21 މެއި 2018 - 08:12

އަންނަ މަހު ސިނަމާ އަށް އަންނަން އޮތް އެންމެ ޝައުގުވެރި އެއް ފިލްމަކީ ރަންބީރު ކަޕޫރް، ސަންޖޭ ދަތުގެ ރޯލް ކުޅެފައިވާ "ސަންޖޫ" އެވެ. ރާޖްކުމާރް ހިރާނީ ޑައިރެކްޓްކޮށްފައިވާ އެ ފިލްމް ރިލީޒްކުރާނީ އަންނަ މަހުގެ 29 ގަ އެވެ.
މި ފިލްމްގައި ސަންޖޭގެ ބައްޕަ ސުނިލް ދަތުގެ ރޯލް ކުޅެން ހިރާނީ އެންމެ ފުރަތަމަ ހުށަހެޅީ އާމިރް ހާނަށެވެ. އަދި ފިލްމްގެ ސްކްރިޕްޓާ އާމިރް ގަޔާވިލެއް ބޮޑުކަމުން އޭނާ ފިލްމްގައި ހިއްސާވާން ވެސް ބޭނުންވި އެވެ. ރަންބީރްގެ ބައްޕަގެ ރޯލް "ސަންޖޫ" ގައި ކުޅެން އާމިރް ކުރިން ހުރީ ތައްޔާރެވެ.
އެކަމަކު ފަހުން ސުނިލް ދަތުގެ ރޯލް، އާމިރު ވަނީ ދޫކޮށްލައިފަ އެވެ. އެ ސަބަބު އާމިރާ އެކު "3 އިޑިއަޓްސް" އާއި "ޕީކޭ" ގެނެސް ދިން ހިރާނީ ވަނީ އައުޓްލުކަށް ދިން އިންޓަވިއުއެއްގައި ކިޔައިދީފަ އެވެ.
އޭނާ ބުނި ގޮތުގައި "ސަންޖޫ" ގައި ސުނިލް ދަތުގެ ރޯލް ކުޅެން އާމިރް ފަހުން ބޭނުން ނުވީ އެ ފިލްމް ޝޫޓް ކުރަމުން ދިޔަ ދުވަސްވަރު، އާމިރް "ޑަންގަލް" ވެސް ކުޅެމުން ދިއުމުންނެވެ. ދެހާސް ސޯޅައިގައި ރިލީޒް ކުރި ފިލްމްގައި އޭނާ ވަނީ ވަރަށް ދުވަސްވީ މީހެއްގެ ބައި، އަދި ބޮޑު ދެ އަންހެން ކުދިންގެ ބައްޕައެއްގެ ރޯލް ކުޅެފަ އެވެެ.
"ދުވަސްވީ މީހެއްގެ ރޯލް އަނެއްކާ ސަންޖޫގައި ވެސް ރިޕީޓް ކުރަން ބޭނުން ނުވީ އާމިރް ސުނިލް ދަތުގެ ރޯލް ނުކުޅެން ނިންމީ،" ހިރާނީ ބުންޏެވެ.
އާމިރްގެ ކުރިއަށް އޮތް ފިލްމަކީ އޭނާ ވަރަށް ތަފާތު ރޯލަކުން ފެނިގެންދާ، ނޮވެމްބަރު 7 ގައި ރިލީޒް ކުރާ "ތަގްސް އޮފް ހިންދުސްތާން" އެވެ.
އޭނާ "ސަންޖޫ" އިން ދޫކޮށްލި ރޯލް ފިލްމްގައި ކުޅެފައި ވަނީ ޕަރޭޝް ރާވަލް އެވެ.
ސަންޖޭގެ މަންމަ ނަރްގިސްގެ ރޯލް ކުޅެފައި ވަނީ ކުރީގެ މަޝްހޫރު ބަތަލާ މަނީޝާ ކޮއިރަލާ އެވެ. މަނީޝާ ބުނި ގޮތުގައި ނަރްގިސް ކަހަލަ ހިންދީ ސިނަމާގެ ވަރުގަދަ ޝަހުސިއްޔަތެއްގެ ރޯލް ކުޅެން ލިބުމަކީ ވަރަށް ބޮޑު ފަހުރެކެވެ.
އަދި "ސަންޖޫ" ގައި އޭނާ ކުޅުނު ރޯލް ކުޑަވިޔަސް، ބެލުންތެރިން އެ ރޯލާ ދޭތެރޭ ބުނާ އެއްޗެއް ބަލަން ކެތްމަދުވެފައި ހުރި ކަމަށް މަނީޝާ ބުންޏެވެ.
ސަންޖޭގެ ހަޔާތުގެ އެކި ދައުރުތަކާއި އަޑިގުޑަންތައް ދައްކުވައިދޭ ފިލްމްގައި އޭނާގެ މިހާރުގެ އަންހެނުން މަންޔަތާ ދަތުގެ ރޯލް ކުޅެފައި ވަނީ ދިިއާ މިޒްރާ އެވެ.
"ސަންޖޫ" ގެ އިތުރު ކާސްޓުންގެ ތެރޭގައި ސޯނަމް ކަޕޫރް، ޖިމް ސަރްބް، ވިކީ ކޯޝަލް، އަނުޝްކާ ޝަރްމާ، ބޮމަން އިރާނީ އަދި ޓީވީ ބަތަލާ ކަރިޝްމާ ތަންނާ ހިމެނެ އެވެ.