ޒިދާން، ދަރިފުޅަށް ފުރުސަތު ދިން މެޗު އެއްވަރު
ޒިދާން، ދަރިފުޅަށް ފުރުސަތު ދިން މެޗު އެއްވަރު

ބާސެލޯނާ (މެއި 20) - ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑް ކުޅުނު ފަހު މެޗުގައި ކޯޗު ޒިނެދީން ޒިދާންގެ ދަރިފުޅު ލޫކަ ޒިދާނަށް ފުރުސަތު ދިންއިރު، ވިޔަރެއާލް ފަހު ހާފުގައި ޖެހި ގޯލުތަކާ އެކު 2-2 އިން މެޗު އެއްވަރުވެއްޖެ އެވެ.

މިދިޔަ ސީޒަނުގައި ލީގު ޗެމްޕިއަންކަން ހޯދި ރެއާލް މި ފަހަރު ސީޒަން ނިންމާލީ 38 މެޗުން 76 ޕޮއިންޓާ އެކު އެވެ. އެ ޓީމަށް މި ސީޒަނުގައި ބާކީ ދެން އޮތީ އަންނަ ހޮނިހިރު ދުވަހު ލިވަޕޫލާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލް މެޗެވެ.

އުމުރުން 20 އަހަރުގެ ލޫކަ ޒިދާން ރޭ ރެއާލްގެ ގޯލު ބެލެހެއްޓިއިރު ވަނީ ރަނގަޅު ބޯޅަތަކެއް ހުއްޓުވައިފަ އެވެ.

"އޭނަގެ ފުރަތަމަ މެޗާ ބަލާ އަހަރެން ހިތްހަމަ ޖެހޭ. މިއީ އޭނަ އަށް ލިބުނު ކުރިއެރުމެއް. ދެން އޭނަގެ ބައްޕަ މި ކަމާ ދެކޭ ގޮތެއް އެނގޭނީ ގެއަށް ދިޔައީމަ." ދަރިފުޅުގެ ފުރަތަމަ މެޗާ ބެހޭގޮތުން ޒިދާން ރޭ ބުންޏެވެ.

ރޭގެ މެޗު ފަށައިގެން 11 ވަނަ މިނިޓްގައި ރެއާލަށް ލީޑުނަގައިދިނީ ފަހަކަށް އައިސް ފޯމަަކަށް އެޅި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ގަރެތު ބޭލް އެވެ. ރެއާލްގެ ދެ ވަނަ ލަނޑު ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއިން ރަނގަޅުވެ ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗެވެ.

ވިޔަރެއާލުން މި މެޗުގައި ކާމިޔާބުކުރި ދެ ލަނޑު ވެސް ޖެހީ މެޗުގެ ފަހު 20 މިނިޓް ތެރޭގަ އެވެ. މެޗުގެ 71 ވަނަ މިނިޓްގައި ވިޔަރެއާލްގެ ފުރަތަމަ ގޯލު ޖެހީ ރޮޖާ މާޓިނޭޒް އެވެ. ޗައިނާގެ ކްލަބް ޖިއަންސޫގެ ލޯނެއްގެ ދަށުން ކުޅެމުން އަންނަ މާޓީނޭޒް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ވިޔަރެއާލަށް އެއްވަރުކޮށްދިން ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ކަސްޓިލޭހޯ އަޒުއާގާ އެވެ.