ދިވެހި ފުޓްބޯޅަ ގޮވައިގެން ގަދަ ކަނޑުގައި ފެތި ކޯޗު!
ދިވެހި ފުޓްބޯޅަ ގޮވައިގެން ގަދަ ކަނޑުގައި ފެތި ކޯޗު!

ސްރީ ލަންކާގެ ބިމުގައި އެ ގައުމު ބަލިކޮށް ރާއްޖޭން 1991 ވަނަ އަހަރުގެ ސާފް ގޭމްސްގެ ފައިނަލަށް ދިއުމުން، ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން، ލަންކާ ކޯޗެއް ކަމަށްވާ ސުމިތު ވަލަޕޮލާ އުރާލައިގެން އުފާފާޅުކުރި އެވެ. އެކަންވީ ލަންކާ މީހުން އިތުރަށް ރުޅިގަދަވި ކަމަކަށެވެ. ދިވެހި ކޮންޓިންޖެންޓުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އެތަނަށް ސުމިތު ގެންދަން އޮލިމްޕިކް ކޮމިޓީގެ އޭރުގެ ރައީސް މަރްހޫމް މުހައްމަދު ޒާހިރު ނަސީރު ނިންމެވީ ކީއްވެ ހެއްޔެވެ؟ ދިވެހި ކުޅުންތެރިން ލަންކާ ކޯޗަކު ދެކެ އެހާ ލޯބިވީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟

ދިވެހި ފުޓްބޯޅަ ގޮވައިގެން ގަދަ ކަނޑުގައި ފެތި ކޯޗު!
ދިވެހި ފުޓްބޯޅަ ގޮވައިގެން ގަދަ ކަނޑުގައި ފެތި ކޯޗު!

ދިވެހި ފުޓްބޯޅައިން 1979 ވަނަ އަހަރު ބައިނަލްއަގްވާމީ ފުޓްބޯޅައިގެ ކަނޑަށް ނުކުމެ ގަދަ އޮއިގައި ޖެހިފައި އޮއްވާ، އެހީގެ އަތެއް ދިއްކުރީ އެ ކަނޑުގައި އޭރު ގަދަޔަށް ފަތަމުން ދިޔަ ލަންކާ ކުޅުންތެރިންނާއި ކޯޗުންނެވެ. އޭގެ ތެރެއިން އެކަކަކީ ޕީ.ޑީ ސިރިސޭނާ އެވެ. ނިއު ރޭޑިއަންޓާއި ގައުމީ ޓީމާ އެކު ކުރި ދަތުރަށް ފަހު، އޭނާ އެއްގަމަށް އަރަމުން، ލަފާ ދިނީ ލަންކާގެ ސުމިތު ރާއްޖެ ގެންނާށެވެ. އެ އެދުމާ އެކު ނިއު އިން ކޮށްލި ކުޑަކުޑަ އިޝާރާތަކަށް ސުމިތު ކަނޑަށް ފުންމާލި އެވެ. އެއީ 1985 ވަނަ އަހަރެވެ.

ދިވެހި ފުޓްބޯޅަ ގޮވައިގެން ގަދަ ކަނޑުގައި ފެތި ކޯޗު!
ދިވެހި ފުޓްބޯޅަ ގޮވައިގެން ގަދަ ކަނޑުގައި ފެތި ކޯޗު!

"އެންމެ ފުރަތަމަ އަހަރެން އައީ ނިއު އަށް ކުޅެން. އެކަމަކު ވޯކް ވީސާ ހަމަޖެހެން އޮތީ ހަ މަސް ފަހުން ކަމަށްވާތީ އަހަރެން ނިއުގެ ޓީމު ތައްޔާރުކޮށްދޭން ފެށީ،" ސުމިތު ބުންޏެވެ.

ދިވެހި ފުޓްބޯޅަ ގޮވައިގެން ގަދަ ކަނޑުގައި ފެތި ކޯޗު!
ދިވެހި ފުޓްބޯޅަ ގޮވައިގެން ގަދަ ކަނޑުގައި ފެތި ކޯޗު!

