19 މެއި 2018 - 15:32

ކ. ތިލަފުށީގެ އިންޑަސްޓްރިއަލް ޒޯން (ޓީއައިޒެޑް) ސަރަހައްދުން، ގުދަންކުރުމަށާއި ސިނާއީ މަސައްކަތްތަކަށް 11 ބިމެއް ކުއްޔަށް ދޭން ހުޅުވާލައިފި އެވެ.
ސިނާއީ މަސައްކަތްތަކަށާއި ގުދަންކުރަން ހާއްސަކޮށްފައިވާ ރަށް ބަލަހައްޓާ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އިން މިދިޔަ ހަފުތާގައި ނެރުނު އިއުލާނެއްގައިވާ ގޮތުން އިންޑަސްޓްރިއަލް ޒޯނުން ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ފަރާތަކަށް ވެސް އެންމެ ގިނަވެގެން ބީލަން ހުށަހެޅޭނީ ތިން ބިމަށެވެ. އަދި ކުއްޔަށް ހިފަން ބޭނުންވާ ކޮންމެ ބިމެއް ރަޖިސްޓްރީ ކުރުމަށް 200ރ. ނަގަ އެވެ.
އެ ކުންފުނިން ބުނީ ބީލަން ހުށަހަޅަން ގަސްތުކުރާ ކޮންމެ ބިމަކަށް ވަކިން ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށެވެ. އަދި ރަޖިސްޓްރޭޝަން ފީއަކީ އަނބުރާ ނުލިބޭ ފީއެއް ކަމަށް ވެސް ޖީއެމްއައިޒެޑްއެލްގެ އިއުލާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، ބީލަން ހުށަހަޅާ ކޮންމެ ބިމަކަށް 5,000ރ. ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހޭނެ އެވެ. ބިޑް ސެކިއުރިޓީ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ 12:00 އަށް ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ. އޭގެ ކުރިން ބިޑް ސެކިއުރިޓީ ނުދައްކައިފި ނަމަ ބިޑް ހުށަހެޅުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.
އެ ކުންފުނިން ބުނީ ބީލަން ހުށަހެޅުމާއި ހުޅުވުމުގެ ބައްދަލުވުން އޮންނާނެ ތަނެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.
އެކި މަސައްކަތަށް ހާއްސަކޮށްގެން ދޫކުރާ ބިންތަކުގެ ސައިޒު އުޅެނީ 1،995 އަކަފޫޓާއި 20،067 އަކަފޫޓާ ދެމެދުގަ އެވެ.
އެތައް އަހަރެއް ފަހުން ތިލަފުށިން ބިން ކުއްޔަށް ދޫކުރަން އިއުލާންކުރިއިރު ބިމުގެ ކުލި ފެށޭ އަގެއް ހާމަކޮށްފައެއް ނުވެ އެވެ.