20 މެއި 2018 - 00:51

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނާ ވާދަކުރައްވަން ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު ނުވާނެ ކަމަށާއި ވާދަކުރައްވައިފި ނަމަ، ރައީސް ޔާމީން "މާ ބޮޑުތަނުން ބަލިވެވަޑައިގަންނަވާނެ" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
"ވާދަވެރި، ސުލްހަވެރި، ހަމަހަމަ އިންތިޚާބެއްގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓާއި، އެއީ އެ ޕާޓީގެ މެމްބަރުން ޚިޔާރު ކުރައްވާ ކެންޑިޑޭޓާ ވާދަކުރައްވައިފި ނަމަ ރައީސް ޔާމީން މާ ބޮޑުތަނުން، މާ ބޮޑުތަނުން ބަލިވެވަޑައިގަންނަވާނެ،" މި މަހުގެ 30 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ހަމައެކަނި ކެންޑިޑޭޓް ނަޝީދު ވިދާޅުވި އެވެ.
ގދ. ތިނަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ސްކައިޕް މެދުވެރި ކުރައްވައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ވުރެ އެމަނިކުފާނަށް މާ ބޮޑަށް ވެސް މުހިންމު ކަމަށެވެ. އެހެންވެ، ވާދަވެރިންނާ ވާދަކުރައްވައި، އިންސާފުވެރި، ރިވެތި އިންތިޚާބެއް ބޭއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވުމަށް ރައީސް ޔާމީނަށް، ނަޝީދު އިލްތިމާސް ކުރެއްވި އެވެ.
"މި އިންތިޚާބުގެ މުހިންމުކަން އަޅުގަނޑަށް ވުރެ ބޮޑަށް ތިޔަބޭފުޅުންނަށް، ރާއްޖޭގެ ރައްޔިތުންނަށް ސާފުވެވަޑައިގަންނަވާނެ. ތަކެތީގެ އަގު މިދަނީ އިންތިހާ އަށް އުފުލެމުން. އާމްދަނީ ދަނީ ދަށްވަމުން. ކުލި ބޮޑުވަމުން. ދަތުރުފަތުރުގެ ޚަރަދު ބޮޑުވަމުން. ކާޑުގެ އަގު ބޮޑުވަމުން. ތެލުގެ އަގު ބޮޑުވަމުން. ލޯޝަން ފުޅިއެއް، ސެންޓުފުޅިއެއް، ދަރިފުޅަށް ފޮތެއް، ފަންސޫރެ، ތުއްތު ކުއްޖާ އަށް ކިރު ދަޅެއް، ހުރިހާ އެއްޗެއް ވެސް [ދަނީ އަގު ބޮޑުވަމުން،" މިވަގުތު ސްރީ ލަންކާގައި ހުންނެވި ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިރޭ ވެސް ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިޚާބަށް އެމަނިކުފާނަށް ވާދަކުރެއްވޭނެ ކަމުގެ ޔަގީންކަން އެބަޮތް ކަމަށެވެ.
ނަޝީދު ވިދާޅުވީ، 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވިއިރު ވެސް އެމަނިކުފާނަށް ވާދަ ކުރެވިދާނެ ކަމާ މެދު ބަޔަކު ސުވާލު އުފެއްދި ކަމަށާއި އެކަން ޔަގީންވެގެން ދިޔައީ އެންމެ ފަހު ވަގުތު ކަމަށެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބަށް އެމަނިކުފާނަށް ވާދަ ކުރެއްވޭނެ ކަން ކުރިން ޔަގީން ވާނެ ކަމަށާއި އަދި އެ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބު ކުރެއްވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ އަޅުގަނޑުގެ ނަން ވޯޓު ކަރުދާސް ކޮޅުގައި ޖެހުމަށް [2008، 2013 ގައި ވެސް] ނިމުނީ އެންމެ ފަހުން. އިރާދަކުރެއްވިއްޔާ މި ފަހަރު މިކަން މާ ކުރިއަށް ސާފުވެގެން ދާނެ،" ނަޝީދު ވިދާޅުވި އެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބު އެންމެ މުހިންމު ވަނީ ރައްޔިތުންނަށް ކަމަށާއި އިންތިޚާބުގައި ވޯޓުލާއިރު އެކަމަށް ރައްޔިތުން ވިސްނުމަށް ނަޝީދު އިލްތިމާސް ކުރެއްވި އެވެ. އެގޮތުން ތަކެތީގެ އަގު ބޮޑުވަމުން ދިއުމާއި އިޖުތިމާއީ އަދި އިގްތިސާދީ މައްސަލަތައް ބޮޑުވެފައިވާ ކަން ފާހަގަ ކުރައްވައި، ނަޝީދު ވަނީ އިންތިޚާބުގައި ރައްޔިތުންގެ ބަސް އިއްވުމުގައި އެކަމަށް ވިސްނުމަށް އެދިވަޑައިގެންފަ އެވެ.
