުންވާ ކަމަށެވެ.

"މަޓުއިޑީ އަކީ ޓީމަށް ވަރަށް މުހިއްމު ކުޅުންތެރިއެއް. އަހަރެންގެ ޕްލޭންގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާނެ ކުޅުންތެރިއެއް މަޓުއިޑީ އަކީ. ފާއިތުވި އަހަރުތަކުގައި ޕީއެސްޖީ ހޯދި ކާމިޔާބީތަކުގައި މަޓުއިޑީގެ ދައުރު ބޮޑު،" މިދިޔަ ސީޒަނުގައި ސެވިއްޔާ އަށް ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދިން އެމެރީ ބުންޏެވެ.

މަޓުއިޑީ ހޯދަން އިނގިރޭސި ދެ ކްލަބުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެއީ އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑެވެ. ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން ކުރިއަށް އޮތް ހަފްތާގައި މަޓުއިޑީ އަށް ބިޑްކުރަން ވަނީ ނިންމައިފަ އެވެ.

އުމުރުން 29 އަހަރުގެ މަޓުއިޑީ އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށީ ޓްރޮއިސް އިންނެވެ. އެ އަށް ފަހު ސެއިން އެޓިއެން އަށް ކުޅުމަށް ފަހު އޭނާ ޕީއެސްޖީ އަށް ސޮއިކުރީ 2011 ވަނަ އަހަރު 7.5 މިލިއަން ޕައުންޑަށެވެ.