މެލޭޝިއާގެ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ނަޖީބު ހާޒިރު ކުރަނީ
މެލޭޝިއާގެ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ނަޖީބު ހާޒިރު ކުރަނީ

ކުއާލަ ލަމްޕޫރު (މެއި 20) - މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކް، 1 މެލޭޝިއާ ޑިވެލޮޕްމަންޓް ބަރުހާދު (1އެމްޑީބީ) ގެ ބޮޑު ޚިޔާނާތާ ގުޅިގެން ސުވާލު ކުރަން ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު އެ ގައުމުގެ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވުމަށް އަންގައިފި އެވެ.

1އެމްޑީބީގެ ކޮރަޕްޝަނުގެ މައްސަލަ ބަލާ މެލޭޝިއަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ) ގެ ޕެނަލް މެންބަރަކު ބުނީ ސަރުކާރުގެ ފަންޑެއް ކަމަށްވާ އެސްއާރުސީ އިންޓަނޭޝަނަލް އިން ނަޖީބުގެ އެކައުންޓަކަށް 10.6 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ބައެއް އޮފިޝަލުން ހުކުރު ދުވަހު ނަޖީބުގެ ގެއަށް ދިޔަ މަންޒަރު ރޮއިޓާސްގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ. އެމްއޭސީސީގެ އޮފިޝަލަކު ބުނީ ނަޖީބުގެ ގެއަށް ދިޔައީ ކޮމިޝަނަށް ހާޒިރުވުމަށް ނަޖީބަށް ނޯޓިސް ހަވާލު ކުރަން ކަމަށެވެ. ނަޖީބު ހާޒިރުވާން އަންގާފައި ވަނީ އަންނަ އަންގާރަ ދުވަހު އެވެ.

ނަޖީބާއި އޭނާގެ އަނބިކަނބަލުން ވަނީ މެލޭޝިއާގެ އިމިގްރޭޝަން ޑިޕާޓްމަންޓުން ބްލެކްލިސްޓްކޮށްފަ އެވެ.

މެލޭޝިއާގެ އާ ސަރުކާރުގެ އޮފިޝަލުން ބުނެފައި ވަނީ 1އެމްޑީބީގެ ކޮރަޕްޝަނުގެ މައްސަލަ އަލުން ބެލުމަށް ފަހު ނަޖީބުގެ މައްޗަށް ދައުވާ ކުރާނެ ކަމަށެވެ.

1އެމްޑީބީގެ ބޮޑު ކޮރަޕްޝަނުގައި ނަޖީބުގެ އެކައުންޓަށް 2015 ވަނަ އަހަރު ވަނީ 700 މިލިއަން ޑޮލަރު ޖަމާކޮށްފަ އެވެ. ނަމަވެސް ނަޖީބުގެ އެޓާނީ ޖެނެރަލް ވަނީ އެ މައްސަލަ ބެލުމަށް ފަހު އެއީ ސައުދީން ދިން އެހީއެއް ކަމަށް ނިންމައިފަ އެވެ.