"ދޮރުންދޮރަށް ހިންގަވައި ޕޯސްޓަރު ހިއްޕަވައި ބެނާތައް ދަންމަވާ. އެއްވުންތައް ބާއްވަވާ. ޖަލްސާތައް ބާއްވަވާ. ހިނގާލުންތައް ބާއްވަވާ. ހިޔާލުފާޅުކުރައްވާ،" ނަޝީދު ވިދާޅުވި އެވެ.
"މި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ތިޔަބޭފުޅުން ވިދާޅުވާން ތިޔަ އެދިވަޑައިގަންނަވާ ބަސް އަޑު ހަރުކޮށް ވިދާޅުވޭ. އަޅުގަނޑު ދެކޭގޮތުގައި ތިޔަބޭފުޅުންގެ ބަސް ވިދާޅުވީމާ، ދިވެހި ސަރުކާރަކަށް ވެސް އަދި ބޭރުގެ ފަރާތްތަކަކަށް ވެސް އެ އަށް ބީރު ކަންފަތެއް ނުދެވޭނެ. އަޅުގަނޑު ނުކުމެ މިހުރީ އަޅުގަނޑުގެ ހިތުގެ އަޑިން ވަރަށް ބޮޑަށް ގަބޫލުކުރެވޭ ކަމުން، މި ރިޔާސީ އިންތިޚާބުގައި އަޅުގަނޑަށް ވާދަކުރެވޭނެ ކަމާއި އަދި އިރާދަކުރެއްވިއްޔާ މި އިންތިޚާބު އަޅުގަނޑުމެން ކާމިޔާބު ކުރާނަން."
ނަޝީދު ވިދާޅުވި ގޮތުގައި ރިޔާސީ ނިޒާމެއް ރާއްޖޭގައި އޮތުމަށް ދިވެހިން ނިންމީ ވާދަވެރި ސިޔާސީ ނިޒާމެއް ގެނައުމުގެ ގޮތުންނެވެ. އަދި އަނިޔާވެރި ސިޔާސީ ނިޒާމެއް ގެނައުމުގެ ގޮތުން ނޫން ކަމަށް ވިދާޅުވި އެވެ.
އެކަމަކު، ނަޝީދު ވިދާޅުވީ މިއަދު ފެންނަނީ އެ މަންޒަރު ނޫން ކަމަށާއި ލާމަރުކަޒީ ނިޒާމު ހުއްޓުވާލާފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ހައްޔަރު ކުރުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ނަޝީދު ތުހުމަތު ކުރެއްވި އެވެ. ރާއްޖެ މިހާރު ދަނީ ބޮޑު އަނދަވަޅަކަށް ވެއްޓެން ކަމަށާއި އެކަމުން ރައްޔިތުން ސަލާމަތް ކޮށްދެއްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މިދިޔަ 2-3 އަހަރުގެ ތެރޭގައި 26 އަށް ވުރެ ގިނަ މީހުން ރާއްޖޭގައި ވަނީ މަރާލައިފަ އެވެ. އަދި އެ މައްސަލަތަކުގައި ފުރިހަމަ ތަހުގީގެއް ނުކުރާ ކަމަށާއި އެކަން ހިންގި ބަޔަކު އަދިވެސް ސާފުނުވާ ކަމަށް ވިދާޅުވި އެވެ.