އެ މަސައްކަތަށް އޭނާ ނުކުތީ ހެންވޭރު ދަނޑަށެވެ. އެއީ އޭރު ރާއްޖޭގެ އެންމެ ބޮޑު އެއް ފުޓްބޯޅަ "އެކެޑެމީ" އެވެ. އެތަނަށް ހެނދުނާއި ހަވީރު ކުޅެންދާ ކުދިންގެ ތެރެއިން ސުމިތުގެ ލޮލުގައި އަޅައިގަންނަ ހުނަރުވެރި ކުޅުންތެރިންނަށް ޓީމުން ޖާގަ ދިނެވެ. އޭގެ ތެރެއިން އެކަކަކީ އޭގެ ވިއްސަކަށް އަހަރު ފަހުން 2004 ވަނަ އަހަރުގެ މާލޭ ލީގާއި ގައުމީ މުބާރާތް ނިއު އަށް އުފުލައިދިން ކެޕްޓަން އަހުމަދު އިރުފާނެވެ.

ލަންކާ ގައުމީ ޓީމަށާއި ސައުންޑާޒް އަށް ކުޅެފައިވާ ވަރުގަދަ މިޑްފީލްޑް ކުޅުންތެރިޔާގެ ބޭނުން އެކި ގޮތްގޮތަށް ހިފަން ނިއުގެ މަސްއޫލުވެރިޔާ ކުއީން ވަހީދު ބޭނުންވި އެވެ. އެހެންވެ ވަހީދުގެ ބައެއް ކުދިން ކިޔަވަމުން ދިޔަ އީޕީއެސް ސްކޫލް ޓީމު ތައްޔާރުކުރަން ސުމިތު ފޮނުވި އެވެ. އެ މަސައްކަތުގެ ނަތީޖާއަކަށްވީ، ދިވެހި ފުޓްބޯޅައިގެ ތެރެއަށް ހުނަރުވެރި އެތައް ކުޅުންތެރިންތަކެއް ނުކުތުމެވެ. ނިއު އާއި 23 އަހަރުން ދަށުގެ ގައުމީ ޓީމަށް އަދި ފަހުން ނިއުގެ އެންމެ ކާމިޔާބު އެއް ޗެއާމަނަށްވި، ވަހީދުގެ ދަރިފުޅު އަލީ އާޒިމަކީ އީޕީއެސްގެ ތެރެއިން ސުމިތު ތަމްރީންކުރި ކުޅުންތެރިޔެކެވެ. އެ ލިސްޓް ވަރަށް ދިގެވެ. ފަހުން މަދަރަސަތުލް އަހުމަދިއްޔާ އަށް ކޯޗުކޮށްދީ އެ ސްކޫލުގެ ކުޅިވަރު ތާރީހު ބަދަލުކޮށްލި އެވެ.

އެކަމަކު އެއީ ފަސޭހަ މަސައްކަތެއް ނޫނެވެ. ފައިސާ އާއި ވަސީލަތްތަކެއް ނެތި އޭނާ ކުރީ ބުރަ މަސައްކަތެކެވެ. އޮފްސައިޑް ގަވާއިދު އެންމެ ރަނގަޅަށް ނޭގުމުގެ ސަބަބުން ދިވެހި ޓީމުތަކުގެ ކޮޅަށް ވަންނަމުން ދިޔަ ގޯލުތައް ހުއްޓުވުމަށްޓަކައި، އޮފްސައިޑް ގަވާއިދަށް ދިވެހި ކުޅުންތެރިން ހޭނުވުން ފަދަ އަސާސީ މަސައްކަތްތައް ވެސް އޭރުގެ ނިސްބަތުން އެއީ ބުރަބޮޑު ކަމެކެވެ.

