20 މެއި 2018 - 08:06

މަޝްހޫރު ފޯނުތަކާ ބެހޭ ގޮތުން އިންޓަނެޓްގައި ފަތުރާ ޚަބަރުތައް ގިނަ ފަހަރު ސީދާވެ އެވެ. ސެމްސަންގް ގެލަކްސީ ނޯޓް 9 އާ ބެހޭ ގޮތުން މިހާރު ދެކެވޭ ވާހަކަތަކުގައި ވެސް ސައްހަ މައުލޫމާތު ގިނަވާނެ ކަމަށް ބެލެވެނީ އެހެންވެ އެވެ.
ގެލަކްސީ ނޯޓް މަރުކާގެ ފޯނުތައް އާންމުކުރުމުގައި ސެމްސަންގް އަމަލުކުރާ އާދަކާދަ އަށް މި އަހަރު ބަދަލު ގެންނަން އުޅޭ ވާހަކަ އެބަ ދެކެވެ އެވެ. ގެލަކްސީ ނޯޓް 9 އަދި އަންނަ އަހަރަށް ތައްޔާރުކުރާ ގެލަކްސީ އެސް10 މާކެޓަށް ނެރޭ ތާރީޚު އަވަސްކުރަން ސެމްސަންގް މަސައްކަތްކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސެމްސަންގުން މިހާރު ވިސްނަނީ ޖުލައި ފަހުކޮޅު ނޯޓް 9 ނެރުމަށެވެ. ގެލަކްސީ އެސް10 އަށް އޮތް ތާރީޚަކީ އަންނަ އަހަރު ޖެނުއަރީ ކަމަށް ވެ އެވެ.
ބާރުގަދަ ފޯނުތައް ނެރޭ ތާރީޚަށް ގެންނަ ބަދަލާ ބެހޭ ގޮތުން ސެމްސަންގުން އެކައްޗެކޭ ވެސް އަދި ނުބުނެ އެވެ. ނަމަވެސް މަސްރަހު ލަފާކުރާ މީހުން ދެކޭ ގޮތުގައި، އަސްލު ބޭނުމަކީ ވިޔަފާރި ނަފާ އިތުރުކުރުމެވެ.
އެއް ކުންފުންޏަކުން ދާދި އެއް މިންގަނޑެއްގެ ފޯނުތައް ކައިރި ކައިރީގައި ނެރުމުން، ގަންނާނެ ނުގަންނާނެ ފޯނެއް ކަސްޓަމަރުންނަށް ނޭނގި އޮޅުން އެރުމަކީ ވެސް ވިޔަފާރި ދަށްވާ ސަބަބެކެވެ. އަނެއްކޮޅުން ވާދަވެރިންގެ ފޯނުތައް މާކެޓަށް ނެރޭ ތާރީޚާ ދީމާވާ ގޮތްވުމަކީ ވެސް ވިޔަފާރި ދަށްވުމަށް އޮތް ސަބަބެކެވެ.
ނޯޓް 9 ނެރުން އަވަސްކުރާ ސަބަބެއް ކަމަށް، ސެމްސަންގެ ރޭވުންތައް އެނގޭ މީހަކު ބުނީ އެއީ އެ ކުންފުނިން މުޅިން އަލަށް ތައާރުފުކުރާ "ފަތްޖަހާލެވޭ" ފޯނަށް ޖާގަހެދުމަށް ކަމަށެވެ. ފަތްޖަހާލެވޭ ފޯނަށް ބޭނުންވާ ބައިތައް ޓެސްކޮށް މުޅިން ފައްކާކުރުމަށް ކަމަށެވެ.
ގެލަކްސީ ނޯޓް 9 ޖުލައި މަހަށް ތާވަލުކުރުމަށް ފަހު، އަންނަ އަހަރު ޖެނުއަރީގައި އޮންނަ ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯގައި ގެލަކްސީ އެސް10 ދައްކާލާނެ ކަމަށް ބުނެވެ އެވެ. އަދި ފެބްރުއަރީ 2019 ގައި އޮންނަ ވޯލްޑް މޮބައިލް ކޮންގްރެސް ފެށެން ވާއިރަށް، ފަތްޖަހާލެވޭ ފޯނު ތައްޔާރުކުރާނެ ކަމަށް ވެސް ބުނެވެ އެވެ.