އޭ ސްކޫލްތަކުން ނެރުނު ކުޅުންތެރިން ނުވަދިހައިގެ ތެރޭގައި ނިއު އަށް އެތައް ކާމިޔާބީތަކެއް ހޯދައިދިން ކުޅުންތެރިންނަށެވެ. މިވަގުތު ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބުގެ ގޮތުގައި ނިއު އޮތްއޮތުމުގެ އެ ކުޅުންތެރިންގެ ދައުރު ބޮޑެވެ. އެކަމަކު ދިވެހި ފުޓްބޯޅައިގެ ބޮޑު ނަމަކަށް ނިއު ވުމުގެ ފެށުމުގެ މުގުލުގައި ވެސް ހުރީ ސުމިތެވެ. ވިކްޓަރީ ސްޕޯޓްސް ކްލަބުން ޖެހިޖެހިގެން ހަތަރު އަހަރު ގައުމީ ތަށި ހޯދާފައިވަނިކޮށް އެ ސިލްސިލާ އަށް ނިއު އިން 1987 ވަނަ އަހަރު ނިމުން ގެނައީ ސުމިތުގެ ކޯޗުކަމުގެ ދަށުންނެވެ.

"އެންމެ ބޮޑު އުފަލަކީ ވިކްޓަރީއާ ވާދަވެރި ޓީމަކަށް ނިއު ހެދުމުގެ ފެށުމެއްގެ ގޮތުގައި މަސައްކަތްކުރެވުމުން،" ސުމިތު ބުންޏެވެ.

ކްލަބް ވެލެންސިއާ ބަލިކޮށް ގައުމީ ތަށި ހޯދުމުގެ އިތުރުން އެ އަހަރު ކަލްކަތާގައި ބޭއްވި ތިން ވަނަ ސާފް ގޭމްސްގައި ރާއްޖެ ތަމްސީލްކުރީ ވެސް ނިއު އެވެ. މޫސާ މަނިކު (ކުޑަމޫސަ) އާއި މުހައްމަދު ކަލީމާއި އަންދަރުސަވާ އިބްރާހިމް ރަޝީދު (އަންދަރޭ) އާއި އެފޯނިއަމް މުހައްމަދު ހަލީމާއި އިސްމާއިލް ޒަރިޔަންދާއި ސައްޔިދު އަލީ އަދި މުހައްމަދު ހާނިމް ފަދަ ކުޅުންތެރިންނާ އެކު ސުމިތު ކުރި މަސައްކަތް އޭނާގެ ހަނދާނުގައި އަދިވެސް ހަރުލާފައިވެ އެވެ.

"އަހަންނަށް އެ ޓީމު މަތިން ހަނދާން ނައްތަލައެއް ނުލެވޭނެ. ސަބަބަކީ އެއީ ޗެމްޕިއަން ޓީމު ކަމަށްވާތީ. އެ ޓީމު ދެކެ އަހަރެން ލޯބިވޭ. ޓީމުގެ ކޮންމެ ކުޅުންތެރިޔަކު ވެސް ކުރެވުނު އެންމެ ގަދަޔަކަށް މަސައްކަތްކުރި،" ސުމިތު ބުނެފައިވެ އެވެ.

އޭގެ ހަތަރު އަހަރު ފަހުން ކޮލަމްބޯ ސާފް ގޭމްސް އަށް ސީދާ ގައުމީ ޓީމު ދިޔަ އެފަދަ އެތައް ކުޅުންތެރިޔަކު ހިމެނުނެވެ. ކެޕްޓަން މުހައްމަދު ކަލީމުން ފެށިގެން އަހުމަދު ނިޔާޒާއި ކުޑަމޫސަ ފާހަގަކުރެވެ އެވެ. އޭރު ރާއްޖެ އަށް ސަރަހައްދުގައި މާބޮޑު ބަޔެއް ނޫނެވެ. އެކަމަކު އެ ކުޅުންތެރިން ދިވެހި ފުޓްބޯޅައިގެ މޫނުމަތި ބަދަލުކޮށްލި އެވެ. ފުރަތަމަ ފަހަރަށް ލަންކާ ބަލިކޮށް ފައިނަލަށް ގޮސް ފައިނަލުގައި ޕާކިސްތަން އަތުން ބަލިވި ނަމަވެސް ދިވެހި ކުޅުންތެރިން ކަރުގައި ރިހި މެޑަލް ކަރުގައި އަޅުވާލީ ފަހުރުވެރިކަމާ އެކު އެވެ. ލިބުނު އުފަލާ އެކު، ދިވެހި ކުޅުންތެރިން ސުމިތު އުރާލީ، އެ ކުޅުންތެރިން އެހިސާބަށް އައުމުގައި އޭނާގެ ފަރާތުން ވަރަށް ބޮޑު އެއްޗެއް އުނގެނިފައިވާތީ އެވެ.

ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ ވެޓްރަންސް ކަޕުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ސުމިތު މިއަދު ރާއްޖެ އަށް ގެނައުމުން ދައްކުވައިދެނީ އަދިވެސް އޭނާއާ މެދު ދިވެހި ފުޓްބޯޅަ އާއިލާގެ ހިތުގައި ގަދަރާއި ލޯބި އޮތްކަމެވެ. ވެޓްރަންސް ކަޕުގެ ކޮންމެ މެޗަކުން ވެސް ޔަގީނުން ވެސް ސުމިތަށް އޭނާގެ ހިދުމަތްތައް ފެންނާނެ އެވެ. ހަމައެއާ އެކު މިހާރު ކުރިއަށްދާ އެސްޓީއޯ މާލޭ ލީގުގެ މެޗަކަށް ވަދެލި ނަމަވެސް ކޮންމެވެސް ދައުރެއްގައި ސުމިތުގެ އެހީތެރިކަން ލިބުނު ފަރާތްތައް ފެންނާނެ އެވެ. އީގަލްސްގެ ގޯލް ބަލަހައްޓާ ލަންކާ ގައުމީ ޓީމުގެ ގޯލްކީޕަރު ސުޖަން ޕެރޭރާ އަކީ ވެސް ސަތޭކަ ޕަސެންޓް ސުމިތުގެ އުފެއްދުމެކެވެ. ކޯޗުންނަށް ބަލާއިރު އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އާއި މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) އާއި ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި ވެލެންސިއާގެ އެސިސްޓަންޓް ކޯޗު އާދަމް އަބްދުއްލަތީފް (ލައްޗޭ) އެވެ.

ނުވަދިހައިގެ އަހަރުތަކުގެ ފަހުކޮޅު އޭނާ ރާއްޖެ ދޫކޮށް ލަންކާ އަށް ދިޔައިރު އެފަދަ ކުޅުންތެރިންނާއި ކޯޗުންގެ މަސައްކަތާ އެކު ދިވެހި ފުޓްބޯޅަ އޮތީ ގަދަ ކަނޑު ހުރަސްކޮށް، ފަޅަށް ވަދެފަ އެވެ. ސަރަހައްދީ ޗެމްޕިއަންކަން ވެސް ހޯދައިފި އެވެ. އަދި ލަންކާގެ މައްޗަށް ހުރިހާ ގޮތަކުން ވެސް ކުރި ހޯދައިފި އެވެ. ކަންދިމާކުރި ގޮތުން ލަންކާ ކޮޅަށް 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭން 10 ގޯލް ޖެހިއިރު ލަންކާ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ވެސް ހުރީ ސުމިތެވެ. މިއަދު ލަންކާ ފުޓްބޯޅަ އޮތީ ގަދަ ކަނޑުގެ ތެރޭގަ އެވެ. މީގެ 30 އަހަރު ކުރިން ދިވެހި ފުޓްބޯޅައަށް އެ ހާލު ޖެހުނު ދުވަހު އެހީވި ސުމިތު މިއަދު އެހުރީ ލަންކާ ފުޓްބޯޅަ ސަލާމަތްކޮށްދޭން ފޫގަޅަޅާލައިފަ އެވެ.